ހުމާއި ރޯގާ އިތުރުވެ އައިޖީއެމްއެޗްގައި ފްލޫ ކްލިނިކްގެ ޚިދުމަތް ފަށައިފި

އައިޖީއެމްއެޗް ހޮސްޕިޓަލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުމާއި ރޯގާ ޖެހިގެން އައިޖީއެމްއެޗުން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެފައިވާތީ އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއްގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އަޖީއެމްއެޗް ހޮސްޕިޓަލުން މިރޭގެ ވަގުތެއްގައި ނެރުނު ނޫސްބަޔާނެއްގައި ވަނީ ހުމާއި ރޯގާ ޖެހިގެން އެ ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެފައިވާކަމަށެވެ.

"މި ދުވަސްކޮޅަކީ ހުމާއި ރޯގާ އިތުރުވެ މި ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުން އިތުރު ދުވަސްކޮޅެއް. އެހެންވެ މި ހޮސްޕިޓަލުގެ ފްލޫ ކްލިނިކުން އެފަދަ ބަލި މީހުންނަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖެހިފަ،" އެ ބަޔާނުގައިވެއެވެ.

އެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކުން ހެނދުނު 08:00 އިން ރޭގަނޑު 11:00އަށް ޚިދުމަތް ލިބޭނެ ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.

އެންމެ ފަހުން އެޗްޕިއޭއިން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އާންމު ރޯގާތައް ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

އެގޮތުން މިދިޔަ މޭ މަހު 13361 މީހަކު އަރިދަފުސް ރޯގާ ޖެހިގެން ފަރުވާ ހޯދާފައިވާއިރު ޑެންގީ ޖެހިގެން 185 މީހަކު ރިޕޯޓުކޮށްފައިވެއެވެ. އަދި ބޭރަށް ހިންގާތީއާއި ހޮޑުލެވޭތީ 1824 މީހަކު ވަނީ ޑޮކްޓަރަށް ދައްކާފައެވެ.

އާންމު ބަލިތައް ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު އިތުރުވެފައިވާއިރު ބަލިތަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން މީގެ ކުރިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް