"ފާތިހާ ސޫރަތަކީ ހަމައެކަނި ސޫރަތެއް ނޫނެވެ. އެއީ ކޮންމެ މައްސަލައަކަށް އޮތް ކަރާމާތެއްފަދަ ބޭހެކެވެ."

***

އަސްލަން އޭނަގެ މަންމަ ގާތު އަލާނާ ވަރިކުރި ވާހަކަ ބުނުމުން ދެރަވެގެންގޮސް ހިތްހަލާކުވެއްޖެކަމަށް ބުނެފައި އަލުން ކައިވެނި އިއާދަކުރަން އެދި އާދޭސްކުރަން ފެށިއެވެ.

"ދަރިފުޅު މަންމަގެ ބަސް ގަބޫލުކުރޭ.ނޫނީ ފަހުން ހިތާމަކުރަން ޖެހިދާނެ. ސިއާރާފަދަ ކެހިވެރި އަންހެންކުއްޖަކަށްޓަކާ ޖަވާހިރެއް އެއްލާނުލާ...." ޒެފްރީނާ އާދޭހުގެ އަޑަކުން ބުނެލިއެވެ."މަންމަގެ ހަޔާތުން ފިލާވަޅެއް ނުލިބޭތަ؟ މައިންބަފައިން ބުނާގޮތަށް ހެދިނަމަ މިހެން ނުވީސް..........."

"މަންމަމެން އަމިއްލަ އެދުން އިސްކޮށްގެން ދޮން މީހަކާއި ކައިވެނި ކުރުމުން މަންމަގެ ދިރިއުޅުމަށް ވީ ކިހިނެއް؟ އެންމެ ރަގަޅު. ބައެއްފަހަރަށް ހަމަ އުފާވެރިކަން ލިބިދާނެ. ދުނިޔޭގެ ނިއުމަތްތަކާއި މަޖަލާއި ކުޅިވަރުގައި ހޭދަކުރެވިދާނެ. އެކަމަކު ދަރިފުޅު މިހެން ވިސްނަބަލަ. ދުނިޔޭގެ ހަޔާތަކީ ކިހާ ކުރު އެއްޗެއް. ލޯބިވާ ދަރިން ކާފަރުކުރުމުން ކޮން އުފަލެއް ފަހުން ލިބޭނީ؟އެހެންވެ މަންމަ ވަރަށް ހިތާމަކޮށްފިން. މަންމަ އެހެންވެ މިހާރު މިއުޅެނީ އެވެއާނެސް އިތުރުކުރަން. ސޯލިހު އަޅުވެރި ފިރިހެނެއް ހޯދައިގެން ޖަންނަތަށް އެކީ ދާން މަސައްކަތްކުރުވުމަށް......"

އަސްލަން މަންމަގެ ވާހަކަތައް އަހަން އިނދެފައި އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ.

***

އަސްލަން އެޕްލް ސައިޑާ ތަށިން އެތިފޮދެއް ބޯލުމަށްފަހު ކުޑަދޮރުގެ ފޮތިގަނޑު ކަހާލައިފިއެވެ. ފެނުނު މަންޒަރަކުން ހިތް ކުދިކުދިވެގެން ފައިބައިގަތްހެން ހީވިއެވެ. އެލިޔަސްއާއި ސިއާރާ އަތުގުޅުވާލައިގެން ސްނޯމަތީގައި ހިނގާފައި ދިޔައިރު ހީފައި ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. ވަރަށް ލޯބިން އުޅޭފަދައެވެ. އަސްލަންއަށް ލޯ މަރާ ބާރުކޮށްލެވުނެވެ. ދެވަނަ ފަހަރަށް ލޯ ހުޅުވައިލީ އެމަންޒަރު ގެއްލުމަށް އެދި ހިތާހިތުން ދުޢާކޮށްލަމުންނެވެ. މަންޒަރު ބަދަލުވީ ކުރިއަށްވުރެވެސް ދެމީހުން ގާތްކުރުވަމުންނެވެ.

"އައި ތިންކް......ސިއާރާގެ އުފަލަށްޓަކާ އަހަރެން ސެކްރިފައިސްވާނީ. އެދެމީހުންގެ ދޭތެރެއަށް ނުވަންނާނަން. އަހަރެން ފަނާވެދިޔަސް ހެޔޮ. ލޯބީގެ ދެވަނަ ނަމަކީ ގުރުބާނީއޭ ބުނެ އުޅެއެއްނު..."

