ހަމަނުޖެހުން ހިންގި މީހުންނާމެދު އަވަހަށް ފިޔަވަޅު އަޅަން އެމްޑީޕީން އެދެފި

ޔޯގާ ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގަނީ: އެ މައްސަލަ އެމްޑީޕީން ކުށްވެރި ކުރޭ-- ޓްވިޓާ ފޮޓޯ: ޝިއުނާ

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލަ އެމްޑީޕީއިން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ގަލޮޅު ދަނޑުގައި މިއަދު ހެނދުނު ބޭއްވި ޔޯގާ ހަރަކާތައް ހުރަސްއަޅާ، ބައިވެރިންނަށް ހަމާލާދިން ބިރުވެރި ޢަމަލު އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

"މިބާވަތުގެ ނުބައި އަދި އަނިޔާވެރި ޢަމަލުތަކަކީ، އަޅުގަނޑުމެންފަދަ ޞުލްޙަވެރި ޑިމޮކްރެޓިކް މުޖުތަމަޢެއްގައި އެއްވެސް ޖާގައެއް އޮތް ކަމެއް ކަމަކަށް މި ޕާޓީ އަކުން ނުދެކެން،" އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި މިއަދު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެ މައްސަލައިގެ ސީރިއަސް ތަޙުޤީޤެއް ފެށުމަށް ސަރުކާރުން ނިންމި ނިންމުމަށް މަރުޙަބާ ކިޔާފައިވެއެވެ.

މީގެ އިތުރުން މިހާތަނަށް ހައްޔަރުކުރެވުނު މީހުން ވެސް ހިމެނޭގޮތަށް އެކަމަށް ޒިންމާވާ ފަރާތްތަކާ މެދު އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށް އުންމީދުކުރާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި 2015 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރަމުން އަންނަކަމަށް ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީން އެ ބަޔާން ނެރުނީ މިއަދު ހެނދުނު 6:30 ގައި ފެށި ޔޯގާ ދުވަހުގެ ހަރަކާތަށް ބަޔަކު ހުރަސް އަޅައި ހަމަނުޖެހުން އުފައްދައި އެތާ ތިބި މީހުންނަށް އިންޒާރުދީ އަދި މީހުންނަށް ހަމަލާ ދިނުމުގެ އިތުރުން ތަކެއްޗަށް ވެސް ގެއްލުންދިނުމާ ގުޅިގެންނެވެ.

އޭރު އެތާ ތިބި ހައެއްކަ ފުލުހުންވެގެން ޕެޕާސްޕްރޭ ބޭނުންކޮށްގެން ހަމަނުޖެހުން ހުއްޓުވާފައިވާއިރު އެކަމާ ގުޅިގެން ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލަ މިހާރު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފު ވެސް ވަނީ މިއަދު ހިނގާދިޔަ ހަމަނުޖެހުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގަލޮޅު ދަނޑަށް މިއަދު ބަޔަކު ވަދެގަނެ ޔޯގާ ދުވަހުގެ ހަރަކާތަށް ހުރަސް އެޅި ފަރާތްތައް ހޯދައި އެ މައްސަލަ ބެލުމަށް މިހާރު ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

ރައީސްގެ އެ ޓުވީޓުގައި ޔޯގާ އިވެންޓުގެ ބައިވެރިންނަށް ހަމަލާ ދީ ހަމަނުޖެހުން ހިންގި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެސް އެކަށީގެންވާ ފިޔަވަޅު އަޅާނެކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް