މިޝްޔާގެ ހަނދާނަށް އައީ އެންމެ އެތަނުގައި ހުރެ ނާޒިލް ދެއްކި ވާހަކަތަކެވެ. ނާޒިލްގެ އެ އަޅިކުލައިގެ ދެލޮލެވެ. އެ ދެލޮލުގައިވި ތޫނު ކަމެވެ. އެ ކަސްރަތީ ހަށިގަނޑެވެ. ނާޒިލް ކައިރިއަށް އައުމާއެކު އޭނާގެ ނޭފަތުގައި ޖެހުނު ފިރިހެން ސެންޓްގެ ވަސް ވެސް ހީވަނީ އަދިވެސް ހުރިހެންނެވެ.

ދެން ބުނެބަލަ! މިކަން ކޮށްދޭނަން ދޯ. ދޮންބެއަށްޓަކާ... މަން... މަންމައަށްޓަކާ މިޝޫ... އަދި މިޝޫގެ އަމިއްލަ ނަފްސަށްޓަކާ..." މާކިން މަޑުމަޑުން ބުނެލިއެވެ. މަންމަ އެ ލަފްޒާއެކު މިޝްޔާއަށް މާކިންއަށް ބަލައިލެވުނެވެ. މާކިން އެ ދެލޮލުގެ ތެރޭގައި ފޮރުވަމުން ދިޔަ ރިހުން އޭނާއަށް ފެންނަ ކަހަލައެވެ. މަންމަ އެ ލަފުޒާއެކު މިޝްޔާއަށް ވެސް އާދަޔާ ޚިލާފްގޮތެއް ވެގެން ދިޔައެވެ. މާކިންގެ ދެލޮލުން އޭނާއަށް ފެނުނީ އުންމީދުގެ ކުލަވަރެވެ. އޭނާއަށްޓަކައި ކަންބޮޑުވެފައިވާވަރު މާކިންގެ ކޮންމެ ވާހަކައަކުން މިޝްޔާއަށް ފާހަގަކުރެވުނެވެ. ހިނދުކޮޅަކަށްވެސް އެކަން ދޫކޮށްލުމަށްފަހު، ރަނގަޅު ދިރިއުޅުމެއް އުޅެން މިޝްޔާ ބޭނުންވިއެވެ. އެހެންނަމަވެސް، އޭނާއަށް މިހާރު އަމިއްލަ ނަފްސަށް ވެސް އިތުބާރެއް ނުކުރެވެއެވެ. މަސްތުވާ ތަކެއްޗަކީ އޭނާގެ ދިރިއުޅުމުގެ އެއްބައިކަމުގައި މިހާރު ވަނީ ވެފައެވެ.

"މިޝޫ... ޖަވާބެއް ދީބަލަ!" އޭނާއަށް ނޫނެކޭ ބުނަން މިޝްޔާއަށް ނުކެރޭނެކަން މާކިންއަށް އެނގެއެވެ.

"ތި ހިމޭންކަމުގެ މާނަ ނަގަންވީ ކިހިނެއް؟ އާއެކޭ ތަ ނޫނެކޭތަ؟ ތިކަމުން ސަލާމަތް ވާން މިޝޫ ބޭނުމެއް ނުވޭ ދޯ... މަންމަ..." މާކިންއަށް ބުނެވުނީ އެ ވަރަށެވެ.

"އަހަރެން ބޭނުން." މާކިންގެ ވާހަކަ މެދުކަނޑައިލުމަށްފަހު، މިޝްޔާ ބުނެލިއެވެ. އޭނާ މާކިންއަށް ބަލައިލިއެވެ. އެ ހިތްދަތިކަމުގެ ތެރެއިންވެސް މާކިންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔަތަން މިޝްޔާއަށް ފެނުނެވެ. އޭނާ ހިނިތުންވާން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުކުރެވުނެވެ. މިޝްޔާއަށް އަމިއްލަ ނަފްސަށް އެއްވެސް އިތުބާރެއް ނެތްކަހަލައެވެ.

