ހަމަނުޖެހުން ހިންގި މީހުން ބޭނުންކުރި ބައެއް ތަކެތި ނެރެފައި ވަނީ ޕީޕީއެމް އޮފީހުން: ފުލުހުން

ޕީޕީއެމް އޮފީހުގައި ބަޔަކު ދިދަތައް ހިފައިގެން. ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގި މީހުން ބޭނުންކުރި ބައެއް ތަކެތި ނެރެފައި ވަނީ ޕީޕީއެމް އޮފީހުން ކަމަށް ފުލުހުން ބުނޭ -- ފޮޓޯ/ އެމްވީކްރައިސިސް

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް މިއަދު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވުމަށް ހަމަނުޖެހުން ހިންގި މީހުން ބޭނުންކުރި ބައެއް ތަކެތި ނެރެފައި ވަނީ ޕީޕީއެމް އޮފީހުން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތަށް ހުރަސްއަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި އާންމުންނާ ދެކޮޅަށް ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން ދާ ކަމަށެވެ.

"މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުގެ ގުނަންތައް ގުޅިގެން ދަނީ ކުރަމުން،" ބަޔާނުގައިވެއެވެ.

މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބުތައް ބަލައި ފުލުހުން ރެސްޕޮންޑު ކުރި ގޮތުގެ އިންޓާނަލް ރިވިއުއެއް ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ވަނީ އެ ހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯއާއި ވީޑިއޯ ފޮނުވުމަށް އޮންލައިން ޕޯޓަލްއެއް ގާއިމް ކޮށްފައެވެ. އެ ޕޯޓަލްއަށް މައުލޫމާތާއި ފޮޓޯއާއި ވީޑިއޯ ފޮނުވާ މީހުންގެ ސިއްރުކަން ހިފަހައްޓާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ޕޯޓަލްއަށް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން އަރުވަމެވެ.

މިކަމާ ގުޅިގެން ޕީޕީއެމްއިން ބުނެފައިވަނީ އެ ޕާޓިން ވެސް އެ ހަމަނުޖެހުންތައް ކުށްވެރި ކުރާ ކަމަށެވެ. ހަމަނުޖެހުމުގައި ބޭނުން ކޮށްފައިވަނީ ޕީޕީއެމްއިން ދާދިފަހުން "ނަބިއްޔާގެ ދިފާއުގައި" ބޭއްވި އެއްވުމުގައި ގެންގުޅުނު ދިދަތައް ކަމަށް ބައެއް މީހުން ދަނީ ތުހުމަތު ކުރަމުންނެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ތޮލާލް، "ސަން"އަށް ވިދާޅުވީ އެ ދިދަތަކަކީ ޕީޕީއެމްގެ ދިދަތަކާ ވައްތަރު ދިދަތަކެއް ކަމަށެވެ. ނަމަވެސް އެ ދިދަތައް ދިނީ އެ ޕާޓީން ކަމެއް ނުވަތަ ނޫން ކަމެއް ސީދާ ދަންނަވަން އަދި ނޭނގޭ ކަމަށް ތޮލާލް ވިދާޅުވިއެވެ.

"އެއީ އަޅުގަނޑުމެންގެ ދިދަތަކަކަށް ވުން އެކަށީގެންވޭ. އަޅުގަނޑަކަށް އަދި ޔަގީންކޮށް ދަންނަވާކަށް ނޭނގޭ އެއީ އަޅުގަނޑުމެން ދިން ދިދަ ކަމެއް،" ތޮލާލް ވިދާޅުވިއެވެ.

އެ ހަރަކާތަކީ ޕީޕީއެމްއިން އިންތިޒާމު ކުރި ކަމެއް ނޫން ކަމަށާއި ހަމަނުޖެހުމަށް އެ ޕާޓީން ހިތްވަރު ނުދޭ ކަމަށް ވެސް ތޮލާލް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވީ ދީނާ ޚިލާފު ކަމެއް ކަމަށް ބުނެ ޔޯގާ ޑޭގެ ހަރަކާތް ހުއްޓުވަމަކީ ސިޔާސީ ކަމެއް ކަމަށެވެ.

ހަމަނުޖެހުންތަކުގައި ޕީޕީއެމްގެ އިސް ސަފުގައި އުޅޭ މީހުން ތިބި ކަމަށާއި ޖަމިއްޔަތުއް ސަލަފަކީ ވެސް މިހާރު ރަނގަޅު ނިޔަތެއްގައި އުޅޭ ބައެއް ނޫންކަން މިއަދު އެމީހުން ޔަގީން ކޮށްދީފި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް