"ސައުވީސް ގަޑިއިރު ފާއިތުވެގެން ދާ ހިނދު ބޭކާރު ކަންކަމުގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި ނަމާދު އަދި ގުރުއާން ކިޔެވުންފަދަ ކަންކަމުގައި އުޅެން އާދަކުރާށެވެ. ނޫނީ އެމީހަކު ދުނިޔެއިން ނުކުމެގެން ދާނީ ހުސް އަތާއެވެ."

***

"ހޭއި ކާމް ޑައުން...މަށޭ މިއީ. ކިހިނެއްވެފައި ތިހިރީ؟" މެހެކް ހަޅޭއްލަވައިގެންފާ އޭނަގެ މޫނު ދައްކާލިއެވެ. އަދި އެއަށްވުރެ ތޫލިކޮށް ހަޅޭއްލަވައިގެންފާ ނާކިއާ ވިހޭކަމުގެ މައުލޫމާތު ދިނެވެ. އަދި އެންމެންވީ ހޮސްޕިޓަލުގައިކަމުގައިވެސް ބުނެލިއެވެ. މެހެކްވެސް މިއައީ އަލްވާ ގޮވައިގެން އަލްވާއާއެކު ހޮސްޕިޓަލަށް ދިޔުމަށް އޭނަ ހޯދުމަށެވެ.

"އެކަމަކު....ނުވަމަސްވީތަ؟ ޕްރެގްކަން ނާކިއާއަށް ރޭކާނުލީ ކީއްވެ؟ ވިސްނާލީމަ މިއެނގެނީ ނާކިއާގެ ބަނޑެއްވެސް އެހާ ބޮޑަށް ނެތްކަން.."

"ނާކިއާއަށްވެސް ބީރައްޓެހި އިހުސާސް ކުރެވުނު އެކަމަކު ހީކުރެވުނީ ކެންސަރގައި ވާކަންތައްކަމަށޯ. ނާކިއާގެ ބަނޑު ތަންކޮޅެއް ބޮޑު އެކަމަކު އަޅައިނުގަތީ ދޫކޮށް ހެދުން ލާތީ. ނާކިއާ ހީކުރީވެސް ކެންސަރުގެ ސަބަބުން ބަނޑު ނުކުތީކަމަށޯ." އަމީރާގެ ފަރާތުން މެހެކްއަށް އިވުނު ވާހަކަތައް އޭނަ ހިއްސާކުރިއެވެ." ތަންކޮޅެއް އަވަހަށް ނާކިއާ ވިހެއީ. ހަތްމަހުގައި އެހެންވީމަ ނާކިއާގެ ދަރިފުޅު ދުވަސްކޮޅަކަށް ހޮސްޕިޓަލުގައި ބާއްވަން ޖެހިދާނެ."

"އެކަމަކު އަލްވާ އުޅުނީ ކޮންތާކު؟ މަންމަަ އަލްވާ ނުފެނިގެން ހޯދަން އުޅުނު. އަހަރެން ބުނިން އަލްވާ ގޭގައޭ ވާނީ އާ ވާހަކައަށް ޚިޔާލެއް ހޯދަން، އެހެންވެ މަންމަ ބުނީ ގޮސް އަލްވާ ކުރާކަމެއް ބަލާލާށޯ. ކޮންތަނަކުން ތިއައީ؟"

"މޭރީގެ ގެއިން..." އަލްވާގެ ޖަވާބުން މެހެކް ބުމަ އަރުވައިލިއެވެ.

"އަޖައިބެއް. ކޮންއިރަކު އެ ކަމަނާއާއި އެހާ ގުޅުން ބަދަހިވީ؟"

"އަހަރެން މިބުނާ އެއްޗެއް ގަބޫލުކުރަން މެހެކްއަށްވެސް ދަތިވެދާނެ..."އަލްވާ ބުނިލެއް ސީރިޔަސްކަމުން މެހެކް އަލްވާގެ ބޮލުގައި އަތުން ޖަހައިލީ އަޑެއް ލައްވައިލަމުންނެވެ."ގޯޝް އަލްވާ. އެހެން މީހެއްގެ ދިރިއުޅުމަށް ބޯ ބާނައިގެން އުޅޭ ވާހަކަ ދެން ނުބުނައްޗޭ...."

***

އެކުޑަ ކޮޓެޖްތެރޭގައި ހުރި ކައުޗެއްގައި ނަވޫދުއާއި ނަމްރާ އިށީދެލައިގެން ތިބިއިރު ނަވޫދުގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމުގެ ކުލަވަރެވެ. ނަމްރާގެ މޫނުމަތިންވެސް ފެނުނީ ސީރިޔަސްކަމެވެ.

"ޔަގީން އެމީހުން ދެކުނުކަން؟ ނަމްރާ؟" ނަވޫދު ދަތްޕިލާ ޖައްސާ ބާރުކޮށްލައިގެން އިނެވެ."އެ މޮޔަ......"

"އެކަމަކު މިފަހަރު އެމީހުން އައީ އަހަރެންގެ ފަހަތަކުން ނޫން. އެމީހުން އައީ އެކުއްޖާގެ ފަހަތުން. ސިލްވާގެ ފަހަތުން. ސިލްވާއައީ އެމީހުން ފަހަތުން އަންނާތީ ދުވެފައި...." އެރޭ ކުޑަދޮރުން ފެނުނު މަންޒަރުތައް ނަމްރާ ކިޔައިދިނެވެ.

"މި ތަނުން އަނެއްކާ އެހެން ތަނަކަށް ދާންވީ.."ނަވޫދު ކައުޗުން ތެދުވުނެވެ."ހަމަ މިހާރު........."

"ނޫން މަޑުކުރޭ ނަވޫދު." ނަމްރާ އޭނަގެ ބޭބެގެ އަތުގައި ހިފާފައި ހުއްޓުވިއެވެ. އަދި ގަދަޔަށް ބޯ ހޫރުވައިގަތެވެ."ފުދޭވަރަށް ތިކަން ކުރެވިއްޖެ. އެތަން މިތަނަށް ދިޔުން. ތިކަމެއްނުވާނެ. މިފަހަރަކު ތިހެން ނަހަދާނަން. ކޮންމެ ފަހަރަކު އެހެން ތަނަކަށް ބަދަލުވާންވީ ކީއްވެތަ؟ކޮންމެ ފަހަރަކު އެމީހުންނަށް ފިލަން ދުވާންވީ ކިއްވެތަ؟"ނަމްރާ ރުޅިމޫނު ހަދައިލިއެވެ. ތުން އުލެއްފަދައެވެ.

"އެމީހުން ބޭނުންވަނީ ކޮންކަމެއްތަ؟"ނަވޫދު ގޮށްމުށްކެވިއެވެ.

"އެމީހުންނަކަށް މިހާރު އަހަރެން ވަކިކުރާކަށް ނޭގޭނެ.އެހެން ވީމަ ރަގަޅުވާނެ ނަވޫދު...އެފަހުން ކިތައް އަހަރު ފާއިތުވެ ދިޔައީ. އެކަމަކު އެހެން ކުދިން ސަލާމަތްކުރަން މަސައްކަތްކުރަން ޖެހޭ.."

"ބީރައްޓެހިން ސަލާމަތްކުރަންވީ؟އަހަންނަށް ނަމްރާވެސް ސަލާމަތެއް ނުކުރެވުނު..."ނަމްރާގެ ބޭކާރު ދެފަޔަށް ބަލައިލަމުން ނަވޫދް މަޑުމަޑުން ބުނެލިއެވެ.

"އަހަރެން މިހާރު މިހިރީ މިތާ. ނޫންތަ؟ އަހަރެން ސަލާމަތްވެއްޖައިން. އެކަމަކު އެކުޑަކުދިން. އެކުދިންނަށް އެހީވާނެ އެއްވެސް މީހެއްނެތް. އެއީ އަހަރެންގެ ފަހަތުން އައި މީހުންކަން ޔަގީން. އެހެންވީމަ އެމީހުން ނިންމާލަމާ ހިނގާ.ނަވޫދު. މިފަހަރު އެ ޝައިތާނީ މީހުން ހޯދަމާ ހިނގާ. އަދި....."

"އެމީހުން މަރަންވީ. އަދި އެމީހުންފަދައިން ގާތިލުންނަށް ވާންވީ. މޮޔަވީތަ ނަމްރާ؟"

"އެންމެ ރަގަޅު. އެމީހުން ތަނަކަށް ލާ ތަޅުލާފައި ފެނާއި ކާނެ އެއްޗެއް ނުދީ ބައިތިއްބާނީ....."

"އަދި އެމީހުންނަށް ލަސް އަދި ވޭންދެނިވި މަރެއް ދޭންވީ؟" ނަވޫދު މޫނުހެދިއެވެ."ތި އަނިޔާވެރި ޚިޔާލުތައް ދޫކޮށްބަލަ..."ނަވޫދު ދާން ހިނގައިގަތެވެ. ނަމްރާ ބޫޓު ބާލާފައި ނަވޫދުއާއި ދިމާލަށް ހޫރުވާލައިފިއެވެ."މޮޔަވީ މީހަކީ ތީ. އަމިއްލަ މައްސަލައަކަށް ނުވީތީ ހާދަ އަންކެއަރިން އޭ. މެރީކޮށްގެން މިގޭގައި އަހަރެން އެކަނި ބަހައްޓާފައި އެމީހަކާއިއެއްކޮށް ގޮސްދާނަން؟ އެހެން ތަނަކަށްގޮސް އަހަރެންގެ މަތިން ހަނދާން ނައްތައިލާ..."

ބޫޓުން ކަނދުރާގައި ޖެހި ހިރަފުހުގެ ޕްރިންޓެއް ކަނދުރާއަށް ދޫކޮށްލިއެވެ. ނަވޫދު ފުންނޭވާއެއްލާފައިވެސް އެއްޗެކޭ ނުބުނެ ހިނގައިގަތީ ފްރިޖާއި ދިމާލަށެވެ. އޭނަވަނީ ކޮއްކޮގެ އެ ކުއްލި ރުޅިއާއި ކިތަންމެ ފަހަރު ކުރިމަތިލާ ހޭނިފައެވެ.

"ކައިފިންތަ؟ ލުއި އެއްޗެއް ކާލަން ބޭނުން؟" ނަވޫދު ކޮނޑުމަތިން ބަލައިލިއިރު ނަމްރާ އޮތީ ކައުޗްގައި އޮށޯވެލައިގެން ނިދާކަމަށް ހެދިގެންނެވެ.

"ނުކައިއޮތީމަ އެންމެ ދުވަހަކަށްވެސް ދިރި ހުންނާނީ ކިހިނެއް އަދި އެވެސް ބޮޑު ސިންގާ ފިރިހެނުންނާއި ހަގުރާމަކުރަން؟" ނަވޫދުގެ ޖުމްލައާއެކު ނަމްރާ ލޯ ތަންމިނަށް ހުޅުވާލައިފިއެވެ.

"ވީއިރު ނަވޫދް އެހީވާނަން؟"ނަމްރާ ބޭގަރާރުކަމާއެކު އެހިއެވެ.

"އެހެންވެ ބޭރަށް ދާން ފެށީ؟ޔަގީނުންވެސް ބާރުހުރި އަދި އެމީހުން ބޭނުންވަނީ ކޮންކަމެއްކަން ނޭގޭ ބަޔަކަށް ފާރަލާން؟"

"އެ ނުލަފާ މީހުން މަގޭ ހުރިހާ އެއްޗެއް ފޭރިގެންފި. އެމީހުން އިތުރު އެހެން ދަރިންނަށް އަނިޔާދޭތަން ބަލަން މިހެން އިންނާނެކަމަށް ބެޓްވެސް ނުކުރައްޗޭ..."

ނަވޫދުވެސް އޭނަ އެމީހުންނަށް ފާރަލާތާ އެތައް ޒަމާނެއްވިކަން ނަމްރާއަށް ސިއްރުކުރިއެވެ. އޭނަ ބޭނުންނުވަނީ ނަމްރާ މިކަންތައްގަނޑުގެ ތެރެއަށް ވަދެ އަލުން އަނިޔާއެއް ނުވުމެވެ.

***

ރޯޒްކްލިފް ގަނޑުވަރު އިމާރާތްކުރެވިފައިވަނީ ބޮޑު ބިމެއްގައެވެ. މައި ގެއާއި އެތައް ކިލޯމީޓަރު ދުރުގައި އެންމެ ޒަމާނީ އާޓް ސްޓޫޑިއޯއެއް އިމާރާތްކުރެވިފައިވިއެވެ. ގިނަ ފާރުތައް ބިއްލޫރިން ހަދާފައިވާއިރު ފުރާޅުވަނީ ހުދުކުލައިންނެވެ. އަހަރުތަކެއްކުރިން އެއީ ރީތި ގެއެކެވެ. ސުފިޔާންގެ ކާފަ އެކަހެރިވެގެން އެގޭގައި އުޅުނީ ވާހަކަތައް ލިޔުމުގައެވެ. އޭނަ ދުނިޔެއާއި ވަކިވުމުގެ ކުރިން އެތައް ފޮތްތަކެއް ލިޔުނެވެ. ސުފިޔާން ކުރެހުމަށް ހުރި ލޯތްބާއެކު ޝަހްނާޒުގެ އަގުބޮޑު ފަރުނީޗަރުތަކަށް ޕެއިންޓް ބުރާފާނެތީ އެގެ އާޓް ސްޓޫޑިއޯއަކަށް ހެދީއެވެ.

ހަފްތާގެ ބަންދު ދުވަސްކަމަށްވެފައި ސުފިޔާންގެ އޮފް ދުވަހަށް ވުމުން އޭނަ އުޅުނީ އާޓް ސްޓޫޑިއޯގައެވެ. އޭނަ ހުދާއި ރީދޫ އަދި މުށިކުލަ ގަށައިލިއެވެ. އަދި އެ ކުލަތަކުން މޫނެއްގެ ބައްޓަން ގެނައުމަށް މަސައްކަތްފެށިއެވެ. ކަޅުކުލައިގެ ކަޅިއެއްގެ ވަށައިގެން މުށިކުލައެއް ޖައްސަމުން ދިޔައީ ފިހީގެ މަޑު މަޑު ހަރަކާތުންނެވެ. އެއަށްފަހު ކަޅީގެ މުށިކުލައިގެ ވަށައިގެން މަޑު ނޫކުލައެއް ޖައްސަންފެށިއެވެ. އަދި އޭނަގެ ލޮލަށް މޫނެއް ތަސައްވަރު ވުމާއެކު ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ.

ދޮރު ހުޅުވާފައި ލެއްޕުނު އަޑަށް ސުފިޔާންގެ މޫނު އޮއްސުމާއެކު ބުމަ ގޮށްޖެހުނެވެ. އޭނަގެ އާޓް ސްޓޫޑިއޯއަށް ވަނުމުގެ ހުއްދަ އެކަކަށްވެސް ނުދެއެވެ. އެއީ އޭނަގެ އަމިއްލަ ޖާގައެވެ. އޭނަ ހީކުރީ ކޮއްކޮ ސަދަފް އެކަން ރަގަޅަށް ދަންނަކަމުގައެވެ. ސުފިޔާން ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނަގެ މަންމަ ގޭގައި ނެތުމުން ކުރިން ނުކުރާ ހުރިހާކަމެއް ހުއްދަވީ ފަދައެވެ.

"ސޯ މިތާގައި މިއުޅެނީ. އަޅުގަނޑު ހޯދާތާ ކޮންއިރެއް ސޫފީ..." ސަދަފް ވަށައިގެން ހިނގައިލަމުން ތަސްވީރުތައް ދިރާސާކޮށްލިއެވެ. ގިނަ ކުރެހުންތަކަކީ އެބްސްޓެރެކްޓް ކުރެހުންތަކެވެ. ވަކި އެއްޗެއް ނޫނީ ދިރޭ އެއްޗެއްގެ ސޫރައެއް ނެތެވެ.

