ރަނގަޅު ޤާނޫނުއަސާސީއަކާއި ރަނގަޅު ޙުކޫމަތެއް ހޯދުން

ޑިމެގޯގުންގެ ފަހަތުގައި ތިބޭ ރައްޔިތަކަށް ޤައުމެއް ބިނައެއްނުކުރެވޭނެއެވެ.

ބައެއް މީހުންގެ ނަޒަރުގައި، ރަނގަޅު ދުސްތޫރީ ނިޒާމާއި ރަނގަޅު ޙުކޫމަތަކީ އިންސާނުންނަށް "ހެދޭނެ" ނުވަތަ "އުފެއްދޭނެ" އެއްޗެއް ނޫނެވެ. އެއީ ޤައުމެއްގެ ޙާލަތަށް އަންނަ ބަދަލުތަކާއި، ހެޔޮ ނަޞީބާއި، އިއްތިފާޤުތަކުގެ ތެރެއިން، ބައެއް ފަހަރުފަހަރު ޤައުމުތަކަށް ލިބޭ އެއްޗެކެވެ. މިސާލަކަށް، ޤައުމަކަށް ބުއްދިވެރި، ޢިލްމުވެރި، ރައްޔިތުންނާއި ޤައުމު ދެކެ ލޯބި ވާ ވެރިޔަކު ލިބި، އެ ވެރިޔަކާ އެކުގައި ޤައުމަށް ޚިދުމަތް ކުރާނޭ ހަރުދަނާ މީހުންތަކެއް ވެސް ރަނގަޅު ވަގުތުގައި ފައިދާ ވެއްޖެ ނަމަ، އެ ޤައުމަކަށް ރަނގަޅު ޙުކޫމަތެއް ލިބިދެއެވެ. މި ކަންކަމަކީ އެއްވެސް ޙާލެއްގައި އޭގެ މައްޗަށް ޤައުމުގެ މީސްތަކުންގެ ބާރު ފޯރާ ނުވަތަ އެމީހުންގެ އިޚްތިޔާރުގެ ދަށުގައި އޮންނަ ކަމެއް ނޫނެވެ. އެހެންކަމުން، ރަނގަޅު ޙުކޫމަތެއް އުފެއްދުމަށް ޓަކައި، ދުސްތޫރީ ނިޒާމު ހަރުދަނާކޮށް ފަރުމާ ކުރިޔަސް، އަދި ރަނގަޅު ޤާނޫނުއަސާސީއެއް ލިޔުނަސް، ފާހަގަ ކުރެވޭ ވަރުގެ ތަފާތެއް ނާންނާނެއެވެ. ކިތަންމެ ރަނގަޅަށް ދުސްތޫރީ ނިޒާމު ފަރުމާ ކުރިޔަސް، އިންސާނުންގެ ޠަބީޢަތް ހުންނަ ގޮތުންނާއި، އަދި ޙުކޫމަތެއް ރަނގަޅު ވުމާއި ނުވުން އެމައްޗަށް ބިނާ ވެގެންވާ ޢަވާމިލުތައް ނުވަތަ ބަހާތައް ގިނަކަމުން، އަދި އެއީ ދުސްތޫރީ ނިޒާމު ނަޒަރިއްޔާތީ ގޮތުން ރަނގަޅު ވުމުގެ މައްޗަށް އެކަނި ބިނާ ވެފައިވާ ކަމަކަށް ނުވާތީ، ރަނގަޅު ޙުކޫމަތަކީ ވަރަށް ނާދިރު އެއްޗެކެވެ.

މި ޒަމާނުގެ ތާރީޚުން މިސާލަކަށް ބަލައިލަމާ ހިންގަވާށެވެ!

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އުފެއްދުނު ދަނޑިވަޅަކީ، އިންސާނުންނަށް ރަނގަޅު ދުސްތޫރީ ނިޒާމަކާއި ރަނގަޅު ޙުކޫމަތެއް ފަރުމާ ކޮށް އުފެއްދިދާނޭތޯ މި ސުވާލާ މެދު ޔޫރަޕާއި އެމެރިކާގެ ސިޔާސީ އަދި ޤާނޫނީ ފިކުރުގެ މަޖިލިސްތަކުގައި ބަޙުޘްތައް ކުރެވެމުން ދިޔަ ދަނޑިވަޅެކެވެ. ޔުނައިޓެޑް ސްޓޭޓްސް އުފެއްދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވި އެއް ލީޑަރު ކަމުގައި ވާ އެލެގްޒޭންޑަރ ހެމިލްޓަން "ފެޑްރަލިސްޓް މަޒުމޫނު" ނަންބަރު 78 ގައި މި ނުކުތާގެ މައްޗަށް ވިދާޅުވެފައި އޮވެއެވެ. "މަޖިލިހެއްގައި އިށީނދެގެން ތިބެ ވިސްނައި ފިކުރު ކޮށްގެން އަދި މަޝްވަރާ ކޮށްގެން، ވަކި ކަހަލަ ނަތީޖާތަކެއް ނެރެވޭނެ ގޮތަށް ބައްޓަން ކޮށްގެން، ވަކި ކަހަލަ ގޮތްތަކަކާއި އުޞޫލުތަކަކާއި ނަޒަރިއްޔާތަކެއްގެ މަތީގައި، ރަނގަޅު ޙުކޫމަތެއް ފަރުމާ ކުރުމުގެ ޤާބިލިއްޔަތު އިންސާނީ މުޖުތަމަޢުތަކަށް ލިބިގެން ވޭ ހެއްޔޭ، އަދި އެއީ އިންސާނީ މުޖުތަމަޢެއްގައި ރަނގަޅު ދުސްތޫރީ ނިޒާމެއް ޤާއިމު ކުރެވިދާނެ ގޮތެއް ހެއްޔޭ، މިއީ ޢާއްމުކޮށް ކުރެވޭ ސުވާލެކެވެ."

އެހެން ގޮތަކަށް ޢިބާރާތް ކުރާ ނަމަ، މުޖުތަމަޢަކަށް ސިޔާސީ ގޮތުން ރަނގަޅު ޤިޔާދަތަކާއި ވެރިކަމެއްގެ ބާއްޖަވެރިކަން ލިބެނީ، އެ މުޖުތަމަޢުގެ ފަރުދުންގެ އެއްވެސް ބާރެއް ނުވަތަ އިޚްތިޔާރެއް ނެތި، ނަޞީބުގައި ހުންނަ ގޮތަކުން، ނުވަތަ އިއްތިފާޤުތަކެއްގެ ސަބަބުން، ރަނގަޅު ވަގުތު ރަނގަޅު ލީޑަރަކު ލިބުން، އަދި އެ ލީޑަރާ އެކު ހެޔޮ ނިޔަތުގައި އަދި އިޚްލާޞްތެރިކަމާ އެކު މަސައްކަތް ކުރާނެ އެހީތެރީންތަކެއް ވެސް ރަނގަޅު ދަނޑިވަޅުގައި ލިބުން، ނުވަތަ ޤާބިލު ލީޑަރަކު ބާރުގެ ބޭނުން ކޮށްގެން މުޅި ނިޒާމު އޭނާގެ ތަޞައްވުރާ އެއްގޮތަށް އަދި ހަރުދަނާ ގޮތެއްގައި ބިނާ ކުރާކުރުން ފަދަ ގޮތްގޮތުން ނޫން ބާވައެވެ! އެންމެ ޖުމުލަޔަކުން ދަންނަވަންޏާ، ރަނގަޅު ޙުކޫމަތަކީ ނާދިރު ޙާލަތުތަކުގައި، ނަޞީބަކުން، ލިބޭ އެއްޗެއް ނޫން ބާވައެވެ!

ހެމިލްޓަންގެ މަޒުމޫނުގައި ފާހަގަ ކުރެއްވި ގޮތުގައި، އަލަށް އިޢުލާން ކުރެވުނު ޔުނައިޓެޑް ސްޓޭޓްސްގެ ދައުލަތަކީ މި ސުވާލަށް އެކަށޭނަ ޖަވާބެއް ހޯދުމަށް ޓަކައި އިންސާނީ ތާރީޚުގައި ލިބުނު މުނާސަބު އަދި މުވާފިޤު ދަނޑިވަޅެއް ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. ޔުނައިޓެޑް ސްޓޭޓްސްގެ ޤާނޫނުއަސާސީ ލިޔުމުގެ މަސްއޫލިއްޔަތު ކޮނޑުއަޅައިގެން ތިބި މީހުންގެ އިޚްލާޞްތެރި އަދި ހަރުދަނާ މަސައްކަތްތަކުގެ ތެރެއިން ރަނގަޅު ޤާނޫނުއަސާސީއެއް ފަރުމާ ކުރެވި، އެ ޤާނޫނުއަސާސީގެ ވަސީލަތުން ރަނގަޅު ދުސްތޫރީ އަދި ސިޔާސީ ނިޒާމެއް ޤާއިމު ކުރެވިއްޖެ ނަމަ، ހެޔޮ ޙުކޫމަތަކީ އިއްތިފާޤަކުން ނުވަތަ ނަޞީބަކުން ނޫނަސް، ލިބޭނޭ އެއްޗެއްކަން، އެއީ އެފަދަ ޙުކޫމަތެއް ހޯދުމަށް ޓަކައި އިންސާނީ މުޖުތަމަޢެއް އެކަތިގަނޑަކަށް ވެގެން ހެޔޮ މަގުން ހިނގައިފި ނަމަ، އަދި ހެޔޮ މަގުތަކާއި ގޮތްތައް އިޚްތިޔާރު ކޮށްފި ނަމަ، ހޯދިދާނެ އެއްޗެއްކަން ސާބިތު ކުރެވުނީއެވެ. ދެން ހެމިލްޓަން ވިދާޅުވަނީ، އައު ޤާނޫނުއަސާސީގެ ކަންކަމުގައި ޔުނައިޓެޑް ސްޓޭޓްސްގެ ރައްޔިތުން ޤައުމުގެ ޙަޤީޤީ މަޞްލަޙަތުތަކަށް ބުރަވެ، ޢާއްމު ހެވަތާ ގުޅުމެއް ނެތް އެކިއެކި ތަޢައްޞުބުތަކާއި އަމިއްލަ އެދުންތަކުން ދުރުހެލި ވެ، އިންޞާފާއި ޢަދުލުވެރިކަމުގެ އަސާސުގެ މަތީގައި ޢަމަލު ކޮށްފިއްޔާ، އެ ޤައުމަށާއި ރައްޔިތުންނަށް އުފާވެރިކަމާއި ބާއްޖަވެރިކަން ލިބިގެން ދާނެ ކަމުގައެވެ. އެހެންކަމުން، ހެމިލްޓަންގެ ޖަވާބު ސާފެވެ. އޭނާގެ ނަޒަރުގައި، ރަނގަޅު ޤާނޫނުއަސާސީއެއްގެ ވަސީލަތުން ރަނގަޅު ދުސްތޫރީ ނިޒާމެއް ފަރުމާ ކޮށްގެން، ރަނގަޅު ޙުކޫމަތެއް އުފެއްދިދާނެއެވެ.

ޝައްކެއް ނެތް ގޮތުގައި، މި ސުވާލަކީ ވަރަށް ފުންކޮށް އެ ސުވާލަކާ މެދުގައި އަޅުގަނޑުމެން ވިސްނާން ޖެހޭ ސުވާލެކެވެ.

ތެދުފުޅެކެވެ! އިންސާނުންނަކަށް ދުނިޔޭގެ އެއްވެސް ކަމެއްގައި ފުރިހަމަ ބާރުވެރިކަމެއް ނޯވެއެވެ. ދުނިޔެ ހިނގަމުން ދަނީ އިންސާނާގެ ތަދުބީރުތަކާއި ރޭވުންތަކުގެ މައްޗަކަށް ނޫނެވެ. ހުރިހައި ކަމެއްގައި މެ، ބާރުވެރިވަންތަ އަދި ޙުކުމްވެރި ﷲ ސުބުޙާނަހޫ ވަ ތަޢާލާގެ ޠަބަޢީ ޤާނޫނުތަކާއި (Natural Laws)، އެކަލާނގެ އިރާދަފުޅާއި މިންވަރުފުޅަކީ (Divine Will and Determination) ކޮންމެ އިންސާނެއްގެ، އަދި ކޮންމެ އިންސާނީ މުޖުތަމަޢެއްގެ ކަންކަން ހިނގަމުން ދާގޮތް ކަނޑައަޅާ އެންމެ މުހިއްމު އަދި އެންމެ ވަރުގަދަ ޢަވާމިލު ނުވަތަ ބަހާއެވެ. އިންސާނެއްގެ އަމިއްލަ ފަރުދީ ދިރިއުޅުމުގެ ކަންކަމަށް ބެލިޔަސް، އަދި އިންސާނީ މުޖުތަމަޢެއްގެ އިޖުތިމާޢީ، ސިޔާސީ، އިޤްތިޞާދީ ކަންތައްތަކަށް ބެލިޔަސް، ހަމަ އެއްވެސް ކަމެއް މި އުޞޫލުން އިސްތިސްނާއެއް ނުވެއެވެ.

ތާރީޚުގެ ޞަފުޙާތަކަށް ބަލައިލުމުން، އަޅުގަނޑުމެންނަށް ފެންނަ މަންޒަރަކީ، ދާދި ކުޑަކުޑަ، އެއިގެ ޒާތުގައި އެއްވެސް އަހައްމިއްޔަތެއް ނުހުންނަ، މީހަކަށް އޮޅިގެން ނުވަތަ އޮޅުމެއްގެ ތެރޭގައި ކުރެވޭ ކަންކަމުން ވެސް، މުޅި އިންސާނިއްޔަތަށް އޭގެ އަސަރު ކުރާ ފަދަ ނަތީޖާތައް ނުކުތުމަށް ﷲ މިންވަރު ކުރައްވާކަމެވެ. މިސާލަކަށް ބަލަމާ ހިންގަވާށެވެ! 1914 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު، އޮސްޓްރޯ-ހަންގޭރިޔަން އަންބަރާޠޫރިއްޔާގެ ވަލީޢަހުދު އާރކްޑިޔުކް ފްރާންޒް ފާރޑިނާންޑް، ސަރަޔޭވޯގެ މަގަކުން ދަތުރު ކުރައްވަނިކޮށް، އޭނާ އަވަހާރަ ކޮށްލެވުނެވެ. އޭނާ ދަތުރުފުޅު ކުރެއްވި ޖުލޫސުގެ އެންމެ ކުރީގައި އޮތް ކާރުގެ ޑްރައިވަރަށް، ދަތުރު ކުރާން ވީ މަގުތަކާ ބެހޭގޮތުން ދެވިފައި އޮތް އިރުޝާދުތައް އޮޅި، އެ މަގަކުން ދަތުރު ނުކުރުމަށް އެންގިފައި އޮތް މަގަކަށް ވަދެވުނީއެވެ. ފްރާންޒް ފާރޑިނާންޑް އަވަހާރަ ކޮށްލުމަށް ތައްޔާރު ވެ ހަތިޔާރު އަޅައިގެން ހުރި ގެވްރީލޯ ޕްރިންސިޕް ފިލައިހުރީ ޑްރައިވަރަށް އޮޅިގެން ވަދެވުނު މަގުގައި ހުރި ފިހާރައެއްގެ ތެރޭގައެވެ. ޖުލޫސުގައި އިސް އޮފިޝަލެއްގެ ގޮތުގައި އިންނެވި ބޮސްނިޔާގެ ގަވަރުނަރު ޖެނެރަލް އޮސްކަރ ޕޮޓިއޮރެކް ބާރު އަޑުފުޅުން ޑްރައިވަރަށް ގޮވައިލައްވައި، މިއީ ނުބައި މަގެކޭ، އަވަހަށް އަނބުރައިލާށޭ ވިދާޅުވިއެވެ. ޑްރައިވަރަށް ޕޮޓިއޮރެކްގެ އަޑުފުޅު އިވުނެވެ. ނަމަވެސް ވިދާޅުވި އެއްޗެއް ސާފެއް ނުވިއެވެ. އެހެންކަމުން، އޭނާ ވަގުތުން ކާރު ހުއްޓައިލީއެވެ. އިއްތިފާޤުން، އޭނާޔަށް ކާރު ހުއްޓައިލެވުނީ ގެވްރީލޯ ޕްރިންސިޕް އެ ފިހާރައެއްގެ ތެރޭގައި ފިލައިހުރި ފިހާރައިގެ ހަމަ ދިމާ ކުރިމައްޗަށެވެ. ގެވްރީލޯއަށް ދާދި ގާތުން، "ޕޮއިންޓް-ބްލޭންކް ރޭންޖުން" ފްރާންޒް ފާރޑިނާންޑްގެ މެއިފުޅަށާއި އިސްތަށިފުޅަށް ބަޑީގެ ޙަމަލާ އަމާޒު ކުރެވޭހައި ގާތުގައެވެ. ގެވްރީލޯ ބަލާކަށް ނުހުރެ، ފްރާންޒް ފާރޑިނާންޑްގެ ގައިކޮޅަށް، ދެ މަރުވަޅަކަށް ދެ ވަޒަން ޖަހައި އޭނާ އަވަހާރަ ކޮށްލީއެވެ. އާދެ، އޮސްޓްރޯ-ހަންގޭރިޔަން އަންބަރާޠޫރިއްޔާގެ ވަލީޢަހުދުގެ ޑްރައިވަރަށް އެރި އޮޅުންތަކެއްގެ ނަތީޖާ އަކީ، ވަލީޢަހުދުގެ ފުރާނަފުޅު ގެއްލި، އެއިގެ ނަތީޖާއެއްގެ ގޮތުގައި ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ފެށުމެވެ.

