ޔޯގާ ހަމަނުޖެހުން: އިއްޔެ ހައްޔަރު ކުރި ހަ މީހުންގެ ވަނަވަރު އާންމު ކޮށްފި

ޔޯގާ ހަމަ ނުޖެހުމާ ގުޅިގެން އިއްޔެ ހައްޔަރުކުރި ހަ މީހުން --- ފޮޓޯ: ފުލުހުން

ރާއްޖޭގައި އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަކުރުމާ ދެކޮޅަށް ހިންގި ހަރަކާތްތަކާ ގުޅިގެން އިއްޔެ ހައްޔަރުކުރި ހަ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު އެ މީހުންގެ ވަނަވަރު ވެސް އާންމު ކޮށްފިއެވެ.

އިއްޔެ ހައްޔަރުކުރި ހަ މީހުންގެ ތެރެއިން ފުރަތަމަ މުއްދަތު އިތުރުކުރީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް އަދި އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމްގެއެވެ.

އެގޮތުން ޝެއިހް ނިޝާންގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްދިންއިރު މުހައްމަދު އިސްމާއީލްގެ ބަންދަށް ވަނީ ފަސް ދުވަސް އިތުރުކޮށްދީފައެވެ.

އެ ދެ މީހުންގެ އިތުރުން ދެން ހައްޔަރުކުރި މީހުންގެ ތެރެއިން ގއ. މާމެންދޫ, އަސްރަފީވިލާ، އަޙްމަދު ނަސޫޙް އަދި ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢުގެ ބަންދަށް ވަނީ 60 ދުވަސް އިތުރުކޮށްދީފައެވެ.

ށ. މިލަންދޫ, ނާޒް، އައްޝައިޚް ފަޒްލޫން މުޙައްމަދުގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްދިންއިރު ސ. ހިތަދޫ, އޯކިޑްވިލާ، އިބްރާހީމް ރައްޒާންގެ ބަންދަށް ވަނީ ފަސް ދުވަސް އިތުރުކޮށްދީފައެވެ.

އެ މައްސަލައާ ގުޅިގެން އަންގާރަ ދުވަހުގެ ކުރިން ވެސް ވަނީ ހަ މީހަކު ހައްޔަރު ކޮށްފައެވެ. އެ މީހުންނަކީ ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޒިލްޔަން އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދެވެ.

އެ ހަ މީހުންގެ މުއްދަތު ވެސް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްދީފައެވެ.

މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަމަނުޖެހުމުގައި ބައިވެރިވި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޓުވީޓެއް ކުރައްވާފައިވާއެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ވަނީ ކެބިނެޓްގެ ސަބް ކޮމިޓީއެއް އުފައްދާފައެވެ.

comment ކޮމެންޓް