އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓަކަށް ބަދަލުކޮށް، ފްލޯޓިން ސިޓީގެ އިތުރު އެއްބަސްވުމެއްގައި ސޮއިކޮށްފި

ފްލޯޓިން ސިޓީ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓަކަށް ބަދަލުކުރުމަށް އެއްބަސްވުމުގަައި ސޮއިކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުނިން މާލެއަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ފްލޯޓިން ސިޓީއާ ގުޅޭ އިތުރު އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިރޭ އޮތް ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާއެވެ. އަދި ޑަޗް ޑޮކްލޭންޑްސްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ޕައުލް ވެން ޑީ ކޭމްޕެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވީ މިރޭ ސޮއިކުރެވުނު އެއްބަސްވުމަކީ އެ މަޝްރޫއު އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލްއަށް ކުރިއަށް ގެންދާ ގޮތަށް ބަދަލުކުރުމަށް ސޮއި ކުރެވުނު އެއްބަސްވުމެއް ކަމަށެވެ.

"އަލަށް މި މޮޑެލްގެ ދަށަށް ފަޅެއް ބަދަލުކުރުމުގެ ފުރުސަތު މި ލިބުނީ" މިނިސްޓަރު ވިދާޅުވިއެވެ.

މި ގޮތަށް މަޝްރޫއު ހިންގަމުން އަންނަ މޮޑެލް ބަދަލުކުރުމަށް ޓްރާންސްފާ ފީއެއްގެ ގޮތުން އެއް މިލިއަން ޑޮލަރު ސަރުކާރަށް ނެގުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަން އެ ގޮތަށް ނިންމަން ޖެހުނީ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓް ދެމެހެއްޓުމަށް ބޭނުންވާތީ ކަމަށެވެ.

ޑަކް ޑޮކްލެންޑްސްއިން ތަރައްގީކުރާ މޯލްޑިވްސް ފްލޯޓިންގް ސިޓީގެ ރެންޑަރިންތަކެއް --- ފޮޓޯ: މޯލްޑިވްސް ފްލޯޓިންގް ސިޓީ

ޑަޗް ޑޮކްލޭންޑްސްގެ ސީއީއޯ ޕައުލް ވިދާޅުވީ އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލްއަށް ބަދަލުވުމަށް މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެކަމަށާއި، އެކަން ހާސިލު ކުރުމަކީ ލިބުނު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް އުފަލުން މިތިބީ އިމާރާތްކުރުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނަން. އެއީ އެންމެ މުހިއްމު ކަމަކީ" ޕައުލް ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ އިއްޔެ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ދެމެދު އެ މަޝްރޫއާ ގުޅިގެން ދެކެވުނު ވާހަކަތަކެއް މީޑިއާއަށް ތިލަވެފައި ވަނިކޮށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި އިއްޔެ ރައީސް ނަޝީދު ވިދާޅުވީ, ފްލޯޓިން ސިޓީގެ ވާހަކަތައް ބޭރުގެ މީޑިއާތަކަށް އެރި ނަމަވެސް ރާއްޖޭގެ އިކޮނޮމިކް ކައުންސިލުން ވަނީ އެ މަޝްރޫއު ހުއްޓުވާފައި ކަމަށެވެ. އަދި އެކަން ކުރެވޭނެ އެއްވެސް ގޮތެއް ސަރުކާރުން ނުދެއްކި ކަމަށް ތުހުމަތުކޮށް ރައީސް ނަޝީދު ވިދާޅުވީ, އެކަން އެގޮތަށް ސަރުކާރުން ކުރަނީ އެ މަޝްރޫއު އެމަނިކުފާނާ ގުޅޭތީ ކަމަށެވެ.

އެހެން ކަމުން އެކަމުގެ މައުލޫމާތު ޑަޗް ޑޮކްލޭންޑްސް ކުންފުންޏަށް ދިނުމަށްފަހު ކަން ހިނގާ ގޮތް ސާފުކޮށްދީ އެކަން ރާއްޖޭގައި ވާން ނެތް ކަމުގެ ލަފާ އަރުވަން ގަސްތުކޮށްފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވާ، އިކޮނޮމިކް ކައުންސިލްގެ ޗެއާކަން ވެސް ކުރައްވާ ފައްޔާޒު ވިދާޅުވީ, އެ މަޝްރޫއަށް ދޫކުރި ފަސް ފަޅުގެ ތެރެއިން ތިން ފަޅެއް އެ ކުންފުނިން މިހާރު ވަނީ ވިއްކާލާފައި ކަމަށެވެ.

ފްލޯޓިން ސިޓީ ހެދުމަށް ނެދަލޭންޑްސްގެ ކުންފުންޏަށް ދޫކުރި ފަޅުތައް ދޫކޮށްފައިވަނީ އެއްވެސް އަގަކާ ނުލައިކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ އެފަދަ މަޝްރޫއެއްގެ ދަށުން ސޯޝަލް ހައުސިން ބިނާ ކުރުމަކީ ގާނޫނުން ތަންދޭ ކަމެއް ވެސް ނޫން ކަމަށެވެ.

ޑަކް ޑޮކްލެންޑްސްއިން ތަރައްގީކުރާ މޯލްޑިވްސް ފްލޯޓިންގް ސިޓީގެ ރެންޑަރިންތަކެއް --- ފޮޓޯ: މޯލްޑިވްސް ފްލޯޓިންގް ސިޓީ

"ރިސޯޓެއްގެ ފަޅެއް ތެރޭ ސޯޝަލް ހައުސިން ޕްރޮޖެކްޓެއް ގެންގުޅެން ހުއްދަ ދިނުމަކީ ބޮޑު ގޯހެއް، އެހެން ނޫނަސް އެކަން ކުރެވޭނީ ގާނޫނަށް ބަދަލު ގެނެސްގެން،" ފައްޔާޒް ވިދާޅުވިއެވެ.

މިއަދު އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލްއަށް އެ މަޝްރޫއު ބަދަލުކުރުމާއެކު އެ ޕްރޮޖެކްޓްގައި ޓޫރިސްޓު ރިސޯޓެއްގެ އިތުރުން، އާންމުން ދިރިއުޅޭނެ ގެތައް އެޅުމުގެ މަގު ވެސް ފަހިވާނެއެވެ.

ޑަޗް ޑޮކްލޭންޑްސްއަށް އެ މަޝްރޫއު ހަވާލުކުރިތާ އަހަރެއް ވާން ކައިރި ވެފައި ވަނިކޮށް، މި އަހަރުގެ ފެބްރުއަރީ މަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފައެވެ. އޭރު އެ ކުންފުނިން ބުނީ މިދިޔަ ރޯދަ މަސް ނިމެން ވާއިރަށް އެ މަޝްރޫއުގެ ފުރަތަމަ ގެތައް ނިންމާލެވޭނެ ކަމަށެވެ.

މިހާރު އިމާރާތް ކުރަމުން އަންނަ ފްލޯޓިން ސިޓީ ބިނާ ކުރުމަށް ހަމަޖެހިފައިވަނީ އާރަށާ އެންމެ ކައިރިން ހުޅަނގަށް އޮންނަ (ނަންބަރު 7) ފަޅުގައެވެ. މުޅި އެކު 5000 ގެ އެ ސިޓީގައި އެޅުމަށް ހަމަޖެހިފައިވެއެވެ.

ޑަޗް ޑޮކްލޭންޑްސްއާ މި މަޝްރޫއު ހަވާލުކުރި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން، 2010ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އެ ކުންފުންޏާއެކު ވަނީ ފްލޯޓިން ސިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ ފަހަރުގެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ނަންބަރު 9، 19، 17 އަދި 37ގެ ފަޅުތައް ވަނީ ދީފައެވެ.

އެއަށްފަހު ބޭރުގެ ބައެއް ނޫސްތަކުގައި، 2015 ވަނަ އަހަރު މި މަޝްރޫއުގެ ޚަބަރުތައް އަނެއްކާވެސް ފެތުރުނެވެ. ނަމަވެސް އެ މަޝްރޫއަށް ވީ ގޮތެއް މިހާތަނަށްވެސް ސާފުވެފައެއް ނުވެއެވެ.

comment ކޮމެންޓް