ނަޝީދު ވިދާޅުވީ ފްލޯޓިން ސިޓީ އަޅާ ކުންފުންޏަށް ޖެހުނީ އަނބޮއްފުޅާއި ދަނބޮއްފުޅަށް ޖެހުނު ދަތުރުކަމަށް

ނަޝީދު ވިދާޅުވީ ފްލޯޓިން ސިޓީ އަޅާ ކުންފުންޏަށް ޖެހުނީ އަނބޮއްފުޅާ ދަނބޮއްފުޅަށް ޖެހުނު ދަތުރުކަމަށް ----

ރާއްޖޭގައި ފްލޯޓިން ސިޓީ އަޅަން ހަވާލުކުރި ކުންފުންޏަށް ޖެހުނީ އަނބޮއްފުޅާއި ދަނބޮއްފުޅަށް ޖެހުނު ދަތުރުކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ މާޗުމަހު ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުންޏާ ހަވާލުކުރި ފްލޯޓިން ސިޓީގެ މަޝްރޫއަކީ ބޮޑު ސްކޭމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އިއްޔެ ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކަ ލިޔުއްވުމަށްފަހު "ޑަޗް ޑޮކްލޭންޑްސްއަށް ދިމާވީ އެ ދަތުރު" ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި އިއްޔެ ރައީސް ނަޝީދު ވިދާޅުވީ, ފްލޯޓިން ސިޓީގެ ވާހަކަތައް ބޭރުގެ މީޑިއާތަކަށް އެރި ނަމަވެސް ރާއްޖޭގެ އިކޮނޮމިކް ކައުންސިލުން ވަނީ އެ މަޝްރޫއު ހުއްޓުވާފައި ކަމަށެވެ. އަދި އެކަން ކުރެވޭނެ އެއްވެސް ގޮތެއް ސަރުކާރުން ނުދެއްކި ކަމަށް ތުހުމަތުކޮށް ރައީސް ނަޝީދު ވިދާޅުވީ, އެކަން އެގޮތަށް ސަރުކާރުން ކުރަނީ އެ މަޝްރޫއު އެމަނިކުފާނާ ގުޅޭތީ ކަމަށެވެ.

އެހެން ކަމުން އެކަމުގެ މައުލޫމާތު ޑަޗް ޑޮކްލޭންޑްސް ކުންފުންޏަށް ދިނުމަށްފަހު ކަން ހިނގާ ގޮތް ސާފުކޮށްދީ އެކަން ރާއްޖޭގައި ވާން ނެތް ކަމުގެ ލަފާ އަރުވަން ގަސްތުކޮށްފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވައި އިކޮނޮމިކް މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ ޗެއާ ފައްޔާޒު އިސްމާއީލް ވިދާޅުވީ, އެ މަޝްރޫއަށް ދޫކުރި ފަސް ފަޅުގެ ތެރެއިން ތިން ފަޅެއް އެ ކުންފުނިން މިހާރު ވަނީ ވިއްކާލާފައި ކަމަށެވެ.

ފްލޯޓިން ސިޓީ ހެދުމަށް ނެދަލޭންޑްސްގެ ކުންފުންޏަށް ދޫކުރި ފަޅުތައް ދޫކޮށްފައިވަނީ އެއްވެސް އަގަކާ ނުލައިކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ އެފަދަ މަޝްރޫއެއްގެ ދަށުން ސޯޝަލް ހައުސިން ބިނާ ކުރުމަކީ ގާނޫނުން ތަންދޭ ކަމެއް ވެސް ނޫން ކަމަށެވެ.

"ރިސޯޓެއްގެ ފަޅެއް ތެރޭ ސޯޝަލް ހައުސިން ޕްރޮޖެކްޓެއް ގެންގުޅެން ހުއްދަ ދިނުމަކީ ބޮޑު ގޯހެއް، އެހެން ނޫނަސް އެކަން ކުރެވޭނީ ގާނޫނަށް ބަދަލު ގެނެސްގެން،" ފައްޔާޒް ވިދާޅުވިއެވެ.

ޑަޗް ޑޮކްލޭންޑްސްއަށް އެ މަޝްރޫއު ހަވާލުކުރިތާ އަހަރެއް ވާން ކައިރި ވެފައި ވަނިކޮށް، މި އަހަރުގެ ފެބްރުއަރީ މަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފައެވެ. އޭރު އެ ކުންފުނިން ބުނީ މިދިޔަ ރޯދަ މަސް ނިމެން ވާއިރަށް އެ މަޝްރޫއުގެ ފުރަތަމަ ގެތައް ނިންމާލެވޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ ފްލޯޓިން ސިޓީ ބިނާ ކުރަނީ މާލެއިން ފުރައިގެން ފަސް މިނެޓުން ދެވޭ ފަޅެއްގައި ކަމަށެވެ. ނަމަވެސް ޑަޗް ޑޮކްލޭންޑްސްއިން ބުނެފައިވަނީ އެ ތަނަށް ދާން 10 މިނެޓު ނަގާނެ ކަމަށެވެ. އަދި މުޅިއެކު 5000 ގެ އެ ސިޓީގައި އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.

ޑަޗް ޑޮކްލޭންޑްސްއާ މި މަޝްރޫއު ހަވާލުކުރި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން، 2010ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އެ ކުންފުންޏާއެކު ވަނީ ފްލޯޓިން ސިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެއަށްފަހު ބޭރުގެ ބައެއް ނޫސްތަކުގައި، 2015 ވަނަ އަހަރު މި މަޝްރޫއުގެ ޚަބަރުތައް އަނެއްކާވެސް ފެތުރުނެވެ. ނަމަވެސް އެ މަޝްރޫއަށް ވީ ގޮތެއް މިހާތަނަށްވެސް ސާފުވެފައެއް ނުވެއެވެ.

comment ކޮމެންޓް