"އެހެން މީހުންގެ ބަދުނަސީބަށް މަލާމާތްނުކޮށް ތިބާއަށް ލިބިފައިވާ ނިއުމަތަށް ޝުކުރުވެރިވާށެވެ. ތަގުދީރު ލިޔަނީ އެމީހެއްގެ އަތަކުން ނޫނެވެ."

***

"މޯނިން ޑޭޑް...." އަސްލަން ކުޑަކޮށް ކުރެހިފައިވާ އަޑަކުން ސަލާމްކޮށްލިއިރު އެމޫނުމަތީގައި އުޖާލާކަމެއްނެތެވެ. ދުނިޔޭގެ ހުރިހާ ރިހުމެއް ލޮލުތެރޭ ފޮރުވައިގެން ހުރިފަދަ ހިތާމަވެރި ދެލޮލެވެ. މާކްގެ ހިތް ގެނބުނެވެ.

"ދަރިފުޅަށް އެނގޭތަ؟"

"ކޮންކަމެއް ބައްޕާ....."އަސްލަން ސިޑީގެ ފަތްތަރުމަތިން ތިރިއަށް އެރިގެން އައިސް މާކްގެ ގާތުގައި ސޯފާގައި އިށީނެވެ.

"ޔޫ އާ ނޮޓް ޔޯ ސެލްފް އެނީ މޯރ. ތީ ކުރިން ކިހާ ކޮންފިޑެންޓް އަމިއްލަ ނަފުސަށް އިތުބާރު އޮންނަ ހިތްވަރުގަދަ ކާމިޔާބު ފިރިހެންކުއްޖެއް. އެކަމަކު މިހާރު އެހުރިހާކަމެއް ބަދަލުވެ ޝެލްއެއްގެ ތެރޭގައި ބަދެވިއްޖެ. އަމިއްލަ ޟަމީރު ބުނާއެއްޗެއް ގަބޫލުކޮށް ކާމިޔާބާއި ހަމަޔަށް ދަތުރުކުރުމުގައި ދިމާވާ ކޮންމެ ގަލެއް ފުރޮޅަން ޖެހޭނެ. އެހާ ފަސޭހައިން ގިވްއަޕް ކުރާކަށް ނުޖެހޭނެ. ފުރާނަދަންދެން ނުއުފުލޭވަރުގެ ހިލަގަނޑެއް ދުރުކޮށްލާފައި ކުރިއަށް ދާން ޖެހުނަސް އެއްގޮތުން ނުވިއްޔާ އަނެއްގޮތުން އެކަން ކުރަން ޖެހޭނެ. ބައްޕަގެ އަސްލަންއަކީ ތިހާ ފަސޭހައިން ބަލި ގަބޫލުކުރާނެ ކުއްޖެއް ނޫން....."މާކް ނުސީދާގޮތުން އަސްލަންއަށް ހިތްވަރު ދިނެވެ.

އަސްލަން ދެއަތް އިސްތަށިގަނޑުގެ ތެރެއަށް މަހައިލިއެވެ. ނިތްކުރީގައި ފިރުމައިލިއެވެ.

"އަލާނާއާއި އެކު ނޫޅެވެންޏާ ވަރިކުރޭ...."

"އެކުއްޖާގެ ފޯލްޓެއްނެތް...."

"އެކަމަކު އަސްލަންގެ ހިތް އެދޭގޮތަށް ކަންތައްކޮށްބަލަ. ދަރިފުޅުގެ ހިތް ބުނަނީ ކީކޭތަ؟ ދަރިފުޅު ކީއްވެ އަމިއްލަ ނަފުސާއިމެދު އަނިޔާވެރިވަނީ؟ މާކް އަސްލަންގެ ކޮނޑުމަތީގައި އަތް ބޭއްވިއެވެ." ދަރިފުޅު އެހެރަ ފޮޓޯތަކަށް ބަލައިލަބަލަ. ތިއީ ކޮންމެ ބައްޕައަކު ފަޚުރުވެރިވާނެފަދަ ފިރިހެން ދަރިއެއް. އެއިން ކޮންމެ ފޮޓޯއަކީ ދަރިފުޅުގެ ކާމިޔާބު ދައްކައިދޭ ފޮޓޯއެއް. ސްކޫލާއި ޔުނިވަސިޓީގައިވެސް ތިއީ ފަޚުރުވެެރި ކެޕްޓަނެއް. ދިރިއުޅުމުގެ ދަތުރުގައިވެސް އަސްލަން ވާން ޖެހޭނީ އެފަދަ މީހަކަށް. އެ ފޮޓޯތަކުގައި އެފެންނަނީ އުފާވެރި ޒުވާނެއް. ކޮންމެ ފޮޓޯއެއްގައި ހިނިތުންވެލާފައި. ލޮލުގައި ކޮންފަދަ އުޖާލާކަމެއް. އެކަމަކު މިހާރު ދަރިފުޅު ހިނިތުންވާން ނުދަންނަ ފަދަ...މިދެ އަހަރުތެރޭގައި ހިނިތުންވުމެއް ނުފެނުނު ބުނެބަލަ. ކިހިނެއް ހަދައިގެން ތި ހިތަށް ހަމަޖެހުމެއް ލިބޭނީ.. އުފާވެރިކަން އަނބުރާ ހޯދަން ބައްޕަ ކޮށްދޭންވީ ކޮންކަމެއް؟ ބައްޕަގެ ފުރާނަ ދީގެންވެސް އެކަމެއް ކޮށްދީފާނަން............."

