ރާއްޖެއާއި އިންޑިއާގެ ގުޅުން ބިނާވެފައިވަނީ ދެގައުމުގެ ވެސް ގަބޫލުކުރުންތަކުގެ މައްޗަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރް އާއި ބައްދަލު ކުރައްވަނީ--- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއާއި އިންޑިއާއާ ދެގައުމުގެ ގުޅުން ބިނާވެފައިވަނީ ތާރީޚާއި ސަގާފަތާއި ދެގައުމުގެ ވެސް ގަބޫލުކުރުންތަކުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސްގެ އަރިހަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރުވާންޑާގެ ކިގާލީ މެރިއޮޓް ހޮޓެލްގައެވެ.

އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި އިންޑިއާގެ ދޭދޭ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ދެ ގައުމަށް ވެސް ފައިދާވާ ގޮތަށް ދެ ގައުމުން ވެސް ޝައުގުވެރިވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބޭރު ގައުމުތަކާއެކު ރާއްޖެއިން ބާއްވާ ގުޅުން ހަރުދަނާކޮށް ވަރުގަދަކުރުމަކީ މި ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދޭ ކަމެއްކަމުގައި ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަރައްގީގައި އިންޑިއާއިން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ދެބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ރުވާންޑާއަށް ވަޑައިގަތީ ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022 ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި އަދި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް