ފެންބޮޑުވުމުގެ ސަބަބުން އިންޑިއާއާއި ބަންގްލަދޭޝްއިން މަރުވި މީހުންގެ އަދަދު 100އަށް

ބަންގްލަދޭޝްގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި ފެން ބޮޑުވެފައި -- ފޮޓޯ/ އޭޕީ

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިންޑިއާއާއި ބަންގްލަދޭޝްގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 100އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އެ ދެ ގައުމުގެ އޮފިޝަލުން ބުނެފިއެވެ.

ވިއްސާރައިގެ ސަބަބުން ބަންގްލަދޭޝްއާއި އިންޑިއާގެ އުތުރުގެ ސަރަހައްދުތަކަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާއިރު، މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރީގެ އަހަރުތަކަށް ވުރެ ބޮޑަށް ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް އިތުރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާގައި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އައްސާމް ސްޓޭޓުން އެކަނިވެސް މަރުވި މީހުންގެ އަދަދު މިހާރު 80އަށް ވުރެ އިތުރުވެފައިވާ ކަމަށް އެ ސްޓޭޓުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ބުނެފައެވެ.

އިންޑިއާގެ އުތުރުއިރުމަތީ ސްޓޭޓެއް ކަމަށްވާ ބިހާރުގައި ވިއްސާރައިގެ ސަބަބުން 17 މީހަކު މަރުވެފައިވާ އިރު، ބަންގްލަދޭޝްގެ ދެކުނުގެ ބޯޑަރު ކައިރީގައި އޮންނަ މެގަލާޔާ ސްޓޭޓުން 24 މީހަކު މަރުވެފައިވާ ކަމަށް އެ ދެ ސްޓޭޓުން ބުންޏެވެ.

ބަންގްލަދޭޝްގެ ކަމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި ވާރޭ ވެހި، ފެންބޮޑުވުމާ ގުޅުން ހުރި ހާދިސާތަކުގައި އެގައުމުން މިހާރު 32 މީހަކު ވަނީ މަރުވެފައެވެ. އެގައުމުގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުން އެއް ލައްކައަށް ވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.

ބަންގްލަދޭޝްގެ ޑިޒާސްޓާ މެނޭޖްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އީނަމުރު ރަހްމާން ސީއެންއެންއަށް ވިދާޅުވީ ފެންބޮޑުވެފައިވާ ބައެއް ސަރަހައްދުތަކާ ގުޅުން ކެނޑިފައިވުމުން، އެ ސަރަހައްދުތަކަށް ލިބިފައިވާ ގެއްލުން އަދި ޔަގީންކުރެވިފައިނުވާ ކަމަށެވެ. އަދި އެގައުމުގެ ވަގުތީ ކޭމްޕްތަކުގައި އެތައް މިލިއަން މީހުންނަށް ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ ކަަމަށް ވެސް އޮފިޝަލުން ބުނެފައިވެއެވެ.

comment ކޮމެންޓް