ނަމަވެސް އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނެކަމަކީ، ﷲ ސުބުޙާނަހޫ ވަ ތަޢާލާގެ ސުންނަތަކީ، އިންސާނަކު ނުވަތަ އިންސާނުންތަކެއް އެބައިމީހުންގެ ޙާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ނަމަ، އެ މަސައްކަތުގައި ބަރަކާތް ލައްވަވައި، އެ މަސައްކަތަށް ފަހި ގޮތްގޮތަށް އިރާދަފުޅާއި މިންވަރުފުޅު ހިންގެވުންކަމެވެ. އެހެންކަމުން، ދަންނަވާން ޖެހެނީ ހަރުދަނާ ދުސްތޫރީ ނިޒާމާއި، ރަނގަޅު ޙުކޫމަތުތައް ފަރުމާ ކޮށް ޤާއިމު ކުރުމަކީ ﷲ ގެ ތައުފީޤާ އެކު އިންސާނުންނަށް ކުރެވިދާނެ ކަމެއް ކަމުގައެވެ. ރަނގަޅު ޙުކޫމަތަކީ އިއްތިފާޤަކުން، ނަޞީބަކުން، ނުވަތަ އެ ނޫނަސް އިންސާނުންގެ އެއްވެސް ބާރެއް އެއްވެސް މިންވަރަކަށް ނުފޯރާ ކަންތައްތަކެއްގެ ސަބަބުން ދޭތެރެޔަކުން އަންނަ އެއްޗެއް ކަމުގައެއް ނުބުނެވޭނެއެވެ.

އިންޑިއާގެ ދުސްތޫރުގެ ބައްޕަ ކަމުގައި ބެލެވޭ ޑރ. ބީމާރާއޯ ރާމްޖީ އަމްބެދްކަރް ވެސް ވިދާޅުވި ފަދައިން، ހަމައެކަނި ރަނގަޅު ޤާނޫނުއަސާސީއެއް ލިޔެ، ރަނގަޅު ދުސްތޫރީ ނިޒާމެއްގެ ބަހަވީ ނުވަތަ ލުޣަވީ ތަޞްވީރެއް ކުރަހައިލުމަކުން، އެކަމެއް ނުވާނެއެވެ. ދުސްތޫރީ ނިޒާމު އެއިގެ މައްޗަށް ބިނާ ވެގެން ދާނޭ ހަރުދަނާ އުޞޫލުތަކަކާއި ޤަވާޢިދުތަކަކާއި ހަމަތަކެއް، ޤާނޫނުއަސާސީއެއްގެ ބާބުތަކާއި މާއްދާތަކުގެ ސިފައިގައި، ލަފުޒުތަކަކަކުން، ކަރުދާހުގައި ލިޔެލުމަކުންނެއް ނުފުދޭނެއެވެ. އެއިގެ އިތުރަށް ވެސް ބައެއް ކަންކަން ބޭނުން ވެއެވެ. އެގޮތުން، ރަނގަޅު ޙުކޫމަތެއް އުފެއްދުމަށް ޓަކައި ބޭނުންވާ އެންމެ އަސާސީ ތިން ކަންތައްތައް ކަމަށް އަޅުގަނޑަށް ފެންނަ ކަންތައްތައް ތިރީގައި މި ދަންނަވައިލަނީއެވެ.

ފުރަތަމަ ކަމަކީ، ޤައުމުގައި ޢިލްމާއި، ޙިކުމަތާއި، ރިވެތި އަޚްލާޤުގެ މައްޗަށް ބިނާ ވެފައި ވާ މުޖުތަމަޢެއް އޮތުމާއި، ދުސްތޫރީ ނިޒާމާއި ސިޔާސީ ކަންކަމާއި އިޖުތިމާޢީ ނިޒާމު ބިނާ ވެފައި ވަނީ މި ތިން އަސާސާއި، އަދި ތާރީޚުން ލިއްބައިދޭ ޢިބުރަތުގެ ފިލާވަޅުތައް ދައްކާ މަގުގެ މައްޗަށް ކަމުގައި ވުމެވެ. މިއީ މުސްލިމުންގެ މަޝްހޫރު ޢިލްމުވެރިޔާ އަދި މުފައްކިރު އިބްނު ޚަލްދޫންގެ މުޤައްދިމާ ގައި ހުށައެޅުއްވި އެންމެ އަސާސީ އެއް ނަޒަރިއްޔާއެވެ. ކީރިތި ޤުރްއާނުގެ ސޫރަތުލް އަންފާލުގެ 53 ވަނަ އާޔަތާއި، ސޫރަތުއް ރަޢްދުގެ 11 ވަނަ އާޔަތުގެ ބަރަކާތްތެރި ބަސްފުޅުތަކުން ވެސް އިޝާރާތް ކުރެވެނީ މި ނުކުތާއަށެވެ. އާދެ، ބަޔެއްގެ ނަފްސުތައް ހެޔޮ މަގަށް ބަދަލު ވެއްޖައުމަށް ދާންދެން – އެ ބަޔެއްގެ ނަފްސުތަކުގައި ހެޔޮ ޢިލްމާއި، ރިވެތި އަދި މާތް އަޚްލާޤާއި، ހެޔޮ ޙިކުމަތުގެ ނޫރު ދިއްލިއްޖައުމަށް ދާންދެން – އެ ބަޔަކުގެ ޤައުމީ އަދި އިޖުތިމާޢީ ޙަޔާތް އިޞްލާޙު ވެ ހެޔޮ މަގަށް ސަމާލު ވެގެންނެއް ނުދެއެވެ.

