ޕާލަމެންޓާއި ސަރުކާރު އުވާލުމަށްފަހު ތިން އަހަރު ތެރޭގައި ފަސް ވަނަ އިންތިޚާބު އިސްރާއީލުގައި ބާއްވަނީ

އިސްރާއީލުގެ ބޮޑުވަޒީރާއި ޚާރިޖީ ވަޒީރު (ކޯލިޝަން ސަރުކާރުގެ އެންމެ އިސް ދެ ވެރިން)

ޓެލްއަވީވު (21 ޖޫން 2022) : ސިޔާސީ ދެބަސްވުންތައް އިތުރުވެ ޕާލަމެންޓްގައި އަޣްލަބިއްޔަތު ގެއްލޭނެކަން ޔަގީންވުމުން އިސްރާއީލުގައި ޕާލަމެންޓް އުވާލުމަށްފަހު އަނެއްކާވެސް އާއްމު އިންތިޚާބެއް ބާއްވަން ނިންމައިފިއެވެ.

އިސްރާއީލުގައި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އިސް ދެބޭފުޅުންކަމަށްވާ އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް އާއި ޚާރިޖީ ވަޒީރު ޔައިރު ލެޕިޑް ވިދާޅުވީ ޕާލަމެންޓް އުވާލުމަށްފަހު އަލުން އާ އިންތިޚާބަކަށް ދިޔުމަށް ކޯލިޝަނުން ނިންމާފައިވާ ކަމަށާ މިކަން ޕާލަމެންޓުން ފާސްކުރުމަށް ބޭނުންވާ ގަރާރު އަންނަ ހަފްތާގައި ޕާލަމެންޓުން ފާސްކުރުމަށް ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކެއް އެއްބަސްވާ ކަމަށެވެ.

މި ގަރާރު ފާސްކުރުމާއެކު ބާއްވާ އިންތިޚާބު ވެގެންދާނީ ތިން އަހަރު ތެރޭގައި އިސްރާއީލުގައި ބާއްވާ ފަސް ވަނަ އިންތިޚާބަށެވެ. ބަރުލަމާނީ ނިޒާމަށް ވެރިކަންކުރާ އިސްރާއީލުގައި މީގެކުރިން ވަނީ ސަރުކާރެއް އެކުލަވާނުލެވި ޖެހިޖެހިގެން ހަތަރު އިންތިޚާބު ބާއްވާފައެވެ.

މިގޮތަށް އަވަސް އަވަހަށް އިންތިޚާބު ބާއްވަންޖެހުނީ އެއްވެސް އިންތިޚާބެއްގައި އެއްވެސް ޕާޓީއަކަށް އަޣްލަބިއްޔަތު ނުލިބުމާއި އަދި ޕާލަމެންޓްގެ ބޮޑު އަޣްލަބިއްޔަތެއް ލިބޭވަރަށް ކޯލިޝަނެއްވެސް އެކުލަވާ ނުލެވޭތީއެވެ.

ޕާލަމެންޓްގެ ބޮޑު އަޣްލަބިއްޔަތެއް ލިބޭ ވަރަށް ކޯލިޝަނެއް އެކުލަވާނުލެވެނީ ޕާޓީތަކުގެ މެދުގައި ސިޔާސީ ދެބަސްވުންތައް ބޮޑުވެފައި ޕާޓީތަކުގެ ލީޑަރުންގެ ސިޔާސީ ދަހިވެތިކަން ބޮޑުކަމުންނެވެ. އިސްރާއީލުގައި މިގޮތަށް ކަންތައްތައްވަމުންދާތާ މިހާރު ވަނީ ތިން އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަވެފައެވެ.

އެންމެފަހުން 2021 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބުގައިވެސް އެއްވެސް ޕާޓީއަކަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ނުލިބުމުން އޭރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަސައްކަތްކުރީ އެހެން ޕާޓީތަކާއެކު ކޯލިޝަނެއް އެކުލަވާލުމަށެވެ.

