ދުނިޔޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަންހެނުން ބާކީ ނުކުރޭ: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ކޮމަންވެލްތު ވިމެންސް ފޯރަމްގެ "ސެޝަން އޮން ވިމެންސް އެންގޭޖްމަންޓް އިން ޕީސް އެންޑް ސެކިއުރިޓީ" ގައި ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ/ ޑިފެންސް މިނިސްޓްރީ

ދުނިޔޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަންހެނުން ބާކީނުކޮށް، އިތުބާރާއި އެކުވެރިކަމުގެ ރޫހެއްގައި، ގައުމުތަކާއެކު ޕާޓްނާޝިޕްތައް ހަދައިގެން، ވަކި އުސޫލުތަކެއްގައި ހިފަހައްޓާ ބައިނަލްއަގުވާމީ ޖަމާއަތެއް ބިނާކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރުވާންޑާގެ ވެރިރަށް ކިގާލީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ވިމެންސް ފޯރަމްގެ "ސެޝަން އޮން ވިމެންސް އެންގޭޖްމަންޓް އިން ޕީސް އެންޑް ސެކިއުރިޓީ"ގައި ވާހަކަދައްކަވަމުންނެވެ. މިއީ ކޮމަންވެލްތު ވިމެންސް ފޯރަމްގައި ދިވެހިރާއްޖޭގެ ވަޒީރަކު ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.

ބައިނަލްއަގްވާމީ ގޮތުން ސަލާމަތާއި ރައްކާތެރިކަމަށް ހުރި "ހައިބްރިޑް ތްރެޓު"ތަކާއި ގޮންޖެހުންތައް ނުހަނު ފުޅާވެ، އުނދަގޫވެފައިވާ ދަނޑިވަޅެއްގައި، އެއްވެސް ގައުމަކަށް އެގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން އަމިއްލައަށް ކަށަވަރުކުރުމަކީ ދަތި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ގޮންޖެހުންތަކާއި "ހައިބްރިޑް ތްރެޓު"ތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އަންހެނުން ބާކީކޮށްގެން ނުވާނެ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ. ސަބަބަކީ، ސަލާމަތީގޮތުން އަންނަ ލޮޅުންތަކާއި ކުރިމަތިވާ ކާރިސާތަކުން އެންމެ ބޮޑު ގެއްލުމަކާއި ބުރައެއް އުފުލަންޖެހޭ ބަޔަކީ އަންހެނުންނާއި ކުޑަކުދިންކަމުގައި ވާތީކަމަށް މާރިޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ދިފާޢާއި ސަލާމަތަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި އަންހެން ވަޒީރަކު އައްޔަންކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމެވި ނިންމެވުމަކީ ވަރުގަދަ، ތާރީޚީ ނިންމެވުމެއް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ސަރުކާރުން ރެކޯޑު އަދަދަކަށް އަންހެން ވަޒީރުން އައްޔަންކުރައްވާފައިވާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަންހެން ބޭފުޅުންނަށް އިސް މަގާމުތައް ހަވާލުކުރުމުން، މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ބާރުލިބި، ވަށާޖެހިފައިވާ ޒަމާނީ ނިޒާމަކަށް ފެތޭ ހަމަތަކާއި އުސޫލުތަކާއި ނަޒަރިއްޔާތުތައް ތައާރަފުވެ، އަދި އޭގެ އެދެވޭ ނަތީޖާއާއި އަސަރުތައް، ދިފާއީ އަދި ސަލާމަތީ ދާއިރާއަށްވެސް ފެތުރި، ދައުރުވެގެންދިޔުމަށް މަގުފަހިވާކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

comment ކޮމެންޓް