ދެވަނަ ކަމަކީ، ޤައުމުގެ ކަންކަމާ މެދު ރައްޔިތުން ބަސް ބުނާބުނުމުގައި ޤައުމަށް ތެދުވެރި ވުމެވެ. ޙުކޫމަތުގެ ޤަދަރާއި ޝަރަފާއި ބާރުވެރިކަން ހިފެހެއްޓުމާ އެކު، ހެޔޮ ގޮތުގައި ޙުކޫމަތު ޖަވާބުދާރީ ކުރުވުމެވެ. ދައުލަތުގެ އިސް މަޤާމުތަކަށް ރައްޔިތުން ހޮވައި އިންތިޚާބު ކުރާ މީހުން ހޮވުމާއި އިންތިޚާބު ކުރުމުގައި، ޤައުމިއްޔަތުގެ ރުކުންތަކާއި ޤައުމުގެ މަޞްލަޙަތުތަކަށް ތެދުވެރި، ޤައުމަށް ވަފާތެރި، ޤައުމު ދެކެ ލޯބިވާ، އަޚްލާޤު ރަނގަޅު، ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން ޤާބިލު މީހުން ހޮވައި އިންތިޚާބު ކުރުމެވެ. ޤައުމުގެ ލީޑަރުން – އެއީ ރައީސާއި ވަޒީރުން ކަމުގައި ވިޔަސް އަދި ޤާނޫނު ހެދުމުގެ ނުވަތަ ޝޫރާގެ މަޖިލިހުގެ މެންބަރުން ކަމުގައި ވިޔަސް ނުވަތަ ރަށްރަށުގެ ކަތީބުން ކައުންސެލަރުން ކަމުގައި ވިޔަސް – އިންތިޚާބު ކުރުމަށް ޓަކައި ވޯޓު ދިނުމުގައި، ރައްޔިތުން ތިމާމެންގެ އަމިއްލަ ފަރުދީ އަދި ޒާތީ މަޞްލަޙަތުތަކަށާއި އަމިއްލަ އެދުންތަކަށް ޓަކައި ޤައުމުގެ މަޞްލަޙަތާއި މުސްތަޤްބަލު ޤުރުބާން ނުކުރުމެވެ. ވޯޓު ވިއްކުމާއި، "ޑިމެގޯގުން" ނާއި އެމީހުން "ސިޔާސީ ޕާޓީ" އޭ ކިޔައި ހަދައިގެން އުޅޭ ބައިގަނޑުތަކަށް ވާގިވެރި ވުމާއި، ތިމާ ލީޑަރެއް ކަމަށް ބަލާ މީހާގެ ދުލުން ދީނާއި ޤައުމާއި ހަމަ ބުއްދި އާއި ޟަމީރާއި ޢިލްމީ ހަމަތަކާ ޚިލާފު ކޮންމެ ފަދަ އެއްޗެތިތަކެއް ކިޔަސް އެއަށް ބޯ ލަނބައި، އަތް ޖަހައި، "ތިޔައީ ހަމަ ތެދޭ" ބުނުން ފަދަ އިންސާނީ ޝަރަފާއި ކަރާމާތާ ޚިލާފު ޢަމަލުތަކުން މުޅީން ދުރުހެލި ވުމެވެ. އާދޭހެވެ! ރައްޔިތުން ނުވި ރަނގަޅެއް ވެރީން ނުވާނެއެވެ.

