ކުރީގެ މަޖިލިސް މެމްބަރުންނަށް ދޭ އިނާޔަތް ކަނޑާލަން ހުށަހަޅައިފި

ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް--- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މީހުންނަށް ޚިދުމަތާ ނުބައްދަލު އިނާޔަތްތައް ދޭ ކަމަށް ބުނެ އެ އިނާޔަތްތައް އުނިކުރުމަށް, މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

އެމްއެންޕީގެ ވަގުތީ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދުު އުޝާމް މިއަދު 'ސަން' އަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 8 ވަނަ މާއްދާ އުނިކޮށް ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ހުށަހަޅާފައިވާ ކަމަށެވެ.

އުޝާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް ޚިދުމަތުގެ އިނާޔަތުގެ ގޮތުގައި ދައުލަތުގެ ފަރާތުން ބޮޑެތި އިނާޔަތްތަކެއް ދިނުމަށް ކަނޑައަޅާފައިވާއިރު، ދައުލަތަށް 30-20 އަހަރު ޚިދުމަތްކޮށްފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާއި ނުބައްދަލު އިނާޔަތްތަކެއް އެންމެ ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރާ މީހަކަށް ދިނުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށެވެ.

މިކަމާގުޅިގެން އެ ޕާޓިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގައި އަމިއްލަ މަސްލަހަތަށްވުރެ ބޮޑަށް، ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ކަންކަން ނިންމަންޖެހޭ ކަމަށް ދެކޭ ކަމަށެވެ.

އަދި އެ ބިލަކީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ގައުމަށް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޕެންޝަނަރުންނަށް އެންމެ އިންސާފުވެރިކަމާއެކީ ޕެންޝަން ލިބޭނެގޮތް މަގުފަހިކޮށް ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށް އެ ޕާޓީން ބުނެއެވެ. އަދި ދައުލަތަށް ޚިދުމަތް ކުރުމުން ޚިދުމަތުގެ އިނާޔަތް ދިނުމުގައި ހަމަހަމަކަން އޮންނަންވާނެ ކަމަށާ އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތަކީ އެކި ގާނޫނުތަކުގެ ދަށުން ޚިދުމަތުގެ އިނާޔަތުގެ ގޮތުގައި ދެވޭ ޚިދުމަތާ ނުބައްދަލު އިނާޔަތްތައް އުނިކުރުން ކަމަށް ބަޔާނުގައި ވެއެވެ.

އެ އިސްލާހުގެ ސަބަބުން ޕެންޝަން އުސޫލު އިތުރަށް ހަރުދަނާވެ، އިންސާފުވެރި އުސޫލެއްގެ ތެރެއިން ޕެންޝަންގެ ނިޒާމު ބައްޓަން ކުރުމަށް މަގުފަހިވުމުގެ އިތުރުން ދައުލަތުގެ ބަޖެޓަށް ކުރިއަށް އޮތް ތަނުގައި ނުއުފުލޭނެފަދަ ބުރައަކުން މިންޖު ކުރެވޭނެކަމަށް ގަބޫލު ކުރާ ކަމަށް ވެސް އެމްއެންޕީން ބުނެއެވެ.

އެއް ދައުރު ފުރިހަމަ ކޮށްފައިވާ މެމްބަރުންނަށް، މެމްބަރުންގެ މުސާރައިގެ 30 ޕަސެންޓް އިނާޔަތުގެ ގޮތުގައި ލިބެއެވެ. ދެ ދައުރު އަދާކޮށްފިނަމަ 45 ޕަސެންޓް ލިބެއެވެ. އަދި ހެލްތު އިންޝުއަރެންސް ސްކީމަކާއި އޮފިޝަލް ޕާސްޕޯޓް ލިބެއެވެ.

comment ކޮމެންޓް