ލީޑްސްގެ އިތުބާރު މީޑްފީލްޑާ ފިލިޕްސް ސިޓީއަށް ބަދަލުވަނީ

ކެލްވިން ފިލިޕްސް---

އިނގިރޭސި ޕްރިމިއާ ލީގުގެ ލީޑްސް ޔުނައިޓެޑަށް ކުޅޭ ހުނަރުވެރި މިޑްފީލްޑާ ކެލްވިން ފިލިޕްސް ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ބަދަލުވާނެކަމަށް މީޑިއާ ރިޕޯޓުތައް ބުންނަން ފަށައިފިއެވެ.

ސްކައި ސްޕޯޓްސްއިން ރިޕޯޓުކޮށްފައި ވާގޮތުގައި ލީޑްސްއިން ފިލިޕްސް ވިއްކުމަށް ހުށަހަޅާފައިވާ އަގު ދިނުމަށް ސިޓީން ނިންމާފައިވެއެވެ.

މި ޓްރާންސްފާ މާކެޓުގައި ސިޓީގެ ކެޕްޓަން ފަނާންޑީނިއޯ އެ ޓީމު ދޫކޮށްލާނެކަމަށް ބެލިވިފައިވާއިރު ސިޓީން ގަބޫލުކުރާ ގޮތުގައި އެ މަގާމު ފޫބެއްދުމަށް އެންމެ އެކަށޭނެ ކުޅުންތެރިއަކީ ފިލިޕްސްއެވެ.

އިނގިރޭސި ގައުމީ ޓީމުގައި ވެސް ފިލިޕް ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. އޭނާ ގައުމީ ޓީމުން ގަވާއިދުން މިހާރު ޖާގަ ހޯދަމުންދާއިރު ގިނަ ޓީމުތަކަކުން ވަނީ ފިލިޕްސް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އުމުރުން 26 އަހަރުގެ ފިލިޕްސް ވަނީ މިހާތަނަށް ލީޑްސްއަށް 214 މެޗު ކުޅެ 13 ގޯލު ޖަހައިދީފައެވެ. އަދި އިނގިރޭސި ގައުމީ ޓީމަށް 23 މެޗެއް މިހާތަނަށް ވަނީ ކުޅެފައެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސިޓީން އަންނަނީ އެ ޓީމު އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. ޔޫކްރޭންގެ ޒުވާން ޑިފެންޑަރު ޒިންޗެންކޯ ދޫކޮށްލުމަށްފަހު ބްރައިޓަންއަށް ކުޅޭ ސްޕެއިންގެ މާކް ކުކުރެލާ ހޯދަމަށް ސީޓީން މަސައްކަތް ކުރަމުންނެވެ.

ޒިންޗެންކޯއަކީ ސިޓީގެ ވާތު ފަޅިން ފަހަތަށް ކުޅޭ ކުޅުންތެރިއެކެވެ. ނަމަވެސް ގިނަ މެޗުތަކުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އޭނާ ބޭނުންކުރަނީ މެދުތެރެއިން ވާއަތުފަޅިއަށް ކުޅޭ ކުޅުންތެރިއައްގެ ގޮތުގައެވެ.

ސިޓީގެ ޑިފެންސްލައިނުގައި ޖައޯ ކޮންސޭލޯ އަދި މެދުތެރޭގައި ބަނާޑޯ ސިލްވާއާއި ކެވިން ޑިބްރޫނާގެ މޮޅުކުޅުމުގެ ސަބަބުން ޒިންޗެންކޯއަށް ފުރުސަތު ލިބެނީ މަދު މެޗެއްގައެވެ.

އެހެންކަމުން މި ޓްރާންސްފާ މާކެޓުގައި ގިނަ ފުރުސަތު ލިބޭނެ ޓީމަކަށް އޭނާ ބަދަލުވާނެކަމަށް ބެލޭވޭއިރު ސިޓީން ވެސް އޮތީ ޒިންޗެންކޯ ދޫކޮށްލުމަށް ތައްޔާރަށެވެ.

ސިޓީން މަސައްކަތް ކުރަނީ ސްޕެއިންގެ ކުކުރެލާ އެ ޓީމަށް ގެނައުމަށެވެ. ބްރައިޓަންގައި އޭނާ މި ސީޒަނުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގިނަ ޓީމުތަކަކުން ދަނީ ކުކުރެލާ ހޯދުމަަށް މަސައްކަތް ކުރަމުންނެވެ.

ބްރައިޓަން އަށް ކުޅެމުން އަންނަ އުމުރުން 23 އަހަރުގެ މާކް ކުކުރެލާ އަކީ ބާސެލޯނާގެ ޔޫތު އެކެޑަމީން ތަމްރީނުވެ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅެންފެށި ކުޅުންތެރިއެކެވެ.

މިދިޔަ އަހަރު ބްރައިޓަންއާ ގުޅި ކުކުރެލާ ވަނީ އެ ޓީމަށް 35 މެޗު ކުޅެދީ ގޯލެއް ވެސް ޖަހައިދީފައެވެ. އަދި ނިމިދިޔަ ސީޒަންގައި އެ ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ ވެސް ކުކުރެލާއެވެ.

comment ކޮމެންޓް