އޭޖީ އޮފީހުގެ ޕީއެސްގެ ގިނަ މައްސަލަތަކެއް ސިވިލް ސާވިސް ކޮމިޝަނަށް

އޭޖީ އޮފީހުގެ ޕީއެސްގެ މަގާމަށް އަހުމަދު ޝިޔާއު(މ) އައްޔަނު ކުރުމުގެ ތެރެއިން --- ފޮޓޯ/ އާކައިވް އެމްވީ

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމުގައި ހުންނެވި އަޙްމަދު ޝިޔާއު އެ މަގާމުން ވަކިކޮށް ދިނުމަށް އެދި އެ އޮފީހުގެ ގިނަ މުވައްޒަފުންތަކެއް ސޮއިކޮށް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް މައްސަލަތަކެއް ހުށަހަޅައިފިއެވެ.

ސީއެސްސީގެ ރައީސް މުޙައްމަދު ނާސިހު މިއަދު "ސަން"އަށް ވިދާޅުވީ އޭޖީ އޮފީހުގެ ގިނަ މުވައްޒަފުންތަކެއް ސޮއިކޮށް އެ އޮފީހުގެ ޕީއެސްގެ މައްސަލަތަކެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް މައްސަލަތަކާ ގުޅޭ އިތުރު ތަފްސީލެއް ހާމަކުރެވެން ނެތް ކަމަށާއި އެ ކޮމިޝަނުގެ ގަވާއިދުތަކާ އެއްގޮތަށް އެ މައްސަލަތައް ތަހުގީގުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭޖީ އޮފީހުގެ ގިނަ މުވައްޒަފުންތަކެއް ސޮއިކޮށް އެ އޮފީހުގެ ޕީއެސްގެ ބައިވަރު މައްސަލަތަކެއް ހުށަހަޅާފަ ހުރިކަން މިވަގުތަށް ޔަގީން ކޮށްދެވިދާނެ. ނަމަވެސް އިތުރު މައުލޫމާތެއް މިވަގުތައް ހާމަކުރެވޭކަށް ނެތް. އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން މިދަނީ،" ނާސިހު ވިދާޅުވިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޝިޔާއުގެ މައްސަލަ ހުށަހަޅާފައިވަނީ މުވައްޒަފުންނާމެދު ތަފާތުކޮށް ފިޔަވަޅު އެޅި މައްސަލައަކާ ގުޅިގެންނެވެ.

މީގެ ކުރިން ވެސް އޭޖީ އޮފީހުގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ޝިޔާއުގެ މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތައް ހުށަހެޅީ ގާނޫނާ ގަވައިދާ ޚިލާފަށް މުވައްޒަފުންނާ މެދު އޭނާ ފިޔަވަޅު އަޅާތީކަން "ސަން"އަށް އެނގިފައިވެއެވެ.

އެ ހުރިހާ މައްސަލައެއް ވެސް ނިމިފައިވަނީ މުވައްޒަފުންނާ އެއްކޮޅަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

comment ކޮމެންޓް