ބީއެމްއެލްގެ ސްކޮލަޝިޕް ލިބޭ ދަރިވަރުން ހޮވައިފި

ބީއެމްއެލް ސްކޮލަޝިޕް ފަންޑު ލިބުނު ކުދިން ހޮވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލަޝިޕް ފަންޑުގެ ދަށުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބޭ ތިން ދަރިވަރުން ހޮވައި, އެ ދަރިވަރުންގެ ނަން ހާމަކޮށްފިއެވެ.

މިއަހަރު ބީއެމްއެލް ސްކޮލަޝިޕް ލިބޭ ދަރިވަރުންނަކީ އަޙްމަދު ނިސާލް ޢަބްދުﷲ އާއި އާމިނަތު މައިސާ ނިޔާޒު އަދި އިސްމާޢިލް ޒަކްވާން ޝިހާދެވެ.

ބީއެމްއެލް އިން ބުނީ ހުރިހާ ޚަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ތައުލީމީ، ގާބިލް، ޒުވާން، ދިވެހި ތިން ދަރިވަރުންނަށް ލިބިގެންދާކަމީ އެ ބޭންކަށް ލިބިގެންދާ ފަޚުރެއްކަމަށެވެ. އަދި ސްކޮލަޝިޕްގެ ދަށުން ކުރިއަށް އޮތް ޖީލުތަކުގެ ލީޑަޝިޕް މަގާމުތައް ފުރަމުންދާނެ ހުނަރުވެރި ތައުލީމީ ޒުވާނުން ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

"ތައުލީމީ ގޮތުން ވަރަށްވެސް މަތީ ނަތީޖާއެއް ހޯދާފައިވާ އަދި ހަމައެހެންމެ ލީޑަޝިޕް ދައްކުވައިދޭ ހުނަރުވެރި ޒުވާނުން ހޮވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއްވެސްމެ. ޒުވާނުންގެ ތެރެއިން ގައުމަށް ހިދުމަތްކުރުމަށް ބޭނުންވާ ދަރިވަރުންނަށް މަތީ ތައުލީމްގެ ފުރުސަތު ހޯދައިދިނުމަކީ އަނބުރާ މުޖުތަމައަށް އެހީތެރިވެ ގައުމުގެ މުސްތަގްބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމެންޓެއްވެސްމެ،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވިއެވެ.

ބީއެމްއެލް ސްކޮލަޝިޕް ފަންޑު ލިބުނު ތިން ދަރިވަރުން --- ފޮޓޯ/ ބީއެމްއެލް

އެ ސްކޮލަޝިޕް ފަންޑަކީ ދަރިވަރުން ހޯދާފައިވާ ތައުލީމީ ނަތީޖާއަށް ބަލައި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ހުރިހާ ހަރަދެއް ހިމަނައިގެން ދެވޭ ސްކޮލަޝިޕެކެވެ.

ވާދަވެރިކޮށް ދިޔަ ސްކޮލަޝިޕް ފަންޑު ހުޅުވާލީ ތައުލީމީ ގޮތުން މަތީ ނަތީޖާއެއް ހޯދާފައިވާ އަދި މަތީ ތައުލީމު ހާސިލްކުރުމަށްފަހު ރާއްޖޭގެ ބޭންކިން އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އެ ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވަސިޓީއިން ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރެވޭނެއެވެ.

ބީއެމްއެލް ސްކޮލަޝިޕް ފަންޑަކީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިން ފުރަތަމަ ހަރަކާތުގެ ގޮތުގައި މިދިޔަ އަހަރުގެ ނޮވެންބަރު މަހު ތައާރަފްކުރި ފަންޑެކެވެ.

comment ކޮމެންޓް