އަސްލަންގެ ލޮލަށް ކަރުނަ ޖަމާވިއެވެ.

"ބީ ޔޯ ސެލްފް މައި ސަން....." މާކް އަސްލަންގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ.

"ސިއާރާ އެނބުރި އަތުވެއްޖެ......" މާކްގެ ޚަބަރުން އަސްލަންގެ މޫނުމަތިން އިތުރު ކުލަވަރެއްނުފެނުނެވެ. އެއީ އޭނަ ދެނެހުރި ޚަބަރެއްކަން ބުނަން އުޅެފައިވެސް އަސްލަން ހިމޭންކަން ޚިޔާރުކުރިއެވެ." ސިއާރާއާއި ބައްދަލުކުރަން ކެތްރީންއާއި އެރިކް ވީ އެގޭގައި........"

ސިއަރާ އެބުރި އަމިއްލަ ގެއަށް އައިސްދާނެކަމަށް އޭނަ ހިޔެއްނުކުރެއެވެ. އެއީ ޝޮކެކެވެ.

***

އަސްލަން ގޭގެ މައި ދޮރު ހުޅުވާލުމާއެކު ހަންގަނޑު ތޮރުފާލާފަދަ ފިނިކަމެއް ގައިގާ ޖެހުނެވެ. މަގަށް ނިކުމެފައި އެގެއާއި ދިމާލަށް ހިނގައިގަނެވުނީ އަމިއްލަ އިޚުތިޔާރަކު ނޫނެވެ. މީހަކު ދެފައިގާ ހިފާ ގަދަކަމުން ގެންދާފަދައެވެ. އެގެއާއި ދިމާލަށް ބަލައިލެވުމާއެކު ހިތް އިތުރަށް ފިނިވިއެވެ. ޚައިރާ އަދި އަލާނާއާއެކު ސިއާރާ ސްނޯގެ ތެރޭގައި ވާހަކަ ދައްކައިލަން ތިބިއިރު އަލާނާ ހުން ހުރިކަންވެސް ހަނދާންނެތީ ކަން ނޭގެއެވެ. ހުދުކަމުގެ ތެރެއިން ކަޅު ރޭގަނޑުފަދަ ހެދުންތައް ފެންނަމުންދާގޮތުން އަސްލަންގެ ބުމަގޮށްޖެހުނެވެ.

"ދެން ރީއްޗެއްވެސް ނޫނެއްނު. ހުދުގެ ސާފުކަން ކަނޑުވާލައިފި. އައި ހޭޓް ޔޫ ސިއާރާ.." އަސްލަންގެ ސިކުނޑީގެ ކޮންމެވެސް ދިމާލަކުން އެހެން ބުނުމާއެކު އެހެން ދިމާލަކުން އޭގެ ދިމާ އިދިކޮޅަށް ވާހަކަދެއްކިއެވެ. އެއަށްވުރެ ލޯބިވާ އަންހެނަކު ދުވަހެއްގެ ކޮޅުންވެސް ލިބިދާނެކަމާއިމެދު ސުވާލު އުފެއްދިއެވެ.

ސިއާރާއަށް މީހަކު ބަލާކަން ހިލަންވުމާއެކު އަވަހަށް ގަހެއްގެ ފުރަގަހަށްވަދެ ނިވާވެލިއިރު ޚައިރާ އައީ އަސްލަން ގާތަށެވެ.

