މިއީ ޕީޕީއެމް ބޮލުގަ އަޅުވަން ސަރުކާރުން ކުރި ކަމެކޭ ބުނެވިދާނެ: އަދުރޭ

މިއަދުގެ ހަމަނުޖެހުމާ ގުޅިގެން ޕީޕީއެމް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގެ ތެރެއިން -- ފޮޓޯ/ ޕީޕީއެމް

ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހަރަކާތްތައް މިއަދު ހެނދުނު ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށް ދަނިކޮށް އެތަނަށް ބަޔަކު ވަދެގަނެ ހިންގި ހަމަނުޖެހުމަކީ ސަރުކާރުން ރާވައިގެން ޕީޕީއެމްގެ ބޮލުގައި އަޅުވަން ކުރިކަމެކޭ ބުނެވިދާނެކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދުގެ ހަމަނުޖެހުމާ ގުޅިގެން ޕީޕީއެމް, ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އެ ހަމަނުޖެހުމުން ދޭހަވީ ސަރުކާރު ފެއިލްވެފައިވާ މިންވަރުކަމަށެވެ.

"އެހެންނޫންނަމަ ކިހިނެއްތޯ ގަލޮޅު ދަނޑަށް މީހުންތަކެއް ގޮއްސަ ވަންނާނީ. މިސާލަކަށް ޕީޕީއެމްއިން ހިންގާ ސުލްހަވެރި ހަރަކާތްތައް ހިންގަން އުޅެނިކޮށް އެބަހުރި ދުރާލާ މި ހަރަކާތުގަ މާރާމާރީ ހިންގާނެކަމަށް ބަލައިގެން ހަރަކާތްތައް ހުއްޓުވާފަ," އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މިއަދު ގަލޮޅު ދަނޑުގައި ބަޔަކު ހަމަނުޖެހުމެއް ހިންގީ އެކަމަށް ފުލުހުން ފުރުސަތު ދިނުމުން ކަމަށް ގަބޫލުކުރެވޭކަމަށެވެ.

"ސާފް ޗެމްޕިއަންޝިޕްގަ ފުޓުބޯޅަ މެޗުގެ ޓިކެޓު ގަންނަން ވެސް އެ ގޭޓުން މީހުން ފުރިބާރުވެގެން ވެސް ނުވަދެވުނު. މިއަދު މިތަނަށް ބަޔަކު ވަދެވޭނެތޯއޭ،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެއީ ފުލުހުން ވެސް ރާވައިގެން ހިންގި އަމަލެއްކަމަށް ލަފާކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހުގީގަށް ޕީޕީއެމް، ޕީއެންސީގެ ފުރިހަމަ ތާއީދު ލިބޭކަން ފާހަގަ ކުރައްވައި އަދުރޭ ވިދާޅުވީ މިކަމުގައި ހިނގަންޖެހޭނީ މިނިވަން ތަހުގީގެއްކަމަށެވެ.

"ރައީސް އޭނާގެ ޅިޔަނު ޕޮލިސް ކޮމިޝަނަރަކަށް ބަހައްޓައިގެން އޭނާ ނެރެގެން ރައީސް ބޭނުންވާހާ ބައެއްގެ ބޮލުގަ ބަދުނާމު އަޅުވައިގެން އިލްޒާމު އަޅުވާ އެމީހަކު ހައްޔަރުކޮށް އެ ބަޔަކާ ދޭތެރޭ ތަހުގީގު ހިންގާ މިގޮތަކަށް މިކަން ކޮށްގެނެއް ނުވަނެ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ ޕީޕީއެމް ޕީއެންސީން އިސްކުރާނީ އަބަދުވެސް ރައްޔިތުންގެ މަސްލަހަތު ކަމަށާއި މަސްލަހަތު ގެއްލޭ އެފަދަ ކަމެއް ޕީޕީއެމްއިން ނުކުރާނެ ކަމަށެވެ.

ޕީޕީއެމް އިން ހިންގާ ހަރަކާތްތައް ދުރާލާ އިއުލާނުކޮށް އެކަމުގެ މައުލޫމާތު ފުލުހުންގެ އިދާރާއަށް ވެސް ދޭކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މިއީ ޕީޕީއެމްއާއި އެޕާޓީގެ ރައީސްގެ އަގު ވައްޓާލަން ސަރުކާރުން ރާވައިގެން ކުރި ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަރަކާތާ ގުޅިގެން ފުލުހުން ބުނީ އެ ހަމަނުޖެހުމުގައި ބޭނުންކުރި ތަކެތި ނެރުނީ ޕީޕީއެމް އޮފީހުން ކަމަށެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ތޮލާލް، "ސަން"އަށް ވިދާޅުވީ އެ ދިދަތަކަކީ ޕީޕީއެމްގެ ދިދަތަކާ ވައްތަރު ދިދަތަކެއްކަމަށާއި އެ ދިދަތައް ދިނީ އެ ޕާޓީން ކަމެއް ނުވަތަ ނޫން ކަމެއް ސީދާ ދަންނަވަން އަދި ނޭނގޭ ކަމަށްށެވެ.

"އެއީ އަޅުގަނޑުމެންގެ ދިދަތަކަކަށް ވުން އެކަށީގެންވޭ. އަޅުގަނޑަކަށް އަދި ޔަގީންކޮށް ދަންނަވާކަށް ނޭނގޭ އެއީ އަޅުގަނޑުމެން ދިން ދިދަ ކަމެއް،" ތޮލާލް ވިދާޅުވިއެވެ.

comment ކޮމެންޓް