އެކަން ނަތަންޔާހޫއަށް ކުރެވޭގޮތް ނުވުމުން އޭރު އިދިކޮޅު ލީޑަރުންގެ ގޮތުގައި ތިއްބެވި މިހާރުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް އާއި މިހާރުގެ ޚާރިޖީ ވަޒީރު ޔައިރު ލެޕިޑް ގުޅިގެން އެ ދެ ބޭފުޅުންގެ ދެ ޕާޓީ އިސްވެތިބެ އެހެން ބައެއް ކުދިޕާޓީތަކާއެކު (ޖުމްލަ 8 ޕާޓީއެއް ގުޅިގެން) އުފެއްދި ކޯލިޝަނަށް ވެސް ލިބުނީ ޕާލަމެންޓްގެ ވަރަށް ހަނި އަޣްލަބިއްޔަތެކެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކޯލިޝަން ތެރޭގައި ދެބަސްވުންތައް ބޮޑުވެ ކުދި ބައެއް ޕާޓީތައް ކޯލިޝަނުން ބޭރުވެ އަނެއް ބައެއް ޕާޓީތައް ކޯލިޝަނުން ބޭރުވާނެކަމުގެ އިންޒާރު ދެމުން ގެންދާތީ ކޯލިޝަންގެ ހާލަތު މިހާރުވަނީ އަޣްލަބިއްޔަތު ގެއްލިފައިވާ ހިސާބުގައެވެ. ޕާލަމެންޓް އުވާލަން ނިންމީ އެހެންވެއެވެ.

އިސްރާއީލުގައި ޕާލަމެންޓް އުވާލުމަށްފަހު އަނެއްކާވެސް އާއްމު އިންތިޚާބެއް ބާއްވަން ނިންމިކަން އިއުލާން ކުރައްވަމުން ބޮޑުވަޒީރު ނަފްތާލީ ބެނެޓް އާއި ޚާރިޖީ ވަޒީރު ޔައިރު ލެޕިޑް ވިދާޅުވީ ސަރުކާރު އުވާލައި، އާއްމު އިންތިޚާބެއް ބާއްވަން ނިންމީ ކޯލިޝަންގައި ބައިބައިވުން އުފެދިގެން ކަމަށާ ކޯލިޝަން އާއެކު ކުރިއަށް ދިޔުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށެވެ.

އިސްރާއީލުގައި މިހާރު ވެރިކަންކުރާ ކޯލިޝަންގައި އިސްރާއީލުގެ ރައްޔިތުންގެ ގޮތުގައި އިސްރާއީލުގެ އެތެރޭގައި ދިރިއުޅޭ ފަލަސްތީނު ދަރިކޮޅުގެ މީހުން (ދޮޅު މިލިޔަނެއްހާ މީހުން) ތަމްސީލުކުރާ އަރަބި ޕާޓީވެސް ހިމެނެއެވެ. މިއީ އިސްރާއީލުގައި ވެރިކަން ކުރުމަށް ފަލަސްތީނު ދަރިކޮޅުގެ މީހުންނަށް ނިސްބަތްވާ ޕާޓީއާއެކު ކޯލިޝަނެއް ހެދި ފުރަތަމަ ފަހަރެވެ. ނަމަވެސް އަހަރަކަށްފަހު މި ކޯލިޝަން ވެސް ރޫޅިގެން ދިޔައީއެވެ.

ޕާލަމެންޓް އަންނަ ހަފްތާގައި ރަސްމީ ކޮށް އުވާލުމާއެކު އިސްރާއީލުގެ މިހާރުގެ ސަރުކާރުވެސް އުވިގެންދާނެއެވެ. އެއީ ބަރުލަމާނީ ނިޒާމުގައި ޕާލަމެންޓެއް ނެތި ސަރުކާރެއް ނޯންނާނެތީއެވެ. ސަރުކާރު އުވާލުމަށްފަހު ވަގުތީ ގޮތުން އިސްރާއީލްގެ ބޮޑުވަޒީރު ކަމާއި ހަވާލުވާނީ ކޯލިޝަންގެ އަނެއް ލީޑަރު ކަމަށްވާ މިހާރުގެ ޚާރިޖީ ވަޒީރު ޔައީރު ލެޕިޑްއެވެ. ކުރިޔަށް އޮތް އިންތިޚާބުގައި ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކޫޑް ޕާޓީވެސް ވާދަކުރާނެއެވެ.

އިސްރާއީލުން މިފަހަކަށް އައިސް އީރާނަށް ބިރުދައްކައި އީރާނަށް އިސްވެ ހަމަލާދޭން ޖެހިދާނެކަމަށް ބުނެ އިސްރާއީލުގެ ވެރިން ދެމުން ގެންދާ އިންޒާރު ތަކުގެ ފަހަތުގައިވަނީވެސް އިސްރާއީލުގެ އެތެރޭގެ ކޯޅުންތަކެވެ.