"އައްސަލާމް އަލައިކުމް. ދޮންބެ. ހާދަވަރަކަށޭ ސްނޯ ފައިބާފައި. ވަރަށް މަޖާކޮށްލެވިއްޖެ..އަލާނާ ގާތު ބުނިން ހުމާއި އުޅެނިކޮށް ފިނިވެއްޖެއްޔާ ގޯސްވެދާނެއޭ. އެކަމަކު އަލާނާއަށްވެސް ނުހުރެވުނު..........."

"ސިއާރާ ފިލަނީ ކާކަށްތޯ އަހާބަލަ.." އަސްލަން ކުޑަކޮށް ހީލިއެވެ.

"ހެހެ...."ޚައިރާ ކަންބޮޑުވި ވަރުން ހުނުމަކުން ފުއްދައިލީއެވެ. އަދިވެސް އަސްލަންގެ ހިތުގައި އިހުސާސްތައްވަނީ ސިއާރާއަށްޓަކާ ވާނަމަ ހިތާމައިގެ ކޮޅެއްނެތެވެ.

"ޚައި. ނުވެސް ބުނީމެއްނު. ކޮބާ ސިއާރާ ހަޒްބެންޑް...."

"ނެތް....." ޚައިރާގެ ޖަވާބު ނިކަން އަވަހެވެ.

"އޯ......އޭނައާއި މީޓްކުރާހިތުން އައިއިރު އެހާ އަވަހަށް އެދިޔައީ..އެނީވޭސް އެންޖޯއި. " އަސްލަން ދާންވެގެން އެނބުރުނެވެ.

***

އަލާނާ އެނބުރި އައިއިރުވެސް ތުނިކޮށް ސްނޯވެހެމުން ދިޔައެވެ. ސްނޯގެ މަތީ ފިޔަވަޅުގެ ނިޝާންތައް ދޫކުރަމުން އިސްޖަހާލައިގެން ހުރެ ހިނގަމުން އައިއިރުލައިގެން ހުރި ހެދުމުގައި ސްނޯގެ އެތިކޮޅުތައް ހަރުލަމުން ދިޔައެވެ. ފިނިވެގެން ރޫރޫ އަޅަންފެށިގޮތަށް ހުމުގެ އުދަގޫތައް ބޮޑުވެ މޫނުމަތި އެއްކޮށް ފިޔާތޮށިވެއްޖެއެވެ. ދިގު ފެންޑާގައި ބަހައްޓާފައި ހުރި ޕޮޓްތަކުގެ ކައިރީގައި ހުރި ހުދު ސޯފާގޮނޑީގައި އަސްލަން އިނީ އޭނަގެ އިންތިޒާރުގައި ކަން ނޭގެއެވެ. އަތުގައި ހުރީ ކޮފީއެކެވެ.

"އަހަރެމެން މި ވާހަކަ ދައްކަން ޖެހޭތާ ވަރަށް ދުވަސްވެއްޖެ....."

އަލާނާ މޫނުފޮތިކޮޅު ވައްޓާލައިގެން ހުރުމުން ލޯވެސް ފެންނާކަށް ނެތެވެ. އެމޫނުމަތިން ފެންނަނީ ކޮން އަސަރެއްކަމެއްވެސް އަސްލަންއަކަށް ނޭގުނެވެ.

"ކޮން ވާހަކައެއް؟"އަލާނާގެ އަޑުގައި ހަމަޖެހުންވިއެވެ.

"އަހަންނަށް ހެދުނީ ގޯހެއް. ވަރަށް ބޮޑު ގޯހެއް.އަލާނާގެ ހަޔާތުން ދެއަހަރު ބޭކާރުކޮށްލެވިއްޖެ. އަހަރެން ކައިވެނިކުރީ ރަގަޅު ނިޔަތެއްގައެއްނޫން. ދުލުން ޝަހާދަތް ކީ އެކަން ހިތުން ގަބޫލުކޮށްގެނެއްނޫން. އަހަންނާއި އަލާނާގެ ޚިޔާލު ވަރަށް ތަފާތު. ދެމީހުންގެ މަންޒިލް މަގުސޫދު މިހާ ތަފާތުއިރު އެކީ ހަޔާތުގެ ދަތުރުފެށުމުގެ މާނައެއްނެތް. އަހަރެން މިއަދު ބޭނުންވަނީ އަލާނާ މިނިވަންކޮށްދޭން. ޔޫ އާ ފްރީ. ތިއީ މިހާރު އަހަރެންގެ ވައިފްއެއްނޫން. މިހެން ދީނުގައި އޮންނަނީ؟ މިގޮތަށް ވަރިކުރެވޭނެ ދޯ. އެނީވޭސް އަދި ކޯޓާއި ހަމައިން މިކަންތައް އެއްކޮށް ނިމޭނީ. ރަސްމީކޮށް ފޯމްތަކުގައި ސޮއިވެސް ކުރަން ޖެހޭ...."އަސްލަން ކޮޅަށް ތެދުވުނެވެ.

