ފްލޯޓިން ސިޓީގެ ފުރަތަމަ ގެތައް މިހާރު ހުރީ ނިމިފައި، އޮގަސްޓް މަހު ހުޅުވޭނެ: ޑަޗް ޑޮކްލޭންޑްސް

އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން ފްލޯޓިން ސިޓީ ތަރައްގީކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

މާލެ އަތޮޅުގައި ތަރައްގީކުރާ ފްލޯޓިން ސިޓީގެ ފުރަތަމަ ނަމޫނާ ގެތަކުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އަންނަ އޯގަސްޓު މަހުގެ މެދުތެރޭ އެ ގެތައް ހުޅުވޭނެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ޑަޗް ޑޮކްލޭންޑްސްގެ ސީއީއޯ ޕައުލް ވެން ޑީ ކޭމްޕް ވިދާޅުވެއްޖެއެވެ.

އެ މަޝްރޫއު އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން ހިންގާ ގޮތަށް ބަދަލުކޮށް، އައު އެއްބަސްވުމެއްގައި ސޮއި ކުރުމަށް މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕައުލް ވިދާޅުވީ ނެދަލޭންޑްސްގައި އެ ކުންފުނިން މީގެ ކުރިން ވެސް އެފަދަ އެތައް ގެތަކެއް އިމާރާތް ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އަބަދު ވެސް މަަސައްކަތްތައް ވާނީ ވަގުތަށް ނިންމާފައި. އަދި ޑަޗް ސަރުކާރަށް ވެސް އަޅުގަނޑުމެން ވާނެ ގިނަ މަސައްކަތްތަކެއް ކޮށްދީފައި" ޕައުލް ވިދާޅުވިއެވެ.

އެ މަޝްރޫއަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން އޭނާ ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ފުރުސަތުތައް ފަހިވަމުން އަންނަ ވަރަކަށް އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން ފްލޯޓިން ސިޓީ ތަރައްގީކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

މީގެ އިތުރުން އޭނާ ވަނީ މިހާރުވެސް ފުރަތަމަ ގެތަކުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ސްކޫލް ބަންދަށް ފަހު، އޯގަސްޓް މަހުގެ މެދުތެރޭ އެ ގެތަށް އާންމުންނަށް ހުޅުވާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"ދެން އަޅުގަނޑުމެން ކުރަންޖެހޭނެ ހަމައެކަނި ކަމަކީ އެ ގެތައް ފަޅަށް ގެންދިއުން" އޭނާ ވިދާޅުވިއެވެ.

އެ މަޝްރޫއުގެ ފުރަތަމަ ގެތައް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ބައިސަން މޯލްޑިވްސްއާއެވެ. މީގެ ކުރިން އެ ކުންފުނިން ބުނެފައިވަނީ މިދިޔަ ރޯދަމަސް ނިމޭހާ ތަނަށް އެ ގެތައް ނިންމާލެވޭނެ ކަމަށެވެ.

ފްލޯޓިން ސިޓީ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އާރަށާ އެންމެ ކައިރިން ހުޅަނގަށް އޮންނަ (ނަންބަރު 7) ފަޅުގައެވެ. ކުރިން އެ ފަޅުގެ ކައިރިން ދެ ރިސޯޓެއް އެ މަޝްރޫއުގެ ދަށުން ހިއްކަން ވަނީ ނިންމާފައެވެ. ނަަމަވެސް، މިއަދު އަލަށް އެކުލަވާލެވުނު އެއްބަސްވުމާއެކު މިހާރު ރިސޯޓު ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ އެ ފަޅުގެ ވަށައިގެން ހިއްކާ ރަށްތަކުގެ ތެރެއިން ރަށެއްގައެވެ.

ޕައުލް ވިދާޅުވި ގޮތުގައި އެ މަޝްރޫއަކީ މުޅިއެކު ބިލިއަނެއްހާ ޑޮލަރުގެ އިންވެސްޓްމަންޓެކެވެ.

ޑަކް ޑޮކްލެންޑްސްއިން ތަރައްގީކުރާ މޯލްޑިވްސް ފްލޯޓިންގް ސިޓީގެ ރެންޑަރިންތަކެއް --- ފޮޓޯ: މޯލްޑިވްސް ފްލޯޓިންގް ސިޓީ

އިއްޔެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް މުޙައްމަދު ނަޝީދު ވަނީ ފްލޯޓިން ސިޓީގެ ވާހަކަތައް ބޭރުގެ މީޑިއާތަކަށް އެރި ނަމަވެސް ރާއްޖޭގެ އިކޮނޮމިކް ކައުންސިލުން ވަނީ އެ މަޝްރޫއު ހުއްޓުވާފައި ކަމަށް ތުހުމަތު ކުރައްވާފައެވެ.

ރައްދުގައި އެ ކައުންސިލުގެ ޗެއާކަން ކުރައްވާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ އެ މަޝްރޫއަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި، އެ ކުންފުންޏަށް ދޫކުރި ފަޅުތަކުގެ ތެރެއިން ތިން ފަޅެެއް މިހާރު ވެސް ވިއްކާލާފައިވާ ކަމަށެވެ.

މީގެ އިތުރުން ފައްޔާޒް ވަނީ ރިސޯޓެއްގެ ފަޅުތެރޭގައި ސޯޝަލް ހައުސިން ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް ގާނޫނުން ތަން ނުދޭ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް، މިއަދު ސޮއި ކުރެވުނު ގޮތަށް އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން އެ ފަޅުގައި އާންމުން ދިރިއުޅޭނެ ގެދޮރު އެޅުމުގެ ފުރުސަތު ލިބޭނެއެވެ.

މީގެ ކުރިން، 2010ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އެ ކުންފުންޏާއެކު ވަނީ ފްލޯޓިން ސިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޕައުލް މިއަދު ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް ލަސްވެފައި އޮތީ އޭގެ ފަހުން ސަރުކާރުތައް އަވަސް އަވަހަށް ބަދަލުވަމުން ދިޔުމާއެކު އިންވެސްޓުކުރަން އެކަށޭނަ މާހައުލެއް ނެތުމުން ކަމަށެވެ.

comment ކޮމެންޓް