އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަރުވި މީހުންގެ އަދަދު 1،000އާ ގާތަށް

އިރުމަތީ އަފްޣާނިސްތާނުގެ ޕަކްތިކާ ޕްރޮވިންސަށް އައި ބިންހެލުމެއްގެ ސަބަބުން ލިބުނު ގެއްލުންތަށް އަފްޣާނިސްތާނުގެ ރައްޔިތުން ބަލަނީ -- ފޮޓޯ/ އޭޕީ

އަފްޣާނިސްތާނަށް މިއަދު އައި ބާރުގަދަ ބިންހެލުމެއްގައި 920 މީހަކު މަރުވެ، 600އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް އެގައުމުގެ ވެރިކަން ކުރާ ތާލިބާނުން ބުނެފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް)އިން ބުނީ މިއަދުގެ ފަތިހުގެ ވަގުތެއްގައި އަފްޣާނިސްތާނަށް އައި ބިންހެލުމުގެ ބާރުމިން ހުރީ 5.9 މެގްނިޓިއުޑުގައި ކަމަށެވެ.

ތާލިބާނުންގެ އިންޓީރިއާ މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ސަލާހުއްދީން އައްޔޫބީ ވިދާޅުވީ އެ ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެއީ ބިންހެލުމުގެ އަސަރުކުރި ބައެއް އަވަށްތައް ފަރުބަދަމަތީގައި ހުރުމުން އެ ސަރަހައްދުތަކަށް ލިބުނު ގެއްލުން ޔަގީންކުރަން ވަގުތު ނަގާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބިންހެލުމުގެ އަސަރުކުރި ސަރަހައްދުތަކުގެ ފޮޓޯއާއި ވީޑިއޯއިން އެ ސަރަހައްދުތަކުގެ ގެތަކަށް ގެއްލުންވެފައިވާ މަންޒަރު ފެނެއެވެ.

އަފްޣާނިސްތާނުގެ އަވައްޓެރި ޕާކިސްތާނުން ވަނީ އެގައުމަށް ވެސް ބިންހެލުމުގެ އަސަރުކުރި ކަމަށް ބުނެފައެވެ. ނަމަވެސް އޭގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓުތައް އަދި ލިބިފައި ނުވާ ކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އެގައުމުން އަފްޣާން ރައްޔިތުންނަށް އެހީ ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް އައިސް، ބޮޑެތި ގެއްލުންތައް ލިބިފައި ވަނީ އެގައުމު އިގުތިސާދީ އަނދަވަޅަކަށް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ. އަދި ތާލިބާނުން އަފްޣާނިސްތާންގެ ވެރިކަމަށް އިސްވުމާ ގުޅިގެން ބޭރު ގައުމުތަކުން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، ފައިސާގެ އެހީ ދިނުން ހުއްޓާލާފައި ވަނިކޮށެވެ.

comment ކޮމެންޓް