"އައިމް ސޮރީ...."

"މާފަށް ނޭދުނަސް މާފުކޮށްފިން..ޖެންޓްލްމޭންއެއްކަންވެސް ސާބިތުކޮށްދިން.އެއް ކޮޓަރި ޝެއާ ކުރިޔަސް އަހަރެމެން އުޅުނީ ބީރައްޓެހިންފަދައިން. އެކަމަށް ޝުކުުރުވެރިވަން. ޖަޒާކަﷲ.........................."

އަލާނާގެ ފަހަތުން ކަހަލަ ގޮތަކަށް އައިސް ފެންޑާއާއި އަރާ ހަމަކުރި އެރިކްގެ ކަންފަތަށްވެސް އެ ޖުމްލަތައް އިވުނެވެ. ކަންފަތް ތޫނުކަމަށް އަމިއްލަ ނަފުސަށް ސާބަސްދެވުނެވެ. ފުދޭވަރަކަށް ދުރުމިން ހުރެފައި އަލާނާ މަޑުމަޑުން ވާހަކަދެއްކިއިރުވެސް އެ އަޑު ކަންފަތަށް ފޯރިއެވެ. މާމުއި އެޅުނުފަދައެވެ. އަލާނާގެ ޖުމްލައިން އޭނައަށް އެހާ އުފާ ލިބެންވީ ސަބަބެއްވެސް ނުވިސްނުނެވެ.

އަލާނާ އިތުރު އެއްޗެއް ބުނުމެއްނެތި ފަތްތަރު މަތިން އަރައިގެންގޮސް ގޭގެ މައިދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެ ދޮރު ލައްޕާލައިފިއެވެ. އެހިސާބުގައި ހިފާފައިވަނީ އަލާނާގެ މީރުވަހެވެ. ކޮފީވަސްވެސް ފަނޑުކޮށްލައިފިއެވެ. އެރިކްގެ ހިތް ފުރިގެން ބަންޑުންވިއެވެ.

"ހާދަ މީރުވަހެކޭ....." އެރިކް އެތެރެއަށް ނޭވާއެއް ލާފައި ލޯ ހުޅުވައިލިއިރުު އަސްލަންގެ ތޫނު ނަޒަރުވަނީ އޭނައަށް ހުއްޓިފައެވެ."މިބުނީ ކޮފީ ވަސް ޖެހުނީމަ........"

"އެރިކް ތިހާ ކޮފީއާއިހެދި އުޅޭ މީހެއްތަ؟އަހަރެން އަލާނާ ވަރިކޮށްފިން.." އަސްލަން ސޯފާގައި ހަމަޖެހިލައިގެން އިށީނެވެ."އެރިކް އިތުރަށް އެކަމާއި ބެހޭގޮތުން އެއްޗެއް ނުބުނިއްޔާ މަށަށް ރަގަޅީ. އަހަންނަށް ވުރެ ބޮޑަށް އެރިކް އެނގޭނެ މީހެއް ނުހުންނާނެ. ތި ހިތުގައިވާހާ އެއްޗެއް ސާފުކޮށް ފެނޭ..އަލާނާ ސިންގަލް. އެރިކް ބޭނުމިއްޔާ އެކަމާ އުޅެންވީ. މާތް އަންހެންކުއްޖެއް.އަޅުވެރި. އެކަމަކު ޝީޒް ނޮޓް މައި ޓައިޕް..........."

އެރިކް ފުންނޭވާއެއް ދޫކޮށްލިއެވެ.

"ޔޫ ޑެވިލް...."

