ޔޯގާ ދުވަހުގެ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ޝައިހް ނިޝާންވެސް ހައްޔަރު ކޮށްފި

އާދަމް ނިޝާން ބިން އަލީ އާދަމް ---

އިއްޔެ ގަލޮޅު ދަނޑުގައި އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރަމުން ދަނިކޮށް އެކަމަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުމާ ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމްވެސް ހައްޔަރު ކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ ހަމަނުޖެހުމާ ގުޅިގެން ތިން މީހަކު މިއަދު ހަވީރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި އައްޝައިޚް ފަޒްލޫން ބިން މުޙައްމަދާއި ރައްޔަތިންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވެސް ހިމެނެއެވެ.

މީގެ އިތުރުން ޕީޕީއެމްގެ އެކްޓިވިސްޓް މުޙައްމަދު ރައްޒާން ވެސް ފުލުހުން ވަނީ މިރޭ ހައްޔަރުކޮށްފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޝައިޚް ނިޝާން ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅުއްވާ ރެހެންދި ފްލެޓްގައި ހުންނަވަނިކޮށެވެ. އަދި މުޙައްމަދު އިސްމާޢީލް ހައްޔަރުކޮށްފައިވަނީ ކާނިވާ ސަރައްޙައްދުގައި ހުންނަ ލެވެންޑާ ކެފޭގައި ހުއްޓައެވެ.

ޔޯގާ ޑޭ ފާހަގަކުރިޔަ ނުދިނުމަށްޓަކައި ގަލޮޅު ދަނޑުގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަ މީހަކަށް މިހާރު ވަނީ މުއްދަތު ޖަހާފައެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން (37އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް (40އ) އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން (47އ) އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު (35އ) އެވެ.

އެ މީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް ކުރިމިަނލް ކޯޓުން އަމުރުކޮށްފައިވަނީ މުޙައްމަދު ނަދީމާއި މުޙައްމަދު މަޢުޞޫމާއި މުޙައްމަދު ޙުސައިންގެ އިތުރުން އަމީން އަޙްމަދެވެ. ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ޛިލްޔަން އާއި ޝާމީ ރަޝާދު އިދްރީސްއެވެ.

އެ ހަރަކާތް އިއްޔެ ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނު މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ހަމަނުޖެހުންތަކާ ގުޅޭގޮތުން ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް، ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަކޮށް، އެ ހަރަކާތް ހިންގަން ފެށީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށާއި އޭރު އެކަން ނުހުއްޓުވައި، މިހާރު ހުއްޓުވަނީ އެކަމުގެ ފަހަތުގައި ސިޔާސީ މަގުސަދެއް އޮތުމުން ކަމަށެވެ.

އިއްޔެ ހިންގި ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަލަފް ޖަމިއްޔާ ކަމަށް ތުހުމަތުކޮށް މަހުލޫފް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ނަމަވެސް އެ ތުހުމަތު ސަލަފް ޖަމިއްޔާ އާއި ޕީޕީއެމްއިން ދޮގުކުރެއެވެ.

މިނިސްޓަރު މަހުލޫފުގެ ވާހަކަތަކަށް ރައްދު ދެމުން ސަލަފުން ބުނީ އެ ހަމަނުޖެހުންތަކުގައި ސަލަފުގެ އެއްވެސް ބައިވެރިވުމެއް ނުވާނެ ކަމަށާއި ހަމަނުޖެހުމަށް ހިތްވަރެއްވެސް ނުދޭނަން ކަމަށެވެ. އަދި ޕީޕީއެމް އިން ބުނީ މިއީ އެ ޕާޓީއަށް މިހާރު ކުރާ ތުހުމަތުތައް ކުރުމަށް ސަރުކާރުން ކުރި ކަމަކަށް ވެސް ވެދާނެ ކަމަށެވެ.

އިއްޔެގެ ހަމަނުޖެހުމުގައި ބައިވެރިވި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިއްޔެ ޓުވީޓެއް ކުރައްވާފައިވާއިރު ރޭގެ ވަގުތެއްގައި ބޭއްވި ކެބިނެޓު ބައްދަލުވުމުގައި އެ މައްސަލަ ތަހުގީގު ކުރުމަށް ވަނީ ސަބްކޮމިޓީއެއް އުފައްދާފައެވެ.

comment ކޮމެންޓް