*****

މިޝްޔާ ދޫކޮށްލެވުނީ ޖެހިގެން އައި ދުވަހުގެ ރޭ ނުވައެއް ޖަހަން އުޅެނިކޮށެވެ. އޭރު ނާޒިލްވެސް ހުރީ ޑިއުޓީގައެވެ. ރިޕޯޓްހިފައިގެން އައިސް ނާޒިލް މިޝްޔާއޮތް ކޮޓަރިއަށް ވަތްއިރު އެތަނުގައި މާކިން ހުއްޓެވެ. ނާޒިލް ފެނުމާއެކު މިޝްޔާއަށް އިސްޖަހައިލެވުނެވެ. އޭނާއަށް ކޮންމެވެސް ވަރެއްގެ ލަދުވެތިކަމެއް އިޙްސާސްވީ ކީއްވެގެންކަމެއް ނޭނގުނެވެ. އެއީ މާކިންގެ އެންމެ ގާތް އެކުވެރިޔާއަށް ވީތީހެއްޔެވެ؟ އޭނާއަށް ކަންތައް ކުރެވުނު ގޮތުން ހެއްޔެވެ؟ ވައްކަން ކުރެވުނީތީ އެކަމާ ވިސްނޭތީ ހެއްޔެވެ؟ މިޝްޔާއަށް ވިސްނަން އޮވެވުނީ ކަޅިވެސް ޖަހައިނުލާ ނާޒިލްއާ ދިމާލަށް ބަލަހައްޓައިގެންކަން އިޙްސާސްވީ ނާޒިލް އޭނާގެ ނަޒަރު މިޝްޔާއާ ސީދާކޮށްލުމުންނެވެ. އެ އަޅިކުލައިގެ ދެލޮލުން އޭނާއަށް އެއްޗެއް ފަހުމް ކުރާކަށް ނޭނގުނެވެ. އެ ލޮލޯ ފުން މިން ނޭނގޭ ކަނޑެއް ފަދައެވެ. އެފަދަ ދެލޮލެއް އޭނާ މިރާއްޖެއަކުން އަދި ނުދެކެއެވެ. ބަލައިލުމުގައި އެ ހުންނަނީ ސިހުރުވެރިގޮތެވެ. އެ ޒުވާނާގެ ދެލޮލާ މެދު އެފަދަ ގޮތަކަށް ވިސްނެން ފެށުމުން މިޝްޔާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ބޮލުގައި ރިއްސަނީތަ؟" ނާޒިލް ސުވާލުކޮށްލިއެވެ. މިޝްޔާއަށް ނާޒިލްއާ ދިމާލަށް ބަލައިލެވުނެވެ. އޭރު މާކިންވެސް ގޮނޑިން ތެދުވެގެން އައިސް އެނދުކައިރީގައި ހުއްޓެވެ.

"އެ ތެދެއް މިޝޫ. ބޮލުގައި ރިއްސަނީތަ؟" މާކިންވެސް ސުވާލުކޮށްލިއެވެ.

"ނޫން..." ފަހަރަކު މީހަކަށް ބަލައިލަމުން މިޝްޔާ ބުނެލިއެވެ.

"އިތުރުކަމެއް ނެތީމަ ޑިސްޗާޖުކޮށްލަނީ އިނގޭ..." ނާޒިލް މާކިންއަށް މިޝްޔާގެ އެންމެ ފަހުން ހެދި ލޭގެ ޓެސްޓްތައް ދިނެވެ.

ހޮސްޕިޓަލުން ނުކުންނަމުން މާކިން ރިފްއަތަށް ގުޅައިލިއެވެ.

"ދޫކޮށްލީތަ؟" ރިފްއަތު ސުވާލުކޮށްލިއެވެ.

"މިހާރު ގެއަށް ދާން މިދަނީ..." މާކިން ބުނެލިއެވެ. ރިފްއަތު ފޯނު ބޭއްވީ އޭނާ މުހިންމުކަމަކު އޮފީހުގައި އިންކަމަށް ބުނެފައެވެ. މާކިން ފޯނު ބޭއްވުމުން ރިފްއަތު ބުނި ވާހަކަ އެނގެން މިޝްޔާ ބޭނުންވިއެވެ. އެހެންނަމަވެސް، އޭނާއަށް އެހެން އަހާލާކަށް ނުކެރުނެވެ. މާކިންއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. މާކިންމެން ދެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް ނާޒިލްވެސް ނުކުތެވެ.

"އެބަ ޖެހޭ ވާހަކަައެއް ދައްކައިލަން ދިމާވެލަން. މާދަމާ ފްރީވެލާފަ މަށަށް ހަބަރެއް ވެބަލަ!" މާކިން ނާޒިލްއަށް ބަލައިލަމުން ބުނެލިއެވެ. ނާޒިލް ބުމަ އަރުވައިލީ ކޮންކަމަކުތޯ އެހުމުގެ ބޭނުމުގައެވެ.

"ދިމާވެފަ ދޯ. އޯކޭ! ދިޔައިއްޔޭ... އާދޭ މިޝޫ..." ނާޒިލްއަށް ބަލައިލުމަށްފަހު ހިނގައިގަންނަމުން މާކިން ބުނެލިއެވެ. މިޝްޔާއަށް ވެސް ނާޒިލްއަށް ބަލައިލެވުނެވެ. އޭރު ނާޒިލްގެ ކަޅިވެސް ހުރީ އޭނާއަށް ހުއްޓިފައެވެ. މިޝްޔާއަށް ވަގުތުން ދުރު ބަލައިލެވުނެވެ. މިޝްޔާއަށް ވީގޮތުން ނާޒިލްގެ ތުންފަތްމައްޗަށް މައުނަވީ ހިނިތުންވުމެއް ވެރިވިއެވެ.

"މިޝޫ..." މިޝްޔާ ނައިސް ހުރުމުން މާކިން އަނެއްކާވެސް މިޝްޔާއަށް ގޮވައިލިއެވެ. މިޝްޔާ ކުޑަކޮށް ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް މާކިންއާ އަރާ ހަމަކުރިއެވެ.

"ކާރު ޕާކުކުރިހިސާބު އެނގޭ؟" މިޝްޔާ ސުވާލުކޮށްލިއެވެ.

"ޕާކިންއޭރިޔާގައި... އެ އޮތީ..." މާކިން ކާރަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ. މިޝްޔާވެސް މާކިންގެ ފަހަތުން ގޮސް ކާރަށް އެރިއެވެ.

"އެނގޭތަ؟ ކިޔަވަން އުޅުނުއިރުވެސް މިޝޫމަތިން ވަރަށް ހަނދާންވޭ... " މާކިން ވާހަކަ ފެށިއެވެ. މިޝްޔާއަށް ބަލައިލިއިރު މިޝްޔާ އިނީ ކުޑަ ދޮރުން ބޭރު ބަލަހައްޓައިގެން ވިސްނުމަކަށް ގެއްލިފައެވެ. އެފަދަ ގޮތަކަށް ނެގި މަޑުވެފައި މިޝްޔާ އިންނަތަން ފެނުމުން މާކިންއަށް އުނދަގޫވިއެވެ. މިޝްޔާގެ ސިކުނޑީގައި ބައިވަރު ކަންތައްތަކެއް އެނބުރެނީކަން އޭނާއަށް އެނގެއެވެ.

"މިޝޫ..." މިޝްޔާއަށް ހަމަހޭވެރިކަންވީ މާކިން ތިން ހަތަރު ފަހަރު ގޮވައިލުމުންނެވެ.

"ކޮން ޚިޔާލަކަށް ގެއްލިފަ ތި އިނީ؟" މާކިން ސުވާލުކޮށްލިއެވެ. މިޝްޔާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ދޮންބެ ކީކޭ ތި ބުނީ؟" މިޝްޔާ ސުވާލުކޮށްލިއެވެ.

"މިޝޫ މަތިންވެސް ވަރަށް ހަނދާންވިއޭ އެކޮޅުގައި ކިޔަވަން އުޅުނުއިރު. އެކަމް ދެން މި ނިމުނީ. ދެން ނުދާނަން..." މާކިން ބުނެލިއެވެ.

"ބައްޕަ ބޭނުންވާއެއްނު ދޮންބެ އަދި އިތުރަށްވެސް ކިޔަވަން." މިޝްޔާ ބުނެލިއެވެ.

"މިހާރު ވާވަރަށް ކިޔެވިއްޖެއެއްނު." މާކިން ބުނެެލިއެވެ.

"ޕީ.އެޗް.ޑީ ހަދަންވެސް ބައްޕަ ބޭނުންވާނެ." މިޝްޔާ ބުނެލިއެވެ.

"ހެހެ. ދެން ނުވާނެ. މީހަކާ އިންނަން ވީ ދެން."

"އެ ކީއްކުރަން؟ އަނެއްކާ އެބަހުރިތަ މިހާރު ފަހަރިއެއް ހޯދާފަ." މިޝްޔާ ސުވާލުކޮށްލިއެވެ.

"ނޫނޭ އަދި އެއް ނެތް. އެކަމަކު އަވަހަށް ކުއްޖަކު ހޯދައިގެން އިނީމައެއްނު މިޝޫވެސް އެކަނި ފިލާނީ..." މާކިން ބުނެލިއެވެ.

އެފަދަ ގޮތަކަށް ދެމީހުންނަށް ވާހަކަ ދައްކައިލެވުނީ އެތައް ދުވަހެއް ފަހުންނެވެ. މާކިންގެ އިތުރުން މިޝްޔާއަށް ވެސް ހަމަޖެހުން ލިބުނެވެ.

"ދުއްވާލާފަ ދޯ ގެއަށް ދާނީ..." މާކިން ބުނެލިއެވެ. މިޝްޔާ ބޯ ޖަހައިލިއެވެ.

"މިޝޫ ކިޔަވާކަށް ގަސްތެއް ނުކުރަންތަ؟" މާކިން މިޝްޔާގެ ވިސްނުން ހުރިގޮތެއް ބަލައިލަން ސުވާލުކޮށްލިއެވެ.

"ކިޔަވާހިތެއް ނެތް." މިޝްޔާ ކުރު ޖަވާބެއް ދިނެވެ.

ގެއާ ހިސާބަށް އައިސް ގޭގެ ގޭޓުން ކާރު ވައްދައިލުމަށްފަހު ޕާކުކުރަން ހަދާފައިވާ ތަކުގައި ކާރު ޕާކުކުރުމަށްފަހު ދެމީހުން ގޮސް ގެއަށް ވަތްއިރު ޖެސިކާ ބޮޑުކޮޓަރި ތެރޭގައި ހުއްޓެވެ. މާކިންމެން ފެނުމާއެކު، އޭނާ ކާއެއްެޗެހި ތައްޔާރުކޮށްފައި ހުންނާނެކަމުގައި ބުންޏެވެ.

"ބަނޑުހައެއް ނުވޭ..." މިޝްޔާ ބުނެލިއެވެ. އެއަށްފަހު އޭނާ ސިޑިއާ ދިމާލަށް ހިނގައިގަންނަން އުޅުނުނަމަވެސް އެކަމަށް ހުރަސްއެޅީ މާކިންއެވެ.

"އެއްޗެއް ކައިގެން ނިދަންވާނީ..އާދޭ!" މާކިން ދޫނުދިނުމުން މިޝްޔާ އެއްމެފަހުން އަމާންދީފައި މާކިންއާއެކު ކާ ބަޔާ ދިމާލަށް ހިނގައިގަތެވެ.

"ކާކު ބުނީ އަންނަ ވާހަކަ؟" މާކިން ސުވާލުކޮށްލީ ޖެސިކާއާއެެވެ.

"ސާރ ގުޅާފަ ބުނީމަ..." ޖެސިކާ ބުނެލިއެވެ.

ކައިގެން މިޝްޔާ ކޮޓަރިއަށް ލާފައި އަރާމުކުރުމަށް ބުނުމަށްފަހު މާކިންވެސް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ފެންވަރާ ހަދާލައިގެން އޭނާ އެނދުގައި ޖައްސައިލިއެވެ. ނިދުމުގެ ކުރިން އަދިވެސް އެއްފަހަރު މިޝްޔާގެ ޙާލެއް މާކިން ބަލައިލިއެވެ. މިޝްޔާ ވެސް އޭނާ ނިދަނީކަމަށް ބުނުމުން މާކިންވެސް ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ލައިޓްގެ އަލި އެންމެ މަޑުކޮށްލަމުން ނިދަން ތައްޔާރުވެލިއެވެ. އޮށޯވެ ހަމަޖެހިލުމަށްފަހު އޭނާ ފޯނުން، ނައިރާގެ ނަންބަރު ހޯދައިލިއެވެ. ދެ ވިސްނުމެއްގައި އޮވެފައި އޭނާ ނައިރާއަށް ގުޅައިލިއެވެ.

"ހޭ..." ފޯނު ނެގުމާއެކު ނައިރާ ބުނެލިއެވެ.

"ހެއި. ހަމަ ހަބަރެއް ބަލައިލީ..." މާކިންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ނައިރާއަށް ގުޅީ ހަނދާންވާވަރުންނެވެ. އެ އަޑު އަހާލާހިތުންނެވެ. ހިތުގެ ޙާލު ބަޔާންކުރުމުގެ ހިތްވަރެއް އަދިވެސް މާކިންއަކަށް ނުލިބެއެވެ.