"އެހާ އަވަހަށް ގިވްއަޕްކުރީތަ؟ ދިރިއުޅުމަކީ ކުރު އެއްޗެއް. ގަދަކަމުންވެސް ފޭރިގެން ބޭނުން އެއްޗެއް ހާސިލުނުކޮށްފިއްޔާ ދެން ލިބޭނީއެއް ނޫން....." އަސްލަންގެ ސިކުނޑީގެ ކަނަކުން ހިތްވަރުދޭންފެށިއެވެ.

***

އެރިކް ޗީޒް ސްކޯންއާއިއެކު އެޕްލް ސައިޑާތަށްޓެއް ބޯން އިނީ ގަހެއްގެ ދަށުގައި ހުރި ދިގު ގޮނޑިއެއްގައެވެ. އަސްލަން ޗިޕްސްކަމުން އައިގޮތަށް ސްނޯގަނޑު މައްޗަށް ވެއްޓިގަތެވެ.

"އަހަރެމެން ހިތުގެ ޑޮކްޓަރުންނަށް ވިކަން ނަސީބެކޭ ހިތަށްއަރާ. ފާޑު ފާޑު ފާސްޓްފުޑް އެއްޗެހި ކައިގެން ހިތުގެ ބަލިތައް ޖެހުނީމަ އެކަކު އަނެކަކަށް ޓްރީޓްކުރާނީ ދޯ. ހިތަކީވެސް އަޖައިބެއްފަދަ އެއްޗެއްނު. ވަރުބަލިކަމެއްނެތި މިހެން ލޭ ޕަމްޕްކުރުމުގައި އަވަދިނެތި މީހާ މަަރުވާންދެން ވަފާތެރިކަން މަތީގައި......"އަސްލަން މޭގައި އަތް ޖައްސައިލިއެވެ. އަސްލަން ސަމާސާ ފާޑަށް އެހެން ބުނިކަމުގައިވިޔަސް ލޮލުން އުފާވެރިކަމެއް ނުފެނެއެވެ. މިފަހަކަށް އައިސް އަސްލަންގެ ދެލޮލުގައިވާ ވިދުންކެނޑި އަބަދު މޮޅިވެރިކަން މަތީގައި ހުންނަކަން އެރިކް ދަނެއެވެ.

"އެތީސްޓުންނަށް އެވަރުންވެސް އެއްޗެއް ނުވިސްނޭކަން ދެރައީ...."އެރިކް ބުމަ އަރުވައިލިއެވެ.

"މަށަށް ކޮށްލި ޖެއްސުމެއްތަ؟އަހަރެން މިއީ މުސްލިމެއްކަން އެރިކްއަށް ނޭގުނީތީ ހަމަ އަޖައިބުވެއްޖެ."

"ދުވަހަކު ސަޖިދަ ޖެހިކަމެއް ނޭގޭ. ހެއްދެވި ފަރާތަށް އެންމެ ސަޖިދައެއް ނުޖަހާހުރެ މަރުވެގެން ނަރަކައިގެ އަލިފާނަށް ވާތަން ދެކޭކަށް ނޭދެން. އަސްލަން ހަގީގަތަށް ބުނެބަލަ. ކޮބާ ހަޔާތުގެ މަގުސަދަކީ...." އެރިކް އަސްލަންގެ ގާތުގައި ސްނޯގަނޑު މަތީގައި އިށީދެ ތަށީގައި ބާކީހުރި ބައި ބޯލިއެވެ.

