ކަނޑުމަގުން ރާއްޖެ އައި ބޯޓަކުން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފި

ކަސްޓަމްސް ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަނޑުމަގުން ރާއްޖެ އައި ބޯޓަކުން ގިނަ އަދަދެއްގެ ބަނގުރަލާއި އެހެނިހެން މަނާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މިދިޔަ ބުދަ ދުވަހު ބެންކޮކުން ފުރައިގެން ގއ. ކޫއްޑޫއަށް އައި މިފްކޯ ބޯޓެއް ކަމަށްވާ އެމްވީ ޖަޒީރާ ރީފާ ބޯޓުގައި ގާނޫނާއި ގަވާއިދާ ޚިލާފު އެއްޗެއް ހުރިކަމަށް އެ އިދާރާގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުންނާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާ ގުޅިގެން ކަސްޓަމްސްއިން ބަލައި ފާސްކުރުމުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ބޯޓްގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އެހެނިހެން މަނާތަކެތި ވަނީ ފެނިފަ،" ކަސްޓަމްސް އިން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ބޯޓުން ފެނިފައިވާ ބަނގުރާތައް ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ކަަސްޓަމްސްއިން ބުނެއެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުން ހުއްޓުވުމަށްޓަކައި ކުރާ މަސައްކަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި މިދިޔަ ޖެނުއަރީ މަހުގައި ވަނީ ސްޕެޝަލް އޮޕަރޭޝަންގެ ޓެކްނިކަލް ޓީމެއް، މާލެއާއި ރީޖަނަލް ކަސްޓަމްސްތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ.

comment ކޮމެންޓް