ޔޯގާ ހަމަނުޖެހުން: އިތުރު ތިން މީހަކު ހައްޔަރުކޮށްފި

ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރަނިކޮށް ބަޔަކު އަރާ ހަމަނުޖެހުން ހިންގަނީ--ފޮޓޯ/ސަން ފައިލް

މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި، ހިނގި ހަމަ ނުޖެހުމާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ނަމަވެސް އެ މީހުންގެ ވަނަވަރު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހަމަނުޖެހުމާ ގުޅިގެން މިހާރު ޖުމްލަ 15 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭން ގިނަ ބަޔަކަށް މިހާރު ވަނީ ބަަންދުގެ މުއްދަތުވެސް ޖަހާފައެވެ. އެގޮތުން، އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމްގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްދިންއިރު މުޙައްމަދު އިސްމާއީލްގެ ބަންދަށް ވަނީ ފަސް ދުވަސް އިތުރުކޮށްދީފައެވެ.

އެ ދެ މީހުންގެ އިތުރުން ދެން ހައްޔަރުކުރި މީހުންގެ ތެރެއިން ގއ. މާމެންދޫ, އަސްރަފީވިލާ، އަޙްމަދު ނަސޫޙް އަދި ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢުގެ ބަންދަށް ވަނީ 60 ދުވަސް އިތުރުކޮށްދީފައެވެ.

ށ. މިލަންދޫ, ނާޒް، އައްޝައިޚް ފަޒްލޫން މުޙައްމަދުގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްދިންއިރު ސ. ހިތަދޫ, އޯކިޑްވިލާ، އިބްރާހީމް ރައްޒާންގެ ބަންދަށް ވަނީ ފަސް ދުވަސް އިތުރުކޮށްދީފައެވެ.

އެ މައްސަލައާ ގުޅިގެން އަންގާރަ ދުވަހު ހަ މީހަކު ހައްޔަރު ކުރިއެވެ. އެ މީހުންނަކީ ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޒިލްޔަން އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދެވެ.

އެ ހަ މީހުންގެ މުއްދަތު ވެސް ބުދަދުވަހު ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްދީފައެވެ.

މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަމަނުޖެހުމުގައި ބައިވެރިވި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޓުވީޓެއް ކުރައްވާފައިވާއެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ވަނީ ކެބިނެޓްގެ ސަބް ކޮމިޓީއެއް އުފައްދާފައެވެ.

comment ކޮމެންޓް