"އެންމެ ފަހަރަކުވެސް ވިސްނައިލަބަލަ..ކައުނުގެ ކޮންމެ އެއްޗަކާއިމެދު ވިސްނަބަލަ. އިރުތަރި ހަނދު އަދި ދުނިޔެ ދައުރުވާގޮތާއިމެދު އަދި މިހާ ގިނަ ތަރިތަކާއި ގުރަހަތަކާއި އެއްޗެހި އެކަތި އަނެކައްޗާއި މުޑި ނާރާ ވަކި ގޮތަކަށް ދަތުރުކުރުމަކީ ކުޅަދުންވަންތަ ފަރާތެއްގެ ރޭއްވެވުންކަން ވިސްނައިލާފިއްޔާ އެނގޭނެ. އިލާހަކުވާކަމުގެ ހެއްކެއްގެ ގޮތުން ވާ އެއްޗެހީގެ ތެރޭގައި ބިގްބޭންގް، ދުނިޔެ، ފެން، އިންސާނާގެ ސިކުނޑި، ޑީއެންއޭ، ރޫހާނީ ކަންތައް އަދި ޟަމީރުވެސް ހިމެނޭ. އަސްލަން ފުރަތަމަ އަހަރެމެންގެ މި ދުނިޔެ ކިޔާ ޕްލެނެޓާއިމެދު ވިސްނާލަބަލަ. މި ދުނިޔޭގެ ކޮމްޕްލެކްސިޓީއިން އެބައެނގޭ ޑެލިބެރޭޓް ޑިޒައިނާއެއް ވާކަމާއި އަދި އަދަށްދާންދެންވެސް ދުނިޔޭގެ ހުރިހާކަމެއް ވަކި އުސޫލުތަކެއްގެ ދަށުން ހިނގަމުން އަންނަކަން. ކާއިނާތު އޮޕެރޭޓްކުރެވެމުން މިދަނީ ޔުނިފޯމް ލޯ އޮފް ނޭޗާއެއްގެ ދަށުން.. ކާއިނާތުގެ ފެށުމެއްވޭ. ކިހިނެއް އެ ފެށުނީ؟ އިންސާނާއަށް ސިކުނޑިއާއި ބުއްދި ދެއްވާ އެހެން މަޚުލޫގުންނަށްވުރެ މާތްކުރެއްވި.ވީއިރު އަސްލަންގެ ތި ސިކުނޑިއާއި ހިތުގައި ޖަހާފައިވާ ދަބަރުތައް ފިލުވައިލާ ކޮޅަކަށް ބުރަނުވެ އިންސާފުގެ ތަރާދުން ކިރާބަލަ......................"

"އެރިކްގެ ފަލްސަފާތައް އަޑުއަހަން ފުރަތަމަ މަގޭ ކަންފަތް ސާފުކުރަންވީ..."އަސްލަން ހިނިގަނޑެއް ޖަހައިލިއެވެ.

"މިސާލަކަށް އަސްލަން މަރުވެގެން އިލާހަކު ވާކަން އެނގިއްޖެއްޔާ ކިހިނެއްވާނީ؟"

"އޭރުން ކުރާނެ ކަމެއް ނެތްތާ. ރިގްރެޓްކުރާނީ ދޯ؟"

"ތިހާ ވިސްނުންތޫނު ބުއްދިވެރި މީހަކު މަގުއޮޅި ގެއްލިގެން ދިޔުމަކީ ޔަގީނުންވެސް އެންމެ ގާތް އެކުވެރިޔާގެ ގޮތުން ބޯ ހަލާކުވާވަރުގެ ކަމެއް. އަސްލަން. މުސްލިމަކަށް ވޭ. އޭރުން އޯލްމައިޓީގެ ޕަނިޝްމެންޓުން ސަލާމަތްވާނީ. ހީޒް އެވާ ފޮގިވިން އެކަމަކު ކާފަރުންނަށް ނޯ މާސީ........"

"އެރިކް....އެހެން ވާހަކައެއް ފަށާބަލަ.އަހަރެންގެ ބޮލުގައި ރިހޭލެއް ކުޑައެއްނޫން. އިތުރަށް އުދަގޫނުކޮށް..މިއުޅެނީ ޓްރިޕެއްގައި ހޫނުގަދަ ތަނަކަށް ދާންކަމަށް............................."

"ނަރަކައަށޭތަ؟ޑޯން ބީ ސާކަސްޓިކް އަސްލަން...." އެރިކް ޗުސް ކަނޑައިލިއެވެ.

"ހަހަ.ނަރަކައިގެ ވާހަކަދައްކާނީ އެރިކްމެންފަދަ ބިލީވާސްއިން. މަ ބުނީ ހަވާއީފަދަ ތަނެއްގެ ވާހަކަ.މި ގަނޑުފިނިން ސަލާމަތްވެ ތަންކޮޅެއް ހަމަޖެހިގެން ޗުއްޓީއެއް ހަދާލާ ބޯ ހަމަޖައްސައިލަން ބްރޭކެއް ނަގާ ވާހަކަ ބުނީމަ އެރިކް ވެއްޖެ އަހަރެން ނަރަކައަށް ފޮނުވަން...އޯލްރެޑީ އައިމް އިން ހެލް. އިތުރަށް ދެން އެހެން ތަނަކަށް ނުދިޔަސް މިއަށްވުރެ ބޮޑު އަޒާބެއް ނުލިބޭނެ. ގޯޑް ކާސްޑް މީ..... އައި ވޯޒް ބޯން ޓުބީ އެ ޑެވިލް..........ވެން ހީ ކްރިއޭޓެޑް ދަ ޔުނިވާސް އަހަރެން ބްލެކްލިސްޓްގައި އޮތީ....." އަސްލަން ހިތަށް އެރިހާ އެއްޗެއް ކިޔަން ފެށުމުން އެރިކް ނިންމީ އެވަގުތަށް އެ މައުޟޫއަށް ވާހަކަ ނުދެއްކުމަށެވެ. އަސްލަންއަށް ވިސްނައިދީ ދީ އޭނަ ބަލިވެއްޖެއެވެ. އޭނަ ބިރުގަންނަނީ އޭނަގެ އެކުވެރިޔާއާއި އާޚިރަތްދުވަހު ވަކިވެދާނެތީއެވެ.

ހަގީގަތަކީ އަސްލަންގެ ސިކުނޑި ދެފަރާތަށް ކިރޭކަމެވެ. ކޮންމެ ކަމެއް އިންސާނުންގެ ސިކުނޑިން ވިސްނަން ހަދައިގެން އޮޅޭކަމަށް އޭނައަށްވެސް ގަބޫލުކުރެވެނީއެވެ. އޭނައަށް ކުރިން ޖަހަންނަމް ސިފަކުރެވުނީ އަނދަ އަނދާ ހުންނަ އަލިފާންގަނޑެއްގެ ގޮތުގައެވެ. ސުވަރުގެ ފެންނަނީ ވިލާތަކުގެ ތެރޭގައިވާ ރަން ސިޑިއަކުން އަރައިގެން ގޮސް ބަގީޗާތަކެއްގެ ތެރެއަށް ވަދެވޭތަނެވެ. އެރިކް ބުނެދިންގޮތުން އެއީ އިންސާނުންގެ ޚިޔާލަށް ގެނެވޭނެފަދަ ތަންތަނެއް ނޫނެވެ. މިސާލު ޖައްސަވާފައިވަނީއެވެ. އެރިކްވެސް ގަބޫލުކުރެއެވެ. އިންސާނާގެ ސިކުނޑި ޑިޒައިން ކުރެވިފައިވާ ގޮތާއިމެދު އެކަނި ވިސްނައިލިޔަސް ގައިން ހީބިހިނަގާވަރުވެއެވެ. އެމީހުންނަށް ލިބިފައިވަނީ އިލްމުތަކުގެ ތެރެއިން ހާދަ މަދު މިންވަރެކެވެ. އޭނަ ހިތުގެ ޑޮކްޓަރަކަށްވުމާއެކު އޮޕަރޭޝަންތަކުގައި އެހީތެރިވާއިރު އޭނަ ކިތަންމެ ފަހަރު އިންސާނާގެ ހިތް ދެކެފައިވެއެވެ. އަތްލެވިފައިވިއެވެ. އެއީ ހަމަ މަހާއި ލޭހޮޅިތައް ލާފައިވާ ގުނަވަނެކެވެ. އެކަމަކު އެ މަސައްކަތްކުރާގޮތް ފެނުމުން އޭނަ އާޝޯޚުވެއެވެ. ބަލާ ބަލާ ފޫހިނުވާ މަންޒަރެކެވެ. ބަލައިލަން އަދި ގުނަވަނަކަށްވިޔަސް އޭގެ މަސައްކަތާއި ފޮރުވިފައިވާ ސިއްރުތައް އަދިވެސް ސައިންސްވެރިންނަށް ހޯދިފައި ނުވާނެކަމީ ޔަގީންކަމެކެވެ. އެންމެ ބޮޑު ސަބަބަކީ މިފަހަކަށް އައިސް ހިތް ބަދަލުކުރާ މީހުންގެ ފަރާތުން ގުނަވަން ހަދިޔާކުރާ މީހާގެ ހުންނަ މިޒާޖާއި އެއްޗެހި ފެންނަން ފެށުމެވެ.

އަސްލަންގެ މައިންބަފައިންނަށް ހެދުނު ގޯހަކީ ތައުހީދާއި އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ދަރިފުޅު ބަލާ ބޮޑުނުކޮށް ނުބައި މުޖުތަމައެއްގެ ތެރެއަށް ދޫކޮށްލުމެވެ. ނަމަވެސް އަސްލަންގެ ނަސީބު ރަގަޅުކަމުން އިސްލާމީ ނޫރުން ދިއްލިފައިވާ ބަޔަކާއި ގުޅުން ބަދަހިވީއެވެ.