ތިންވަނަ ކަމަކީ، އިސް ވެދިޔަ ދެ ކަންތައް ފުރިހަމަ ވުމާ އެކު، ދައުލަތުގައި އެކުލަވައިލެވޭ ހަރުދަނާ ދުސްތޫރީ ނިޒާމަކީ ފުރިހަމަ އަދި ހަރުދަނާ ދުސްތޫރީ ނިޒާމަކަށް ވުމެވެ. ހަރުދަނާ އަދި ރަނގަޅު ޤާނޫނުއަސާސީއެއް އެކަށައެޅިފައި ނުވަތަ ލިޔެފައި އޮތުމެވެ. ހަރުދަނާ އަދި ރަނގަޅު ޤާނޫނުއަސާސީއެއްގައި ވިއްޔާ، ޤައުމުގެ ޤައުމިއްޔަތުގެ އަސާސުތައް ފުރިހަމަޔަށް ރައްކައުތެރި ކުރެވިފައި އޮންނާން ވާނެއެވެ. މަބްދައުއް ދުސްތޫރިއްޔަތުގެ މައިގަނޑު އުޞޫލުތައް ނަގަހައްޓައިދީފައި އޮންނާން ވާނެއެވެ. އިޖުތިމާޢީ، އިޤްތިޞާދީ، ސިޔާސީ، އަދި ޤަޟާއީ ޢަދާލަތުގެ ހުރިހައި ބުންޔާދުތަކެއް ޤާއިމު ކޮށްދީފައި އޮންނާން ވާނެއެވެ. އެފަދަ ޤާނޫނުއަސާސީއެއްގެ ވަސީލަތުން މެނުވީ ދައުލަތުގައި ހަރުދަނާ ޙުކޫމަތެއް ނުއުފެއްދޭނެއެވެ.

މި ދެންނެވި ތިން ނުކުތާއާ ގުޅިގެން އަޅުގަނޑުމެން ވަރަށް ރަނގަޅަށް ދަންނާން ޖެހޭ ޙަޤީޤަތަކީ، ކޮންމެ މުޖުތަމަޢެއްގައި ވެސް، ނުބައި މީހުންނާއި، ނުބައިކަމަށް ގޮވައިލައި އަދި ނުބައި މަގަށް މުޖުތަމަޢުގެ މެންބަރުން އެނބުރުމަށް މަސައްކަތް ކުރާ މީހުންނާއި، މުންކަރާތްތައް ފަތުރާން އުޅޭ މީހުންނާއި، ޢިލްމެއް، ޙިކުމަތެއް އަދި އަޚްލާޤެއް ނެތް މީހުންނާއި، މުނާފިޤުންނާއި، ޣައްދާރުން އުޅޭނޭކަމެވެ. އެފަދަ މީހުންގެ ކިބައިން އެއްވެސް މުޖުތަމަޢެއް މުޅީން "ހުސް" ނުވާނޭކަމެވެ. އެހެންކަމުން، ތިންވަނަ ނުކުތާގައި ދެންނެވި ފަދަ ހަރުދަނާ ދުސްތޫރީ ނިޒާމެއް ކަމުގައި ބެލެވޭނީ، ރައްޔިތުންގެ ވޯޓަކުން ވިޔަސް އަދި އެހެން ގޮތަކުން ވިޔަސް، މި ބާވަތުގެ މީހުންނަށް ޤައުމުގެ ވެރިކަމާއި ސިޔާސީ ކަންކަމާއި ޤިޔާދަތުގެ މަޤާމުތަކާ ހަމަޔަށް ނައުދެވޭނެ ގޮތަށް ބައްޓަން ކުރެވިފައި އޮންނަ ނިޒާމެކެވެ. މުޖުތަމަޢުގައި ތިބޭ ހެޔޮކަމުގެ އަހުލުވެރީން ކުރެ ޢިލްމުވެރި، ޙިކުމަތްތެރި، އަޚްލާޤު ރަނގަޅު، ޤައުމާއި ރައްޔިތުން ދެކެ ޙަޤީޤަތުގައި ވެސް ލޯބިވާ، އަދި ދުނިޔެ އާއި ޤައުމީ ޙަޔާތުގެ ކަންކަމުގެ އާޖުފާޖު ދަންނަ އަދި ތަޖުރިބާކާރު މީހުންނަށް ދައުލަތުގެ ޙުކޫމަތަށާއި ޤިޔާދަތަށް އައުދެވޭ ގޮތަށް އަދި ތިބެވޭ ގޮތަށް ބައްޓަން ކުރެވިފައި ވާ ނިޒާމެކެވެ. ހަމައެހެންމެ، ދެވަނަ ނުކުތާގައި ބަޔާން ކުރި ފަދައިން، ރައްޔިތުންގެ އެންމެ ބޮޑު ވާޖިބަކީ ވެސް ނުބައިކަމުގެ އަހުލުވެރީންނާއި، މުންކަރާތްތެރީންނާއި، ޢިލްމެއް އަޚްލާޤެއް ނެތް މީހުންނާއި، މުނާފިޤުންނާއި ޣައްދާރުން ޤައުމުގެ ވެރިކަމުގެ ގޮނޑިތަކާ ކައިރި ވިޔަނުދިނުމެވެ.

މި ދެންނެވި ވާހަކައާ ގުޅުން ހުރި ޙަދީޘްފުޅެއް އިމާމް ބުޚާރީ ރަޙިމަހުﷲ ގެ ފޮތުގައި ރިކޯޑު ކުރެވިފައި ވެއެވެ އެ ޙަދީޘްފުޅުގައި އޮންނަ ގޮތުން، ކީރިތި މާތް ނަބިއްޔާގެ އަރިޔަހުގައި ސުވާލު ދެންނެވުނެވެ. "ޤިޔާމަތް ވާނީ ކޮން އިރަކުތޯއެވެ؟" ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. – فَإِذَا ضُيِّعَتِ الأَمَانَةُ فَانْتَظِرِ السَّاعَةَ – މާނަ އަކީ، "އަމާނާތްތެރިކަމާއި ތެދުވެރިކަން ނެތިދިޔުމުން، ޤިޔާމަތަށް އިންތިޒާރު ކުރާށެވެ" މިއެވެ. ދެން، އަމާނާތްތެރިކަމާއި ތެދުވެރިކަން ނެތިދާނީ ކިހިނަކުންތޯ ސުވާލު ދެންނެވުނެވެ. އިތުރު އެކަލޭގެފާނު ވިދާޅުވިއެވެ. – إِذَا وُسِّدَ الأَمْرُ إِلَى غَيْرِ أَهْلِهِ فَانْتَظِرِ السَّاعَةَ – މާނަޔަކީ، "(ޤައުމުގެ) ބާރުވެރިކަމާއި އަމުރުވެރިކަން އެކަމަށް ޤާބިލު ނޫން، އެކަމަށް ކުފޫ ހަމަ ނުވާ މީހުންގެ އަތްމައްޗަށް ދިޔުމުން، ޤިޔާމަތަށް އިންތިޒާރު ކުރާށެވެ" މިއެވެ.

ކޮންމެއަކަސް، އެ ތިން ކަމެއްގެ ވާހަކަ މި ދެންނެވި ތިން ކަންތައް ފުރިހަމަ ވެފައި އޮންނަ މުޖުތަމަޢެއްގައި، އޮންނާނީ ރަނގަޅު ޙުކޫމަތެކެވެ. ނުވަތަ، އެންމެ ކުޑަ މިނުން، ގޯސް ނޫން ޙުކޫމަތެކެވެ. އެފަދަ މުޖުތަމަޢެއްގައި ނުބައި ޙުކޫމަތެއް އަންނާނީ އިސްތިސްނާ ޙާލަތުތަކުގައެވެ. ނާދިރު ކަމެއްގެ ގޮތުގައެވެ. އަދި އެފަދަ މުޖުތަމަޢެއްގައި ނުބައި ޙުކޫމަތަކަށް ދެމިއެއް ނުއޮވެވޭނެއެވެ. އެހެނީ އެ މުޖުތަމަޢެއްގެ އަހުލުވެރީން އެ ޙުކޫމަތެއް ހެޔޮ އިންޤިލާބަކުން ބަދަލު ކޮށްލާނެއެވެ. އޮޅުމެއް ނެތް ގޮތުގައި، އެއީ ރައްޔިތުންނަށް ލިބިގެން ވާ އެންމެ އަސާސީ އެއް ޙައްޤެވެ. އާދެ، ނުބައި ޙުކޫމަތުތަކާއި ނުބައި ސަރުކާރުތަކާއި، ނުބައި ވެރީންގެ ނުބައިކަމުން ޤައުމުގެ އަދާއި މާދަމަ އާއި އިއްޔެ ސަލާމަތް ކޮށް، ރައްކައުތެރި ކޮށް، ޙިމާޔަތް ކުރުމުގެ ޙައްޤެވެ. މި ޒަމާނުގެ "ޑިމެގޯގުން" ނާއި "ކެޕިޓަލިސްޓުން" ނާއި "ޣައްދާރުން" ލިޔާ ޤާނޫނުއަސާސީތަކުގައި ރައްޔިތުންގެ މި ޙައްޤު އަސާސީ ޙައްޤެއްގެ ގޮތުގައި ބަޔާން ކޮށްފައި ނެތަސްވެހެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަ ސައްލަމަގެ ލޮބުވެތި މާފަދަރިކަލުން ޙުސައިން ބިން ފާޠިމާ ރަޟިޔަﷲ ޢަންހު އަނިޔާވެރި އުމަވީ ރަސްކަމާއި، ޡުލްމުވެރި މުސްތަބިއްދު ޔަޒީދު ބިން މުޢާވިޔާ އާ ދެކޮޅަށް ތެދު ވެވަޑައިގަތީ ވެސް މި ދަންނަވާ ޙައްޤުގެ ބޭނުން ކުރެއްވުމަށް ޓަކައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް