''އާންމު ރައްޔިތުންގެ ޕާޓީ'' އުފެއްދުމަށް ދިން ހުއްދަ ބާތިލްކޮށްފި

''އާންމު ރައްޔިތުންގެ ޕާޓީ'' އުފެއްދުމަށް އީސީން ދިން ހުއްދަ ވަނީ ބާތިލްކޮށްފަ --

އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއްް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ދީފައިވާ ހުއްދަ ބާތިލްކޮށްފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އެ ޕާޓީ އުފެއްދުމަށް ދިން ހުއްދަ ބާތިލްކޮށްފައިވަނީ ޕާޓީ އުފައްދަން ދިން ހުއްދައިގެ މުއްދަތު ހަމަވިއިރު، އެއްވެސް ފޯމެއް ހުށަހަޅާފައި ނުވާތީ ކަމަށެވެ.

އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވަނީ ސ. ހިތަދޫ، ކަނަދޫގޭ، އަޙުމަދު ސައީދަށެވެ. އެއީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނީ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ދޭތާ ތިން މަސް ދުވަހުގެ ތެރޭ 3000 މެންބަރުންގެ ސޮއި އެ ކޮމިޝަނަށް ހުށަހެޅުމުންނެވެ.

ތިން ހާސް މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކަށް އީސީން ވަނީ މި ފަހުން ނޯޓިސް ފޮނުވާ ތިން މަސްދުވަހުގެތެރޭގައި 3000 މެންބަރުން ހަމަކުރުމަށް އެދިފައެވެ.

ނޯޓިސް ފޮނުވި ޕާޓީތަކުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އާއި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ)އާއި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ވެސް ހިމެނެއެވެ. އެ ހަތަރު ޕާޓީން ވެސް ވަނީ ނޯޓިސްގެ މުއްދަތު ހަމަވުމުގެ ކުރިން މެންބަރުން ހަމަވާ ވަރަށް ފޯމު ހުށަހަޅައިފައެވެ.

ސިޔާސީ ޕާޓީތަކުގެ ގޮތުގައި ރެޖިސްޓްރީ ކޮށްފައި މިވަގުތު 11 ޕާޓީއެއް އެބަ އޮތެވެ.

comment ކޮމެންޓް