***

އަސްލަންއާއި އަލާނާ ވަކިވިކަން އެނގުމުން މާކްއާއި ކެތްރީން އެކަމާއި ހިތާމަ ފާޅުކުރިކަމަށް ހެދުނެވެ. ނަމަވެސް އެއީ އަސްލަންއަށް އެންމެ ރަގަޅުގޮތްކަމަށް ދެކުނީ އެކައިވެނިން ދެމީހުންނަށް ލިބޭ އެއްވެސް އުފަލެއް ނެތްކަން އެމީހުންނަށް ވިސްނިފައިވާތީއެވެ. އަސްލަން އެކައިވެނި ކުރީ އެހެން މަގުސަދެއްގައެވެ. އަސްލަންގެ ލޯތްބަކީ އެހެން މީހެކެވެ.

އަށެއްޖަހާ ބޮޑުވީއިރު އަސްލަން ބެލްކަންޏަށް ނުކުތެވެ.ސިއާރާމެންގެ ގޭގެ ކުޑަދޮރުތަކުން ބޭރަށް ފާއްދާލާފައިވާ އޮރެންޖް އަދި ރީދޫ އަލިތައް ސްނޯ މައްޗަށް އެޅި ޖާދުވީ ގޮތަކަށް ދައްކުވައެވެ. ހިމޭންކަމާއިއެކު ފިނިކަމުން ފުރިފައިވާ އެ މާހައުލުގައި އެކަނިމާއެކަނި އިނދެ އޭނަ ހޫނު ކޮފީތަށްޓާއެކު އީ ސިގްރެޓްވެސް ބޮމުން ދިޔައެވެ. ކެހެރި ހެދުން ގަޔަށް ހިފާލަފައިވާއިރު ގައިގާ ރަޖާގަނޑެއްވެސް އޮޅާލައިގެން އިނުމުން ގަދަ ފިނިން ހިމާޔަތް ލިބުނެވެ.

އެރިކް ފޮނުވި ވީޑިއޯ ހުޅުވުމާއެކު ދީނީ އެއްޗެއްކަން އެނގުނެވެ.

"އިފް ދެއާރސް އެ ގޯޑް ޝޯ މީ އެ ސައިން....." އަސްލަން ރެއިލިންގާ އަތް އަޅާލައިގެން ހުރެ އުދަރެހަށް ބަލައިލިއެވެ. ދުންތަރިއެއް ނޫނީ ވިދުވަރެއްފަދަ ނިޝާނެއް ނަމަވެސް އެންމެ ރަގަޅެވެ. ނަމަވެސް އިތުރު އެއްވެސް ކަމެއް ފާހަގައެއްނުވިއެވެ. އަސްލަން ބޯ ހޫރައިލިއެވެ. އޭނަ ކިހާ މޮޔަހެއްޔެވެ؟

"ގޯޑް އިޒް އަޕް ދެއާ. އެކަމަކު ހީ ހޭޓްސް މީ. އެރިކްމެން ބުނާހެން އަހަރެން ގަބޫލުނުކުރާތީތަ؟އެހެންނޫނަސް އިލާހަކު ވަންޏާ ކޮންމެހެން އަހަންނަށް ވަކިން މިރެކްލްއެއް ފެންނާން ޖެހޭތަ؟ އެރިކް ބުނީ ވަށައިގެން ފެންނަ ކޮންމެ އެއްޗަކީ ސައިންއެކޭ. ގުރުއާނަކީވެސް މުއުޖިޒާތެކޭ..އެހެންވިއްޔާ ގުރުއާން ބަލައިލަން ކަން ނޭގޭ ޖެހޭނީ.."އަސްލަން މަޑު ކުޝަންޖެހި ގޮޑީގައި ހަމަޖެހިލަމުން ސިގްރެޓް ފުންކޮށް ދަމައިލިއެވެ. ގުރުއާންގެ އެޕެއް ހުޅުވާލުމަށްފަހު ކިޔަވައިލި ފުރަތަމަ އާޔަތުން މުޅި ގައިން ހީބިހި ނަގާ ލޮލުން ކަރުނަ ހިލުވާލާ ހިތް މަޑުކުރުވައިފިއެވެ. އަލްޖާސިޔާ ސޫރަތުގެ ހަތަރުވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައިވަނީ" وَفِى خَلْقِكُمْ وَمَا يَبُثُّ مِن دَآبَّةٍ ءَايَـٰتٌۭ لِّقَوْمٍۢ يُوقِنُونَ" މާނައަކީއަދި ތިޔަބައި މީހުން ހެއްދެވުމުގައްޔާއި ، އެކަލާނގެ ފަތުރުއްވާފައިވާ (އެންމެހާ) ދިރޭތަކެތީގައި ޔަގީން ކުރާ ބަޔަކަށް ހެކި ތަކެއެވެއެވެ."

އަސްލަންއަށް ކުރި އަސަރަކުން ފޯނު އެއްފަރާތުގައި ބާއްވާފައި އުދަރެހާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން އިނދެފައި ކުއްލިއަކަށް ކަމެއް ހަނދާންވެގެންފަދަ ގޮތަކަށް އަވަހަށް ފޯނު ނެގިއެވެ. ފިނިވެ ގަނޑުފެންކޮޅަކަށް ވެފައިވާ އިނގިލިތަކުން އޭނަ ކޮންމެވެސް މީހަކަށް ގުޅަން މަސައްކަތްކޮށްކޮށް ނާކާމިޔާބުވުމުން އަވަސްވެގަތީ ތިރިއަށް ދިޔުމަށެވެ.

***

އަސްލަންއާއި އެރިކް ހޮސްޕިޓަލުގެ ބޭރުގައި ވާހަކަދައްކާލަން މަޑުކޮށްލައިގެން ތިބިއިރު މިއަދު އަސްލަންގެ މޫނުމަތިން ތަފާތު އަސަރުތަކެއް ފެނެއެވެ. ރޭ ނުނިދުމުގެ ސަބަބުންނާއި ޚިޔާލާއި ފިކުރުތަކުގެ ސަބަބުން އެރީތި ދެލޮލުން ފެންނަން ހުރީ ދާއިމީ ރިހުމަކާއި ވޭނެކެވެ. ރޭވެހުނު ބޯ ސްނޯގެ ފަށަލައާއެކު ހުރިހާތަނެއް ފެންނަނީ އަލުން ތާޒާވެ ސާފުވެފައިވާތަނެވެ. ބޯކެހެރި ހެދުންތަކުގައި ފޮރުވިގެން ދެކޮޅަށް ހިނގަމުންދާ މީހުންގެ ނޭވާތައް އާތްވަށް ވެގެން އަރައިގެންދެއެވެ. ތާޒާމަތީގައި ދޫކޮށްފައިދާ ސްނޯގެ ފިޔަވަޅުތައް ފަނޑުވަމުން ދިޔައީ އަލުން ސްނޯ ފައިބަންފެށުމުންނެވެ.

"ރޭގައި ނުނިދުނު..."

"ކިހިނެއްވީ؟"

"އަހަރެން ވިސްނީ އަހަރެން ދުނިޔެއަށް އައުމުގެ މަގުސަދަކީ ކޮބާބާވައޭ."

"ތި ވިސްނީ ރަގަޅަށް. ދެން އަސްލަންއަށް ވިސްނުނީ ކޯނޗެއް؟ އަހަރެމެންފަދަ ބުއްދިދެއްވާފައި މިހާ ރީތިކޮށް ހައްދަވާފައިވާ މަޚުލޫގުންނަކީ ކޮންމެވެސް ބާރުގަދަ ކްރިއޭޓާއެއްގެ ކުޅަދުންވަންތަކަމޭ ހިތަށް އެރިތަ؟"އެރިކް ކޯޓުގެ ޖީބަށް އަތްޖަހައިލިއެވެ. ކުއްލިއަކަށް އެރިކްގެ ފޯނު ރިންގްވާންފެށުމުން އޭނަ ބަލައިލިއެވެ.

"ވަޓް؟" ފިނީގެ ސަބަބުން ރަތްވެފައިވާ އެރިކްގެ މޫނު ހުދުވެ އަނބުރައިގެންފާނެހެން ހީވިއެވެ. އެރިކް މިނިޓެއްވާންދެން އަޑުއަހަން ހުއްޓާ ފޯނު އަތުން ދޫވިއެވެ.

"އަސްލަން...އަސްލަން......."އެރިކް ހާސްކަމާއެކު އަސްލަންގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިގޮތުން އަސްލަންގެ ސިކުނޑީގައި ނުރައްކާތެރި ރަގަބީލެއް ޖެހި އަޑު ބާރުވާންފެށިއެވެ.

"ވަރަށް ބޮޑު........ނުރައްކާތެރި ހާދިސާއެއް....ގޭގައި....ވިކްޓިމްސްތައް އެބަގެނޭ....އެކަކު........" އެރިކްއަށް ވާހަކަވެސް ނުދެއްކުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު