އުމުރުން 18 އަހަރާއި 39 އަހަރާ ދެމެދުގެ އަންހެނުން ކޮންމެހެން ހަދަންޖެހޭ ހެލްތު ސްކްރީންތައް

ހަށިގަނޑުން ބައްޔެއް ނުފެނުނު ކަމުގައިވީ ނަމަވެސް ގަވައިދުން ހެލްތު ސްކްރީންތައް ހެދުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ އަހަރެންމެންގެ ހަށިގަނޑުގައި ނުރައްކާތެރި ބައްޔެއް ހުރި ކަމުގެ އިހުސާސް ނުކުރެވުނު ކަމުގައިވީނަމެސް، ހެލްތު ސްކްރީން ހެދުމުން އެބަލިތައް އަވަހަށް ދެނެގަނެވޭނެތީއެވެ.

ކޮންމެ މީހަކުވެސް ހަދަންޖެހޭ ހެލްތު ސްކްރީންތައް އުމުރުން ދުވަސްވާ ވަރަކަށް ތަފާތުވާނެއެވެ. ނަމަވެސް އުމުރުން 18 އަހަރާއި 39 އަހަރާ ދެމެދުގެ އަންހެނުން ހަދަން ޖެހެނީ ދާދި އެއް ބާވަތެއްގެ ހެލްތު ސްކްރީންތަކެވެ.

އެގޮތުން މި އާޓިކަލްގައި ހިމަނާލާނީ 18 އަހަރާއި 39 އަހަރާއި ދެމެދުގެ އަންހެނުން ކޮންމެހެން ހަދަން ޖެހޭ ހެލްތު ސްކްރީންތަކެވެ.

ފިޒިކަލް އެގްޒާމް

ހުރިހާ އުމުރެއްގައިވެސް ފިޒިކަލް އެގްޒާމް ހެދުމަކީ މުހިންމު ކަމެކެވެ. ފިޒިކަލް އެގްޒަމިނޭޝަން ހަދާއިރު އާންމުގޮތެއްގައި މީހާގެ މުޅި ހަށިގަނޑު ހުރީ ރަނގަޅު ސިއްހަތެއްގައިތޯ ބަލާނެއެވެ. އޭގެ ތެރޭގައި ދިގުމިނާއި ބަރުދަން އަދި ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) ޗެކް ކުރާނެއެވެ.

މީގެ އިތުރުން އެމީހެއްގެ ދިރިއުޅުމުގެ އާދަކާދަތަކާ ބެހޭގޮތުންވެސް ޑޮކްޓަރު ސުވާލު ކުރާނެއެވެ. ކަސްރަތު ކުރާ މިންވަރާއި، ދުންފަތުގެ އިސްތިއުމާލު ކުރޭތޯ އެހެމުކީ ފިޒިކަލް އެގްޒަމިނޭޝަން ހަދާއިރު އާންމު ގޮތެއްގައި ޑޮކްޓަރު އަހާ ސުވާލުތަކެވެ. ހަމައެއާއެކު ޑިޕްރެޝަނަށް ސްކްރީން ކުރުމަށް ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ގޮތުން ވެސް އޮޅުންފިލުވާނެއެވެ.

ކޮލެސްޓްރޯލް ސްކްރީނިން

ހިތުގެ ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާ ނަމަ ކޮލެސްޓްރޯލް ލެވެލް ޓެސްޓުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އުމުރުން ވިހި އަހަރުގައި ކޮލެސްޓްރޯލް ސްކްރީނިން ހަދަން ފަށަން ޖެހޭނެއެވެ. އެމެރިކަން ހާޓް އެސޯސިއޭޝަނުން ބުނާގޮތުގައި ކޮންމެ ހަތަރު އަހަރުން އެއް ފަހަރު ނުވަތަ ހަ އަހަރުން އެއް ފަހަރު ހެލްތު ސްކްރީނިން ހަދަން ޖެހޭނެއެވެ. ނަމަވެސް ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޮޑު ނަމަ ގިނައިން ޓެސްޓު ހެދުމަށް ޑޮކްޓަރު ލަފާ ދިނުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ހަށިގަނޑުގައި ކޮލެސްޓްރޯލް އެކުލެވޭ މިންވަރު ދެނެގަތުމަށްޓަކައި އާންމު ގޮތެއްގައި ވަކި އިރެެއް ވަންދެން ނުކައި ހުރެ ހަދާ ލޭގެ ޓެސްޓު ހިމެނެއެވެ. މި ލޭގެ ޓެސްޓުން ޓޯޓަލް ކޮލެސްޓްރޯލް، އެލްޑީއެލް (ގެއްލުން ލިބޭ ކޮލެސްޓްރޯލް)، އަދި އެޗްޑީއެލް (ރަނގަޅު ކޮލެސްޓްރޯލް) ހުންނަ މިންވަރު ދެނެގަނެވޭނެއެވެ.

އުރަމަތީގެ ކެންސަރު ދެނެގަތުމަށް ހަދާ ސްކްރީނިން

އުރަމަތީގެ ކެންސަރު ދެނެގަތުމަށްޓަކައި ހަދާ އެންމެ އާންމު ބާވަތުގެ ސްކްރީނިން އަކީ މެމޯގްރަފީއެވެ. އާންމު ގޮތެެއްގައި މެމޯގްރަފީ ހެދުމަށް ޑޮކްޓަރުން ލަފާދެނީ އުމުރުން 40 އަހަރު ވުމަށްފަހުއެވެ. ނަމަވެސް 40 އަހަރުން ދަށުގެ މީހަކަށްވެސް މެމޯގްރާމް ހަދަން ލަފާދިނުމަކީ އެކަށީގެންވާ ކަމެކެވެ. އެގެތުން އާއިލާގެ މެންބަރަކު ޒުވާން އުމުރުގައި ކެންސަރު ޖެހިފައިހުރިނަމަ މެމޯގްރަފީ ހެދުމަށް ޑޮކްޓަރުން ލަފާދޭނެއެވެ.

އަލްޓްރާ ސައުންޑް ނުވަތަ މެގްނެޓިކް ރިޒޮނަންސް އިމޭޖިން (އެމްއާރްއައި) ސްކޭންކޮށްގެންވެސް އުރަމަތީގެ ކެންސަރު ދެނެގަނެވޭނެއެވެ.

ޑައިބެޓީސް ސްކްރީނިން

ޑައިބެޓީސް ސްކްރީނިން ނުވަތަ ހަކުރު ބަލި ދެނެގެތުމަށްޓަކައި ހެލްތު ސްކްރީނިން ހެދުމަކީ މުހިންމު ކަމެކެވެ. އެމީހެއްގެ ހަށިގަނޑުގައި ލޭގެ ޕްރެޝަރު 130/80އަށް ވުރެ މަތިނަމަ ހަކުރު ބައްޔައް ސްކްރީނިން ހެދުމަށް ޑޮކްޓަރު ލަފާދޭނެއެވެ. އާދަޔާ ހިލާފަށް ބަރުދަން އިތުރުވާނަމަ އުމުރުން 35 އަހަރުގަައި ހަކުރު ބަލީގެ ސްކްރީނިން ހަދަން ފެށުމަކީ މުހިންމު ކަމެކެވެ.

މީގެ އިތުރުން ސަރވިކަލް ކެންސާ ސްކްރީނިން، އިމިއުނައިޒޭޝަން، ސިކިން ސްކްރީނިން، ޑެންޓަލް އެގްޒާމްސް އަދި ގަވައިދުން ލޯ ޗެކް ކުރުމަކީވެސް މުހިންމު ކަމެކެވެ. އަދި އެމީހަކު ހަދަން އެންމެ މުހިންމު ސްކްރީނިންތަކާ މެދު ޑޮކްޓަރާ މަޝްވަރާ ކުރުމަކީ ރަނގަޅުކަމެކެވެ.

comment ކޮމެންޓް