"ނާޒިލް ކައިރިން އަޑު އެހިން މާކް ކޮއްކޮ ބާއްވައިގެން އުޅުނު ވާހަކަ. ކިހިނެއްތަ މިހާރު؟" ނައިރާ ސުވާލުކޮށްލިއެވެ.

"ރަނގަޅު." މާކިން ބުނެލިއެވެ.

"ބިޒީ ވާނެތީ ގުޅައިލަން ވެސް ނުކެރިފަ މި ހުންނަނީ..." ނައިރާ ބުނެލިއެވެ.

"އަހަންނަށް ގުޅަން ނައިރާއަށް ނުކެރެންވީ ސަބަބެއް އެބައޮއްތަ؟ އަހަރެމެން މީ ނުލާހިކު ގާތް އެކުވެރިންނެއްނު." މާކިން ބުނެލިއެވެ. ނައިރާ ހިނދުކޮޅަކަށް އެއްޗެއް ނުބުނެ ހުއްޓެވެ.

"ކިހިނެއްވީ؟" މާކިން ސުވާލުކޮށްލިއެވެ.

"ކަމެއް ނުވޭ. ދެންމެ ކަމެއް ޖެހުނީ." ނައިރާ ބުނެލިއެވެ.

އޯކޭ ބާއްވަނީ އިނގޭ..." ނައިރާ އެހެން ބުނެލާފައި ފޯނު ބޭއްވިއެވެ. ނައިރާ ފޯނު ބޭއްވުމުން ފޯނު މޭމަތީގައި ބާއްވައިގެން އެތައް އިރަކު މާކިން ވިސްނަން އޮތެވެ.

*****

ޖެހިގެން އައި ދުވަހަކީ ރޭގަނޑުގެ ޑިއުޓީ ނިންމާފައި ނާޒިލްގެ އޮފް ދުވަސްކަމުން، މާކިންއަށް ނާޒިލްއާ ދިމާކުރެވޭ ގޮތް ވީ ރޭގަނޑުގެ ވަގުތުގައެވެ.

ދެމީހުން ގޮސް އެރީ މާކިންމެން ގެއާ ކައިރީގައި ހުރި ކޮފީ ޝޮޕަކަށެވެ. ކޮފީއަކަށް އޯޑަރު ދީފައި ދެމީހުންވެސް ހަމަޖެހިލިއެވެ.

"ދެން ތި ދައްކަން އުޅޭ ވާހަކައެއް ދައްކަބަލަ!" ނާޒިލް ބުނެލިއެވެ.

"އަނެއްކާ ނައިރާއަށް ޕްރޮޕޯޒް ކުރަނީތަ؟" މާކިން މާ މަޑުން އިންނަން ފެށުމުން ނާޒިލް ބުނެލިއެވެ.

"ނޫނޭ... " މާކިންގެ މޫނުމަތިން ނާޒިލްއަށް ފެނުނީ ސީރިއަސްކަމެވެ.

"ދެން ކިޔާބަލަ!" ނާޒިލް ބުނެލިއެވެ.

"އަހަރެން ބުނީމެއްނު މިޝޫގެ ފަރުވާގެ ވާހަކަ. ނާޒިލް އެއްބަސްވެސް ވިން ކޮށްދޭނެކަމަށް އެކަންތައް. އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ފަށަން. ރަނގަޅަށް އެ ވާހަކަ ދައްކައިލަން ވެގެން އަސްލު ދިމާވާން ބުނީ.." މާކިން ބުނެލިއެވެ. އޭނާ ނާޒިލް ކައިރިން އެކަންތައް ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާ ހޯދިއެވެ.

"އަހަންނަށް ދެވިދާނެ ތިގެއަށް ވެސް ސެޝަން ނަގައިދޭން... " ނާޒިލް ބުނެލިއެވެ. މިޝްޔާގެ ޙާލަތު ވަރަށް ތަފްސީލްގޮތެއްގައި އެރޭ މާކިން ނާޒިލްއަށް ކިޔައިދިނެވެ.

"ކީއްވެތަ އަސްލު މިޝްޔާ ޑްރަގްގެ ތެރެއަށް ވަންނަން ދިމާވީ؟" ނާޒިލް އޭނާގެ ހިތަށް އަރަމުން ދިޔަ ސުވާލު މާކިންއާ ކޮށްލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު