ހަރަކާތަށް ވަދެގަތް މީހުން ނުހުއްޓުވުމުން ކަންބޮޑުވޭ، އޮޕަރޭޝަންތައް ވަރުގަދަ ކުރާނަން: ސީޕީ

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިންޓަނޭޝަނަލް ޔޯގާ ޑޭ ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ފާހަގަކުރަމުން ދަނިކޮށް އެތަނަށް ވަދެގަނެ ހަމަނުޖެހުން ހިންގި މީހުން، ފުލުހުންނަށް ނުހުއްޓުވުމުން ކަންބޮޑުވާ ކަމަށާއި ފުލުހުންގެ އޮޕަރޭޝަންތައް މިހާރަށްވުރެ ވަރުގަދަ ކުރާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

އިއްޔެ ނޭޝަނަލް ސްޓޭޑިއަމްގައި ހިނގި ހަރަކާތުގައި، ބަޔަކު ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ކުރެއްވި ޓުވީޓެއްގައި ހަމީދު ވިދާޅުވީ، ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ދަނޑަށް ވަދެގަނެވުމުން ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން، ޕޮލިސް އޮޕަރޭޝަން ކުރިއަށް ދިޔަގޮތުގެ އެތެރޭގެ ރިވިއުއެއް ކުރާނެ ކަމަށް ވިދާޅުވިއެވެ.

ހަރަކާތް ރޫޅާލުމަށް ސްޓޭޑިއަމްއަށް ވަދެގަތް މީހުންނާމެދު އަވަސް ފިޔަވަޅެއް އެޅުމަށް އަމާޒު ހިފާނެކަމަށާއި ފުލުހުންގެ އޮޕަރޭޝަންތައް އިތުރަށް ރަނގަޅު ކުރުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް ސީޕީގެ ޓުވީޓުގައި ވިދާޅުވިއެވެ.

އިއްޔެ ހެނދުނު އެ ހަރަކާތް ގަލޮޅު ދަނޑުގައި ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނު މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ފުލުހުންގެ ސަފުތައް ފަޅާލައި ދަނޑަށް ބަޔަކު ވަންނަން ފުރުސަތު ދިނުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ކުރިއާލާ އިންޒާރުތައް ދިނުމަށް ފަހު އެއްވުން ބާއްވައި ހަމަނުޖެހުންތައް ހިންގިއިރު އެކަން ހުއްޓުވަން ފުލުހުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ފާޑުކިޔާ މީހުން ބުނެއެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

އިއްޔެ ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ހައްޔަރު ކުރި ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަށް 60 ދުވަހުގެ މުއްދަތު ޖަހާފައިވާއިރު އަނެއް ދެ މީހުންގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ދިނެވެ.

އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް