ޙައްޖުވެރިންނަށް ކަންކަން ފަސޭހަކޮށްދިނުމަށް މަޝްވަރާ ކޮށްފި

ސައުދީގެ ޙައްޖު މިޝަންއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ އިސްލާމިކް މިނިސްޓްރީ

ދިވެހި ޙައްޖުވެރިންގެ ކަންކަން ފަސޭހަ ކަމާއެކު ކުރިއަށްގެންދިއުމާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވާ ދިވެހި ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމާބެހޭ ގޮތުން މަޝްވަރާ ކުރެއްވީ ސައުދީ އަރަބިއްޔާއިގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ޙައްޖު މިޝަންސްގެ ޑިރެކްޓަރު ޖެނެރަލް އުސްތާޛު ބަހާއު ޙަލަވާނީއާއި، ދިވެހި ޙައްޖު މިޝަންގެ ރައީސް، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު އަނިލް އެވެ.

މި ބައްދަލުވުމުގައި ސައުދީ ސަރުކާރުން ރާއްޖެއާމެދު ބަހައްޓަމުން އަންނަ ގާތްކަމަށް ޓަކައި ސައުދީ ރަސްގެފާނަށާއި ވަލީ އަހުދަށް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ސައުދީ ޙައްޖު މިޝަންގެ ޑިރެކްޓަރު، ބަހާއު ޙަލަވާނީ ވަނީ ދިވެހި ޙައްޖުވެރިންނަށް ދިމާވާ ދަތިތައް ލުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޙައްޖުގެ އިންތިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަށް ޙައްޖުވެރިން ހޭލުންތެރި ކުރުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް މިއަހަރު ލިބިފައިވަނީ 452 ޖާގައެވެ. މި ޖާގަތައް އެެއްކޮށް ދީފައިވަނީ ޙައްޖު ކޯޕަރޭޝަނަށެވެ. މީގެ ތެރެއިން 352 ޖާގަ، އެ ކޯޕަރޭޝަންގެ ކިޔުގައި މިވަގުތު ތިބި މީހުންނަށް ޚާއްސަކޮށްފައިވާއިރު، ބާކީ 100 ޖާގައަށް ވަނީ އައްމުކޮށް ހުޅުވައިލައިގެން މީހުން ހޮވުމަށް ނިންމާފައެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް ދާ މީހުން ފުރަން ހަމަޖައްސާފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ މި މަހުގެ 26، 29 އަދި ޖުލައި މަހުގެ ދެވަނަ ދުވަހެވެ.

ސައުދީ ސަރުކާރުން ނިންމާފައިވަނީ މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ، އުމުރުން 65 އަހަރުން ދަށުގެ މީހުންނަށް ކަމަށެވެ. މީގެ އިތުރުން ސައުދީން ބޭރުން ޙައްޖަށް އަންނަ މީހުންނަށް އެތެރެވުމުގައި ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަންޖެހެއެވެ.

މުޅި ދުނިޔެއަށް ކުރިމަތިވި، ކޮވިޑުގެ އާލަމީ ވަބާގެ ސަބަބުން މެދުކަނޑާލައި ބޭއްވުމަށްފަހު، ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމުގެ ފުރުސަތު ދީފައި މިވަނީ ދެ އަހަރު ފަހުންނެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށޭ ދުވަހަކީ ކުރިއަށް އޮތް ޖުލައިމަހުގެ އަށް ވަނަ ދުވަހެވެ.

comment ކޮމެންޓް