ހައި ސްޕީޑް ފެރީގެ ޚިދުމަތް އާދިއްތަ ދުވަހު ހއ. އަތޮޅުގައި ފަށަނީ

ހއ. އަތޮޅަށް މިއަދު ފުރުވާލެވުނު 5 ފެރީ--ޕޮޓޯ/އެމްޓީސީސީ

އަންނަ އާދިއްތަ ދުވަހު ހއ. އަތޮޅުގައި ހައި ސްޕީޑް ފެރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި ހއ. އަތޮޅުގައި ޚިދުމަތް ދިނުމަށް ޖުމްލަ ފަސް ފެރީ ބޭނުންކުރާނެއެވެ. އެ ފަސް ފެރީ މިއަދުގެ ވަގުތެއްގައި މާލެއިން އެ އަތޮޅަށް ފުރާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މާދަމާގެ ވަގުތެއްގައި އެ ފެރީތައް ހއ. އަތޮޅުގައި ބަނދަރު ކުރާނެ ކަމަށާއި އާދީއްތަ ދުވަހު ރަސްމީކޮށް ދަތުރުތައް ފަށާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ހއ. އަތޮޅަށް މިއަދު ފުރުވާލެވުނު 5 ފެރީ--ޕޮޓޯ/އެމްޓީސީސީ

ހައި ސްޕީޑް ފެރީގެ ޚިދުމަތްދޭ އާރުޓީއެލް ފެރީގެ ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019އިން، 2023ގައި މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ޕަބްލިކް ފެރީގެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

އެ ޚިދުމަތް ރަސްމީކޮށް ދޭން ފެށީ މި މަހުގެ 12 ވަނަ ދުވަހު ހދ. އަތޮޅުގައެވެ. އޭގެ ކުރިން، މިދިޔަ މަހުގެ ދެވަނަ ދުވަހުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެ އަތޮޅުގައި ޓެސްޓު ދަތުރުތަކެއްކޮށްފައިވެއެވެ. އަދި މި ދަތުރުތަކުގައި އެއްވެސް އުޖޫރައެއް ދަތުރުވެރިންގެ އަތުން ނަގާފައެއް ނުވެއެވެ.

މުޅި ޖުމުލަ 50 މީހުންގެ ޖާގައިގެ އެ ފެރީތަކުގައި ދެ ސީޓު ޚާއްޞަކޮށްފައި ވަނީ ފުރޮޅުލީ ގޮނޑީގައި ތިބޭ މީހުންނަށެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ފެރީތަކުގައި ހިލޭ ދަތުރު ކުރެވޭއިރު، ދަތުރުކުރާ ކޮންމެ މީހަކާއެކު ތިން އަހަރުން ދަށުގެ ކުއްޖަަކަށް ވެސް ހިލޭ ދަތުރުކުރެވޭނެއެވެ.

comment ކޮމެންޓް