"ކީއްކުރަނީ މިތާ. ބޫޓު ބާލާ. މި ކާޕެޓް ކިލާ ކުރަނީނު.." ސުފިޔާން ތިރިކޮށްލި އަތް ބޭއްވީ އުނގުގައެވެ.

"އޫޕްސް. މައި ބޭޑް." ސަދަފް ދޫލަމަތީގައި ހުރި ކިސަޑުގެ ޕްރިންޓްތަކަށް ކަޅި ހިންގައިލިއެވެ. އޭނަގެ ބޫޓުން އެ ހުދު ދޫލަ އެއްކޮށް ހަޑިކޮށްލައިފިއެވެ.

"މި އާޓްތައް ދެކެން ޝައުގުވެރިވެގެނެއް ނޫން މިއައީ. އެކަމަކު ބުނާނީ ވަރަށް ކޫލްއޭ....." ސަދަފް އޭނަގެ ބޭބެއަށް ތައުރީފުކޮށްލިއެވެ. ސުފިޔާންގެ ހުނަަރުތަކުގެ ތެރެއަށް އިތުރުވި އެހެން ބޮޅެކެވެ. ސަދަފްގެ އެންމެ ހުނަރެއްވެސް ނެތްއިރުގައެވެ. އޭނަގެ ރީތި ސިފަތަކަކީ އޭނައަށް ލިބިފައިވާ ހަމައެކަނި އެއްޗެވެ. އޭނަގެ ބޭބެ ހުރިހާކަމަކުން ކުރިއަތުލަނީ ކީއްވެހެއްޔެވެ؟ މޮޑެލްކޮށްގެން އެތައް ބައިވަރު ފައިސާތަކެއް ލިބޭއިރު އޭނަ އެކަމަކަށް ޝައުގެއްވެސް ނެތެވެ. އޭނަ ބޭނުމީ ކިޔެވުމަށެވެ. ސުފިޔާން ފަދަ މީހަކަަށް ވުމަށެވެ. އެކަމަކު އެކަމަށް އެއްބަސްވާން ހިތް ނޭދުނަސް އޭނަ ކިޔެވުމަށް ދެރައެވެ. އެއީ އޭނައަށް ބުރަ އުދަގޫކަމެކެވެ. އޭނަ ދުނިޔެއަށް އައީ ބޭބެ ފަދައިން ހުރިހާ އެއްޗެއް ލިބިގެނެއް ނޫނެވެ.

"ކޯނޗެއް ތި ޕެއިންޓްކުރަނީ؟"ސުފިޔާންގެ ކޮނޑުމަތިން ސަދަފް ބޯދިއްކޮށްލިއެވެ."އެއީ ލޯތަ؟ ކޯނޗެއްގެ ލޮލެއްތަ؟ މަޚުލޫގެއް؟ ވޫލްފެއް؟"

ސުފިޔާން އެނބުރި ސަދަފްއާއި ދިމާލަށް ބަލައިލިއެވެ."މިތަނަށް އައީ ކީއްވެ؟"

"ރައިޓް.. ތިކަން....ލައިބްރަރީގެ ބުކް ސްޓެޗޫ ހެދި ވަޑިއަކީ ކާކުކަން އެނގޭތަ؟....."

ސުފިޔާން ލޯ ހަނިކޮށްލިއެވެ."ސީރިޔަސްކޮށް ފިރިހެނުންގެ ވާހަކަ އަހަރެން ކައިރިން ތިއަހަނީ؟ އަމިއްލަ ބޭބެ ކައިރީ؟ ހަނދާން ނައްތާލާ ސަދަފް. އަދި ތިކަމާ އުޅޭވަރަށްވުރެ މާ ޅަ..."

"އައިމް އިން މައި ޓްވެންޓީސް އޯލްރެޑީ.."ސަދަފް ލޮލުތެރޭ ކަޅި ހިންގައިލިއެވެ.

"މަގޭ ބޭބީ ސިސްޓަރ ވީމަ އަބަދަށްވެސް ޅަ ވާނެ ދޯ.."ސުފިޔާން ފަރުވާކުޑަގޮތަކަށް ކޮނޑު އަރުވައިލިއެވެ.

"ވީއިރު އޭނައާއި ބެހޭގޮތުން އެއްވެސް މައުލޫމާތެއް އެނގޭތަ؟ އޭނަގެ ނަން ދީފިއްޔާ އޭނަގެ ބެކްގްރައުންޑް ޗެކްކޮށްލެވިދާނެކަން ޔަގީން..." ސަދަފް އަހައިލުމުން ސުފިޔާން ބޯ ހޫރައިލިއެވެ.

"މީހުންގެ މައުލޫމާތު ހޯދުމަކީ އަހަރެންގެ ކުންފުނިންކުރާ ކަމެއްނޫން.." ސުފިޔާން ނުރުހުމުގެ ނަޒަރަކުން ސަދަފްއަށް ބަލައިލިއެވެ." ފިރިހެނުންނާއި ތިގޮތަށް އަޅައިގެން އުޅުން ހުއްޓާލާ. އެންމެ ފަހަށް ޑޭޓްކުރި ދެމީހުންގެ ތެރެއިން އެކަކު ޖަލުގައި އަނެކަކު ވީ މޮޔައަކަށް. އެސައިލަމްއަކަށް ލާން ޖެހުނީ. އަދިވެސް ފިލާވަޅެއް ނުލިބޭތަ؟ ރޯންގް މެން ހޮވުމުގެ ހެބިޓްއެއް ތިގެންގުޅެނީ.."

"މިފަހަރު ތަފާތު. އަޅުގަނޑަށް އެކަން އެގޭ."ސަދަފްގެ އަޑުގައި ތޫނުކަމެއް ހުއްޓެވެ." އެހެންނޫނަސް އެ ވަޑިއާއެކު ޑޭޓަކަށް ދާކަށްނޫން އެހީ. ހަމަ ކިއުރިއަސްވީމަ. އެހެން ކަމެއްނެތް. އޭނަގެ ހުރި...މިސްޓީރިޔަސް އޯރާ..."

ސުފިޔާންވެެސް ލޯ އަޅައިލިއެވެ." ސަދަފްއަށް ކިއުޓް ވި ކޮންމެ ޒުވާނެއް ބަޔާންކުރާއިރު އެމީހުން މިސްޓިރިއަސް ގޮތެއް ހުރޭ.."

"އެނީވޭ ޕާޓްޓައިމް ޑިޓެކްޓިވް ކިނާން ކައިރިން އަހާދީފާނަންތަ؟ އަޅުގަނޑު ބޭނުންވާ ހުރިހާ މައުލޫމާތެއް އޭނައަށް ހޯދޭނެހެން ހީވޭ..."

"އަހަރެން އާއެކޭ ބުނެފިއްޔާ މިތަނުން ދާނަންތަ؟"ސުފިޔާން ބުމަ އަރުވައިލުމާއެކު ސަދަފްގެ މޫނު ދިއްލުނެވެ. އޭނަ އަވަހަށް ބޯ ޖަހައިލާފާ އަވަސްވެގަތީ ސްޓޫޑިއޯއިން ނުކުތުމަށެވެ. ސުފިޔާން އެނބުރި އޭނަގެ ކުރެހުމުގެ މަސައްކަތަށް ރުޖޫއަވިއެވެ. ކަޅުކުލައިގެ އެންމެ ފަހުު ކުލަތައް ފަވައިލިއިރު އެއީ އިންސާނެއްކަމާއި އެހެން އިތުރު މަޚުލޫގެއް ނޫންކަން ސާފުކޮށް އެނގެއެވެ. ދެކުލަ ހުރި ލޮލުގެ މައްޗަށް ގަތާލާފައިވާ އިސްތަށިކޮޅެއް ވެއްޓިފައި އޮތެވެ. އޭނަ އެ ޕެއިންޓްކޮށްލީ ނިކަން ފުރިހަމައަށެވެ. އޭނަ މޫނުގެ އެހެން ސިފަތައް ނުކުރެހިޔަސް މޫނުގައިވާ ލައްތައް ހަނދާން ނައްތައެއްނުލައެވެ.

އޭނަ ގޮނޑިއަށް ލެނގިލައިގެން އޭނަގެ ތަސްވީރަށް ބަލަހައްޓައިގެން އިނެވެ. އަށާރަ އަހަރުވެސް ނުފުރޭ އަންހެންކުއްޖަކުގެ ތަސްވީރު އޭނަ ކުރެހީ ކީއްވެހެއްޔެވެ؟ އޭނަގެ ސިކުނޑީގައި އަލްވާ ވަނީ ކީއްވެހެއްޔެވެ؟ އޭނަ އަލްވާގެ ލޮލުގެ ކުރެހުމަށް ބަލަން އިނދެފައި ފުން ނޭވާއެއް ދޫކޮށްލިއެވެ. މިއީ ރަގަޅުކަމެއް ނޫނެވެ. އޭނަ އެކުއްޖާއާއިމެދު ޚިޔާލުކޮށްގެން ނުވާނެއެވެ. އޭނަ އެހެން އިނދެ އެކަމާއި ފިކުރުކުރަމުން ދިޔައިރު އޭނަގެ އަމިއްލަ އިހުސާސްތައް ދެނެގަންނަން ހަދަންވީގޮތަކާއިމެދު ޚިޔާލެއް އައެވެ. އޭނަ އެކުއްޖާއާއެކު ވަގުތު ހޭދަކޮށްފިނަމަ މި އިހުސާސްތަކަށް ނަމެއް ދޭން އެނގިދާނެއެވެ. މިކުއްޖާއަށް އޭނަގެ ހުރި ޝައުގަކީ އެކުވެރިކަން ނޫނީ އެހެން ކަމެއްކަން އޭރުން އެނގޭނެއެވެ.

ސުފިޔާން ގަލަމުން ސިޓީއެއް ލިޔެފައި އޭނަގެ ބަޓްލާއަށް އެންގީ ޕޯސްޓްއޮފީހަށް ގޮސް ރައްދުކޮށްދިނުމަށެވެ.

***

އަލްވާއަށް ސުފިޔާންގެ ސިޓީ ލިބުނީ ހޮސްޕިޓަލުގައި ހުރެފައި ގެއަށް ދިޔަތަނާއެވެ. އޭނަ އެތަނަށްގޮސް ނާކިއާގެ ދަރިފުޅު ދެކެލުމުގެ ނަސީބު ހޯދިއެވެ. ނަމަވެސް ދުރުންނެވެ. ބޭބީ އޮތީ އަދިވެސް އެންއައިސީޔޫގައެވެ. އަލްވާއައި ނާކިއާ ދިމާވުމުން ނާކިއާގެ އުފާވެރިކަން ފެނި އަލްވާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އައެވެ. އެތައް އިރެއްވާންދެން އަނގަތަޅަން އަލްވާއިނެވެ. ކޮންމެ ދުވަހަކު ނާކިއާއަށް ޒިޔާރަތްކުރާނެކަމަށް އޭނަ ވައުދުވިއެވެ. އަދިވެސް ދަރިފުޅަށް ދޭނެ ނަމެއް ނާކިއާ ނުނިންމައެވެ. ނާކިއާއަށް ދަރިފުޅު ގޮވައިގެން ގެއަށް އާދެވެން އަދި ހަފްތާތަކެއް އެބައޮތެވެ. އެދުވަހަށް އަލްވާއަށް ކެތްކުރެވެނީއެއް ނޫނެވެ.

ގެއަށް އައިތަނާ މެއިލްފޮށީގައި އޮތް ރަތްކުލައިގެ ސިޓީ އުރަ ވަގުތުން އަލްވާގެ ލޮލުގައި އަޅައިގަތެވެ. އަދި ބޭރުގައި އޭނަގެ ނަން ލިޔެވިފައި އޮތުމުން ވަކިން ހައިރާންވިއެވެ. ތެޅިތެޅިވާ ހިތަކާއެކު އޭނަ ކޮޓަރިއަށް ވަނީ ސިޓީގައިވާ އެއްޗެއް ކިޔާހިތުން ކެތްތެރިކަން ކުޑަވެފައި ހުރެއެވެ. ސުފިޔާން އޮތީ އޭނައަށް ހަވީރު ސަޔަށް ދައުވަތު ދީފައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު