ނާޒިމް ސައްތާރު ފުލުސް އޮފީހަށް ހާޒިރުކޮށްފި

ވަކީލް ނާޒިމް ސައްތާރު ---

ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި ގާނޫނީ ވަކީލް އަޙުމަދު ނާޒިމް ޢަބްދުލް ސައްތާރު، އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ލީކުވި މައްސަލަ ފުލުހުން ބަލަން ފަށާފައިވަނިކޮށް އޭނާ ފުލުސް އޮފީހަށް މިރޭ ހާޒިރުކޮށްފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ނާޒިމް ފުލުހަށް ހާޒިރުކޮށްފައިވަނީ މިއަދު ހަވީރު 17:00 ހާއިރުއެވެ. އަދި އޭނާ ފުލުސް އޮފީހުން ނިކުތީ 18:40 ހާއިރުއެވެ.

އެކަމާ ގުޅުގެން މި ނޫހުން ފުލުހުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން ފުލުހުންގެ ފަރާތުން އެއްވެސް ބަހެއް ލިބިފައިނުވާތީ ނާޒިމް މިއަދު ފުލުސް އޮފީހަށް ހާޒިރުކުރީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭ ވީޑިއޯއާ ގުޅިގެން ކަމެއް ސާފުވާގޮތެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ލީކްކޮށްލާފައިވާ ވީޑިއޯއިން ފެންނަނީ ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރެވެ. އޭގެ ތެރެއިން އެކަކީ ނާޒިމް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް ނާޒިމް އެ ތުހުމަތުތައް ދޮގުކުރެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ނާޒިމްގެ ވީޑިއޯ މައްސަލައިގެ ތަހުގީގު މިއަދު ފަށާފައިވާ ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން،" ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ވެސް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެ ކުރިން ފަށާފައި ކަމަށެވެ.

އެ މައްސަލަތަކާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ގޮސްދާނެތީ ޕާސްޕޯޓް ހިފެހެއްޓުމަށް ވެސް ގޮވާލައިފައިވެއެވެ.

އޭގެ އިތުރުން މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ސަރުކާރުން މީގެ ކުރިން އިހުމާލު ވެފައިވާ ކަމަށް ވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.

comment ކޮމެންޓް