އަސްލަން ހިނިގަނޑެއް ޖެހިއެވެ."އިންސާނުންގެ ތެރޭގައި އުޅޭ ނުބައި މީހުންނަށް ކިޔާ ނަމެއް ތަ؟ އަހަރެން މިއީ ތިހާ ނުބައި މީހެއްނޫނޭ ޑެވިލްގެ ނަން ކިޔަން. މިހާރުވެސް އެރިކްއަށް ހެޔޮކަމެއްކޮށްދިނީ. ޝުކުރުވެރިވާކަށްވެސް ނުކެރުނު. ކޮންކަހަލަ އެކުވެރިއެއް ތީ، މިވަރަށް ލޯބިވާއިރު ލޯބި ބަލައިގަންނަންވެސް ނޭގުނު. އެކުވެރިޔާދެކެ ވެވުނު ލޯބީގެ ސަބަބުން ވައިފްވެސް ދޫކޮށްލީ. އޭގެ ބަދަލުގައި ކޮންކަމެއް ކޮށްދޭނީ؟"

"އަސްލަން ތިއުޅެނީ ކުށްހީއެއްކޮށްގެން. އަހަރެން ބުނެފީމެއްނު އަލާނާއާއިހެދި ނޫޅެމޭ.........."އެރިކް ރުޅިއައިކަމަށް ހެދުނެވެ."ދެން މަގޭ ބޮލުގައި ހުރިހާ ޒިންމާއެއް އަޅުވަން ތިއުޅެނީ؟ ވަރިވީ މަށާއިހެދިއޭ ބުނަން؟"

"އާނ. ދެން ޒިންމާ ނަގަން އިންނަންވީނު....އެއީ ޒިންމާދާރު މީހުންގެ އުސޫލަކީ..................."

"ޝަޓަޕް.." އެރިކް އަނގަޔަށް ގޮތެއްހެދިއެވެ.

"މިހާރު ހިތުގެ ސްޕީޑް ބުލެޓް ޓްރެއިންއެއް ވަރުވެފައިކަން ޔަގީން.."އަސްލަން ދިމާކުރުން ހުއްޓާލާކަށް ނޫޅުނެވެ.

އެރިކް އެވަރުންވެސް އެއްބަސްވާކަށް ބޭނުމެއްނުވިއެވެ. އޭނަގެ ހިތުގެ ހާލަތު އަމިއްލަ ނަފުސަށްވެސް އޮޅުވައިލަން އޭނަ މަސައްކަތްކުރަމުން ދިޔައެވެ.

***

ކެތްރީންއާއި އެރިކްގެ ވާހަކަތައް އަސްލަންއަށް އިވުނީ ކޮޓަރީގެ ދޮރު ހުރަސްކުރި ވަގުތުގައެވެ. ސިއާރާ ބަލިވެއިންކަން އެނގުމުން އަސްލަންގެ ހިތް ގެނބިގެންދިޔަފަދަ އިހުސާސެއްކުރެވުނެވެ. ހިތާމަތައް ރުޅިވެރިކަމާއި ހަސަދައިގެ ސިފަ ޚިޔާރުކުރިއެވެ. އޭނަގެ މިޒާޖުގައި އެފަދަ ސިފައެއްކުރިން ނެތަސް މިހާރަކަށް އައިސް އޭނައަށް އޭނަ ފެންނަނީ މަގުއޮޅިފައިވާ ބޭކާރު މީހެއްގެ ގޮތުގައެވެ. އެންމެން އެތިބީ އެކަން އޭނައަށް ސިއްރުކޮށްގެންތާއެވެ. އެހެންވާނެ ނޫންހެއްޔެވެ؟ ސިއާރާއަކީ އޭނަގެ އަނބިމީހާއެއް ނޫނެވެ. އެލިޔަސްގެ މީހެކެވެ. އެ ޚިޔާލުތަކުން އަސްލަން މޮޔަވާވަރުވިއެވެ.

***

އަސްލަން އޭނަގެ މަންމަ ގާތު އަލާނާ ވަރިކުރި ވާހަކަ ބުނުމުން ދެރަވެގެންގޮސް ހިތްހަލާކުވެއްޖެކަމަށް ބުނެފައި އަލުން ކައިވެނި އިއާދަކުރަން އެދި އާދޭސްކުރަން ފެށިއެވެ.

"ދަރިފުޅު މަންމަގެ ބަސް ގަބޫލުކުރޭ.ނޫނީ ފަހުން ހިތާމަކުރަން ޖެހިދާނެ. ސިއާރާފަދަ ކެހިވެރި އަންހެންކުއްޖަކަށްޓަކާ ޖަވާހިރެއް އެއްލާނުލާ...." ޒެފްރީނާ އާދޭހުގެ އަޑަކުން ބުނެލިއެވެ."މަންމަގެ ހަޔާތުން ފިލާވަޅެއް ނުލިބޭތަ؟ މައިންބަފައިން ބުނާގޮތަށް ހެދިނަމަ މިހެން ނުވީސް..........."

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު