ލަންކާގައި އިންޖީނިއަރިން ކިޔަވާ ދިވެހި ކުދިން ކޯސް ދިގުވެ، ގޮތް ހުސްވެއްޖެ!

ލަންކާ އޭވިއޭޝަން ކޮލެޖުގައި ކިޔަވާ ދިވެހި ދަރިވަރުން --- ފޮޓޯ/ ދަރިވަރުން

ސްރީ ލަންކާގެ އޭވިއޭޝަން ކޮލެޖުގައި އެއާކްރާފްޓު އިންޖިނިއަރިން ކިޔަވާ ދަރިވަރުންގެ ކޯސް މުއްދަތު ދިގުލައި ދާތީ އެކަމާ ބެހޭ ގޮތުން ދިވެހި ސަރުކާރުގެ އެކި އިދާރާތަކާ ވާހަކަ ދައްކައިގެން ވެސް ހައްލެއް ލިބިފައިނުވާ ކަމަށް އެ ދަރިވަރުން މިއަދު ބުނެފިއެވެ.

އެ ކޮލެޖުގައި އެއާ ކްރާފްޓު އިންޖިނިއަރިން ކިޔަވާ ދިވެހި ދަރިވަރުންގެ އެންމެ ސީނިއާ ބެޗު އެ ގައުމަށް ކިޔަވަން ދިޔައީ 2018 ވަނަ އަހަރުއެވެ. ދެ އަހަރާއި ހަ މަސް ދުވަހުގެ ކޯސް ދިގުލައި އެ ދަރިވަރުން ކިޔެވުން ނުނިންމިފައި ތިބޭތާ މިހާރު ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

އެ ދަރިވަރުންނަށް ދިން ސްޓޫޑެންޓު ލޯނުވެސް ހުސްވެ މިހާރު ލާރި ދައްކަމުން ދަނީ އެކުދިންގެ އަމިއްލަ އަތުންނެވެ. މިހާރު ވެސް އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ އެ ކުދިންގެ ޖީބުން ޚަރަދު ކޮށްފައިވާ ކަމަށް އެ ކުދިން ބުނެއެވެ.

މިހާ ދުވަހުގެ ކަންބޮޑުވުންތަކާ ޝަކުވާތައް އެ ދަރިވަރުން ވަނީ ރައީސް އޮފީހާއި ރާއްޖޭގެ ހަޔާ އެޑިއުކޭޝަނާއި ފޮރިން މިނިސްޓްރީ އަދި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް އެތައް ފަހަރެއްގެ މަތިން ހުށަހަޅާފައެވެ. އަދި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ކުދިން އައީ ހަޔާ އެޑިއުކޭޝަނާއި ސިވިލް އޭވިއޭޝަން އޮތޯރިޓީއާއެކު ވާހަކަ ދައްކަމުންނެވެ.

މިހާރު ލަންކާ އޭވިއޭޝަން ކޮލެޖުން ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފާރިސް މުޙަައްމަދު މިއަދު "ސަން" އަށް ބުނީ ވަރަށް ފަހުން ވެސް ރައީސް އޮފީހަށް ސިޓީ އަކުން ކަންބޮޑުވުންތައް ހިއްސާ ކޮށްފައިވާ ކަމަށެވެ.

ލަންކާ އޭވިއޭޝަން ކޮލެޖުގައި ކިޔަވާ ދިވެހި ދަރިވަރުން --- ފޮޓޯ/ ދަރިވަރުން

"އެތައް ފަހަރެއްގެ މަތިން ސިޓީ ފޮނުވިއްޖެ. ވާހަކަ ދެކެވިއްޖެ. ފާރިސް އަކީ އެންމެ ސީނިއާ ބެޗް. މިހާރު ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ވީ މިހެން އުޅޭތާ، އެކަމު ދެ އަހަރާ 6 މަސް ދުވަހުގެ ކޯހެއް ނިންމަން. ދެން އިނީ ދެމަސް ނުނިމި. އެވަރުވެސް ނުވާ ހިސާބުގަ މިހާރު. ބައިވަރު ކޮންސާންސްތަކެއް. އެކަމު އޭގެން އެއްވެސް ކަމަކަށް އެކަށީގެންވާ ޖަވާބެއް ނުލިބޭ،" އޭނާ ކިޔާއިދިނެވެ.

ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ގަބޫލުކުރަނީ ވަކި ގައުމުތަކެއްގެ އަދި ވަކި ކޮލެޖުތަކަކުން ހަދާ އެއާކްރާފްޓް އިންޖިނިއަރިން ކޯސްތައް ކަމަށްވާތީ އެ ދަރިވަރުންނަށް އޮތް ހަމައެކަނި ފުރުސަތަކީ ލަންކާއިން އެ ކޯސް ހެދުންކަމަށް ފާރިސް ބުންޏެވެ.

އެ ދަރިވަރުންނަށް ސަރުކާރުން ދޭ ސްޓޫޑެންޓް ލޯން ލިބުނީ ވެސް ސިވިލް އޭވިއޭޝަނުން ގަބޫލުކުރާ ކޮލެޖަކުން ކޯސް ހަދާތީ ކަމަށާއި ލަންކާ އޭވިއޭޝަން ކޮލެޖު އިހްތިޔާރުކުރުން ނޫންގޮތެއް އެ ކުދިންނަށް ނެތް ވާހަކަ ރައީސް އޮފީހަށް ފޮނުވި ސިޓީގައި ބުނެފައިވެެއެވެ.

"ދެ އަހަރާ ބައިން ނިމޭ ކޯހެއް ލަންކާއަށް ދިމާވި ގިނަ ކަންތައްތަކެއްގެ ސަބަބުން ދިގުލައިގެން މިވަނީ ގޮސްފަ. މިހާރު އޮތް ސިޔާސީ އަދި އިގްތިސާދީ ދަތިކަމާއި މުވައްޒަފުންގެ ހަޅުތާލުތަކުގެ ސަބަބުން ވެސް އަޅުގަނޑުމެންގެ ކޮލެޖަށް އަސަރުކޮށް، އަޅުގަނޑުމެންގެ ކޯސްތަކުގެ ކުރިއެރުމާ މެދު ސުވާލު އުފެދި އަޅުގަނޑުމެން މި ވަނީ އިތުރު ޔަގީންކަން ނެތި، ބޮޑެތި މާލީ ގޮންޖެހުންތަކެއްގެ ތެރެއަށް ވެއްޓިފަ," އެ ސިޓީގައިވެއެވެ.

ލަންކާ އޭވިއޭޝަން ކޮލެޖުގައި ކިޔަވާ ދިވެހި ދަރިވަރުން --- ފޮޓޯ/ ދަރިވަރުން

ލަންކާގައި މިހާރު ކިޔަވަން ތިބި ދަރިވަރުން ބުނީ އެތައް ފަހަރަކު އެތައް ގޮތަކަށް އެ މައްސަލަތަކަށް ހައްލު ހޯދައިދޭން ސަރުކާރުގެ އެކި އިދާރާތަކުގައި އެދުނުކަމަށެވެ. އިދާރާތަކުގެ އިސްވެރިންނާ ބައްދަލުވެ އަދި ސިޓީ ވެސް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ކަހަލަ ޖަވާބެއް ނުލިބި "އުޅޭނެ ހާލެއްގައި އުޅެން" ދޫކޮށްލާފައިވާ ބައެއްގެ ގޮތުގައި އެ ކުދިން ވަނީ އެ މީހުންގެ މިހާރުގެ ހާލަތު ސިފަ ކޮށްފައެވެ.

ޚާއްސަކޮށް މިހާރު ކިޔެވުން ކުރިއަށް ނުގޮސް މަޑުޖެހިފައި އޮންނަ އޮތުމަކީ އެންމެ ބޮޑު ކަންބޮޑުވުންކަމަށް އެ ދަރިވަރުން ބުނެއެވެ. ކޯސް ނިމޭއިރު ވަކި ވަރަކަށް ޕްރެޓިކްލަ ގަޑިއިރު ފުރިހަމަ ކުރަން ޖެހޭ ކަމަށާއި މިހާރު މިއޮތް ގޮތަށް އޮވެގެން އެކަން ވާން ނެތް ކަމަށް ވެސް އެ ދަރިވަރުން ބުނެއެވެ.

އެގޮތުން އެ ކޮލެޖުގައި ކިޔަވާ ދިވެހި ދަރިވަރެއް ކަމަށްވާ ޒިދާން ޙުސައިން މިއަދު "ސަން"އަށް ބުނީ ހުރިހާ ކަންބޮޑުވުންތަކާ ޝަކުވާތައް ހިއްސާކުރާއިރުވެސް އެއްވެސް އިދާރާއަކުން ޖަވާބެއް ނުލިބޭ ކަމަށެވެ. ކަންބޮޑުވުންތައް އިންތިހާއަށް އެބަހުރި ކަމަށާއި ނަމަވެސް އެއްވެސް ވަރަކަށް އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެންމެ ބޮޑު ކޮންސާނަކީ ކިޔެވުން މަޑުޖެހިފަ މި އޮންނަ އޮތުން ދޯ. އެއްވެސް ބަޔަކު ކޮންސާން ވާހެނެއް ހިއެއް ނުވޭ. މިއީ ސެކަންޑު ސީނިއާ ބެޗު. އެންމެ ސީނިއާ ކުދިންނަށް ވެސް ޕްރެޓިކަލް އަވާޒް ފުރިހަމަ ނުކުރެވޭ އިރު އަދި ޒިދާން މެން ކިހިނެއް ކުރާނި. މިހާ ދުވަސް ވާއިރުވެސް އެއްވެސް ކަހަލަ ހެލްޕެއް އަސްލު އޮތޯރިޓީޒް އަކުން ނުލިބޭ،" ޒިދާން ކިޔައިދިނެވެ.

ލަންކާ އޭވިއޭޝަން ކޮލެޖުގައި ކިޔަވާ ދިވެހި ދަރިވަރުން --- ފޮޓޯ/ ދަރިވަރުން

މީގެ ކުރިން ހަޔާ އެޑިއުކޭޝަންއާ އެތައް ފަހަރެއްގެ މަތިން ވާހަކަ ދެކެވުނުއިރު އެކަމަށް ހައްލެއް ހޯދަން ކުރެވޭނެ އެއްވެސް ކަމެއްގެ ވާހަކަ އޭރުވެސް އަދި ފަހުންވެސް ބުނެފައި ނުވާ ކަމަށް ދަރިވަރުން ބުންޏެވެ.

މީގެ އިތުރުން އެއް ބެޗް ނުނިންމާ އެހެން ބެޗުތަކަށް ކޮލެޖުން ފޯކަސް ކުރާކަން ލަންކާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން ފާހަގަކުރިއެވެ. އެންމެ ސީނިއާ ބެޗު އަދިވެސް ކޯސް ނުނިމިގެން އުޅޭއިރު އެކަމުގެ އަސަރު އެހެން ބެޗުތަކަށް ކުރާނެ ކަމަށްވެސް އެ ދަރިވަރުން ގަބޫލުކުރެއެވެ.

"މިހާރު އަނެއްހެން ހަމަ ކިޔެވުން ހުއްޓިފަ މިއޮތީ، އޮންލައިން ކޮށް އެބަދޭ ކްލާސްތައް. އެކަމަކުވެސް ވަރަށް ޓްރައި ކުރެވިއްޖެ މިކަމަށް ހައްލެއް ހޯދަން. ހައްލެއް ލިބޭ ކަހަލަ ގޮތަކަށް ސިޓުއޭޝަން ބެޓާ ވާނެ ގޮތަކަށް އެއްވެސް ބައެއްގެ ފަރާތުން ނުލިބޭ ޖަވާބެއް،" ލަންކާގައި އެއާ ކްރާފްޓު އިންޖިނިއަރިން ކިޔަވަމުންދާ މުޙައްމަދު ފަައްޔާލް އިބްރާހީމް ބުންޏެވެ.

ދެ އަހަރާ ހަ މަސްދުވަހުގެ ކޯސް ދިގުލައި ގޮސް ކޯސް ފުރިހަމަކުރެވޭނެ ގޮތެއް ނެތި އަދި އެކަމަށް އެކަށީގެންވާ ހައްލެއް މިހާދުވަސް ވާއިރު ނުލިބި އޮތުމަކީ ބަަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެކުދިން ގަބޫލުކުރެއެވެ.

އެ ދަރިވަރުންގެ މިހާ ދުވަހުގެ އާދޭހަށް ކޮންމެސް ކަހަލަ ހައްލެއް އެކަމުގަ އޮންނަން ޖެހޭނެ ކަމަށާއި މިހާވަރަށް ކަންކަން ގޯސްވީ ސަރުކާރުގެ އެއްބާރުލުން ނުލިބި އެކަމުގައި ސަރުކާރުގެ އިހުމާލު ވަރަށް ބޮޑަށް އޮވެގެން ކަމަށް އެ ދަރިވަރުން ފާހަގަކުރެއެވެ.

އެ ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ބަހެއް ހޯދާލުމަށް މި ނޫހުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށާއި ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ގުޅިނަމަވެސް މިހާތަނަށް ޖަވާބެއް ނުލިބެއެވެ.

comment ކޮމެންޓް