ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް މިއަދު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތުގައި ހިންގި ހަމަނުޖެހުންތައް ކުށްވެރި ކުރާ ކަމަށް އިދިކޮޅު ޕީޕީއެމްއިން ބުނެފިއެވެ.
އެ ހަރަކާތް މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނު މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅު ދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.
ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.
އެ ހަމަނުޖެހުންތަކުގައި ބޭނުންކުރި ދިދަތަކަކީ ޕީޕީއެމްއިން މިފަހުން "ނަބިއްޔާގެ ދިފާއުގައި" ނަމުގައި ބޭއްވި އެއްވުމުގައި ގެންގުޅުނު ދިދަތައް ކަމަށް އެބަ ތުހުމަތު ކުރެއެވެ. އަދި އެ ދިދަތައް އެ ޕާޓީގެ އޮފީސް ތެރޭން ނެރޭ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އެކަމާ ގުޅޭގޮތުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ތޮލާލް، "ސަން"އަށް ވިދާޅުވީ އެ ދިދަތަކަކީ ޕީޕީއެމްގެ ދިދަތަކާ ވައްތަރު ދިދަތަކެއް ކަމަށެވެ. ނަމަވެސް އެ ދިދަތައް ދިނީ އެ ޕާޓީން ކަމެއް ނުވަތަ ނޫން ކަމެއް ސީދާ ދަންނަވަން އަދި ނޭނގޭ ކަމަށް ތޮލާލް ވިދާޅުވިއެވެ.
"އެއީ އަޅުގަނޑުމެންގެ ދިދަތަކަކަށް ވުން އެކަށީގެންވޭ. އަޅުގަނޑަކަށް އަދި ޔަގީންކޮށް ދަންނަވާކަށް ނޭނގޭ އެއީ އަޅުގަނޑުމެން ދިން ދިދަ ކަމެއް،" ތޮލާލް ވިދާޅުވިއެވެ.
އެ ހަރަކާތަކީ ޕީޕީއެމްއިން އިންތިޒާމު ކުރި ކަމެއް ނޫން ކަމަށާއި ހަމަނުޖެހުމަށް އެ ޕާޓީން ހިތްވަރު ނުދޭ ކަމަށް ވެސް ތޮލާލް ވިދާޅުވިއެވެ.
މިއަދުގެ ހަމަނުޖެހުންތަކާ ގުޅިގެން ހަ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ދަނީ ތަހުގީގު ކުރަމުންނެވެ.
އެކަމާ ގުޅޭގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް ވަނީ ވާހަކަ ދައްކަވައިފައެވެ. އެމަނިކުފާން ވިދާޅުވީ ހަމަނުޖެހުން ހިންގި މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.
އެ ހަމަނުޖެހުންތަކާ ގުޅޭގޮތުން ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވީ ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަކޮށް، އެ ހަރަކާތް ހިންގަން ފެށީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށާއި އޭރު އެކަން ނުހުއްޓުވައި، މިހާރު ހުއްޓުވަނީ އެކަމުގެ ފަހަތުގައި ސިޔާސީ މަގުސަދެއް އޮތުމުން ކަމަށެވެ.
މިއަދު ހިންގި ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަލަފް ޖަމިއްޔާ ކަމަށް ތުހުމަތުކޮށް މަހުލޫފް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ސަލަފުން އެ ތުހުމަތުތައް ދޮގުކުރެއެވެ.
ބޭރުގެ ޑިޕްލޮމެޓުންގެ ކުރިމަތީގައި މިއަދު ހިންގި ހަމަނުޖެހުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި އެކަމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.
ދީނާ ހިލާފު ކަމެއް ކަމަށް ބުނެ ޔޯގާ ދުވަސް ފާހަގަ ކުރުން ހުއްޓުވިއިރު، ރައީސް ޔާމީންގެ ވެރިކަމުގައި އެކި އަހަރު އެ ދުވަސް މާލޭގައި ފާހަގަ ކުރިއެވެ. އެފަހަރު ވެސް ފާހަގަ ކުރީ އިންޑިއަން ކަލްޗާ ސެންޓަރާއި ދިވެހި ސަރުކާރާ ގުޅިގެންނެވެ. އޭރު އެ ހަރަކާތަށް އެއްވެސް ބަޔަކު ހުރަހެއް ނާޅައެވެ.
ޔޯގާ ދުވަސް ފާހަގަކުރުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އިލްމުވެރިންގެ ގުޅުމުން ވެސް އިއްޔެ ވަނީ އިސްލާމިކް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ.
އެ ސިޓީގައި އެ ޖަމިއްޔާއިން ވަނީ ޔޯގާއަކީ އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނާ ޚިލާފަށް ކުރެވޭ ނުރައްކާތެރިކަމެއް ކަމަށް ބުނެފައެވެ. އަދި މިއަދު ޔޯގާ ޑޭ ފާހަގަކުރުމަށް ހިންގަން ނިންމާފައިވާ ހަރަކާތްތައް ހުއްޓުވުމަށް އަމަލީ ފިޔަވަޅުތައް އެޅުމަށް ވެސް އެ ޖަމިއްޔާއިން ވަނީ މިނިސްޓްރީގައި އެދިފައެވެ.
މިއަހަރު ޔޯގާ ދުވަސް ފާހަގަކުރަން އެންމެ ފުރަތަމަ ނިންމީ ރަސްފަންނުގައެވެ. ނަމަވެސް ގިނަ ބައެއްގެ ޝަކުވާ އަންނަ ކަމަށް ބުނެ ސިޓީ ކައުންސިލުން އިއްޔެ ވަނީ އެ ހަރަކާތަށް ރަސްފަންނު ނުދޭން ނިންމާފައެވެ.
މިކަމާ ގުޅިގެން ޔޫތު މިނިސްޓްރީން ޔޯގާ ދުވަހުގެ ހަރަކާތް ގަލޮޅުދަނޑުގައި ބާއްވާ ގޮތަށް ނިންމީއެވެ.