މޭ ހައެއް ބޮމުގެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތަށް ދީބާނާޒް ފަހުމީ

ކުރީގެ ޑެޕިއުޓީ ޕީޖީ އަދި ކްރިމިނަލް ކޯޓުގެ މިހާރު ގާޒީ ދީބާނާޒް: މޭ ހައެއް ބޮމުގެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތަށް އޭނާ ވަނީ އައްޔަނު ކުރައްވާފައި ---

މިދިޔަ އަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުގެ ރިޔާސަތަށް ދީބާނާޒް ފަހުމީ ހަމަޖައްސައިފިއެވެ.

އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުން ހިމެނޭ ގާޒީންގެ ބެންޗުން ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުޙައްމަދު ތަނާޒުލްވެ ވަޑައިގަތީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

އެއާއެކު ދެން އެ މައްސަލަ ކުރިއަށް ގެންދާނީ އަލުން ބެންޗު އެކުލަވާލުމަށްފަހު ކަމަށް ޝަރީއަތުން އޮތީ ނިންމައިފައެވެ.

އެ ބެންޗުގެ ރިޔާސަތަށް، ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު އަދާކުރެއްވި ދީބާނާޒް ފަހުމީ ހަމަޖެއްސުމާއެކު އަލުން މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ވަނީ ނިންމައިފައެވެ.

އެ ބެންޗުގައި ދެން ތިއްބަވަނީ ގާޒީ ސޮފްވަތު ހަބީބާއި ގާޒީ މުޙައްމަދު މިސްބާހުއެވެ.

އެ ބެންޗުގެ ރިޔާސަތުން ގާޒީ އާދަމް މުޙައްމަދު ތަނާޒުލްވީ, ދައުވާ އުފުލާފައިވާ މީހެއްގެ ދަރިއަކު މީގެ ކުރިން ގާޒީއަށް އިންޒާރު ދީފަ އޮތުމުންނެވެ.

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލަ ބެއްލެވީ ވެސް ގާޒީ އާދަމް މުޙައްމަދެވެ. އެ މައްސަލަ ބެއްލެވި ދުވަސްވަރު ގާޒީއަށް އިންޒާރު ދިން މައްސަލައެއް އޮތީ އޭރު ފެންމަތިވެފައެވެ. އަދި އިންޒާރު ދިން މީހާގެ މައްސަލަ ވެސް ބެލިއެވެ. އޭރު ގާޒީއަށް އިންޒާރު ދީފައި ވަނީ, ބޮމުގެ މައްސަލައާ ގުޅިގެން މިހާރު ދައުވާ އުފުލާފައިވާ މީހެއްގެ ދަރިއެކެވެ.

އެހެން ކަމުން ދިފާއުން ވަނީ އެކަމުގެ ޝަކުވާ އުފުލާފައެވެ. މައްސަލަ ބައްލަވާ ބެންޗުގައި ގާޒީ އާދަމް މުޙައްމަދު އިންނެވުމުން ގާޒީއަށް ޒާތީވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ވަނީ ބުނެފައެވެ.

އެއާއެކު ގާޒީ އާދަމް މުޙައްމަދު ވަނީ އެ މައްސަލައިން ތަނާޒުލްވެވަޑައިގަނެފައެވެ.

comment ކޮމެންޓް