އީރާނަށް އިންޒާރު ދެނީ އީރާނަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އަސްކަރީ ގޮތުން އެހީތެރިވާ ހަމައެކަނި ގައުމު ކަމަށްވެފައި އިސްރާއީލުގެ އަސްކަރީ ބާރާ ކުރިމަތިލެވޭފަދަ އަސްކަރީ ބާރާއި އަމިއްލަ ޓެކްނޮލޮޖީ ބިނާކުރާ އިސްރާއީލާ އިދިކޮޅު އެ ސަރަހައްދުގެ އިސްލާމީ ގައުމަކީ އީރާން ކަމަށްވާތީއެވެ.

އަރަބި ގައުމުތަކަށް ބިރުދައްކައި ފަލަސްތީނަށް ވެރިވެގަނެގެން އުޅުމުގެ ބާރު އިސްރާއީލަށް އެންމެ ބޮޑަށް ލިބެނީ އެމެރިކާގެ ތާއީދުގެ އިތުރުން އިސްރާއީލަކީ މުޅި ސަރަހައްދުގައިވެސް އޮންނަ ހަމައެކަނި ނިއުކްލިޔާ ބާރު ކަމަށްވާތީއެވެ. އީރާން ދެކެ ބިރުގަންނަނީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމުގެ ސަބަބަބުންނާއި މިސައިލްއާއި އެ ނޫން ވެސް އީރާނުން ތަރައްގީ ކުރާ އަމިއްލަ ޓެކްނޮލޮޖީގެ ސަބަބުން މި ހާލަތު އިސްރާއީލަށް ގެއްލޭތީއެވެ.

އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާއި އީރާނުން އަމިއްލަ ޓެކްނޮލޮޖީގައި އުފައްދާ މިސައިލް އާއި ޑްރޯން ޕްރޮގްރާމު ފަދަ ޕްރޮގްރާމުތަކުގެ ސަބަބުން އިސްރާއީލުގައި އީރާން ސިފަކުރެވެނީ މެދުއިރުމަތީގައި އިސްރާއީލުން މޮނޮޕޮލީކޮށްގެން އުޅޭ ނިއުކްލިޔާ ހަތިޔާރާއި ހަތިޔާރުގެ ޓެކްނޮލޮޖީގެ މޮނޮޕޮލީ ކަނޑުވާލައި އިސްރާއީލާ ތިލަފަތް ހަމަކޮށް އިސްރާއީލު ސައިޒުކޮށްލުމުގެ ގާބިލްކަން ލިބިފައިވާ ހަަމައެކަނި ސަރަހައްދީ ބާރުގެ ގޮތުގައެވެ.

އަރަބި ގައުމުތަކާ ޚިލާފަށް އީރާން ޖެހިލުން ކުޑަވުމަކީވެސް އިސްރާއީލު ކަންބޮޑުވާކަމެކެވެ. އެހެންކަމުން އިސްރާއީލުގެ އެތެރޭގެ ޕޮލިޓިކްސްގައި (ރައްޔިތުންގެ ތާއީދު ހޯދުމަށް) ޔަހޫދީ ސިޔާސީ ލީޑަރުން އީރާނުގެ ކާޑު ވަރަށް ބޮޑަށް ކުޅެއެވެ. އީރާނަށް ބިރުދެއްކުމާއި އީރާނަށް ހަމަލާދޭނެ ވާހަކަ ދައްކައިގެން ރައްޔިތުންގެ ތާއީދު ހޯދަން މަސައްކަތް ކުުރުމަކީ އިސްރާއީލުގެ ޕާޓީތަކާއި ސިޔާސީ ލީޑަރުންގެ މުހިއްމު އެއްކަންތަކެވެ.

ނަމަވެސް މިއަދުގެ އީރާނަކީ އިސްރާއީލުގެ ހަމަލާއަކަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތަކަށްވެސް ހަމަލާދިނުމުގެ ގާބިލްކަން ހުރި ގައުމެއްކަމުން އީރާނަށް ސީދާގޮތެއްގައި ހަމަލާދޭކަަށް އިސްރާއީލުގެ އެެއްވެސް ވެރިއަކަށް ނުކުރެއެވެ.

comment ކޮމެންޓް