ޔޯގާ އިވެންޓް ހުއްޓުވީ ސިޔާސީ ބޭނުމެއްގައި، ކުއްލިއަކަށް ހަރާމްވި ސަބަބެއް ނުވިސްނޭ: މިނިސްޓަރު މަހުލޫފް

ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ވާހަކަ ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ޔޯގާ ދުވަސް ކުލަގަދަކޮށް އަދި ހާމަކަން ބޮޑު ގޮތެއްގައި ފާހަގަކުރި އިރު އެކަން ހުއްޓުވަން ނޫޅެ، މިހާރު އެކަމާ ދެކޮޅަށް ނުކުމެ ހަމަނުޖެހުން ހިންގީ ސިޔާސީ ބޭނުމެއްގައި ކަމަށް، ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ހެނދުނު ގަލޮޅު ރަސްމީ ދަނޑުގައި ފާހަގަކުރަމުން ދިޔަ ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހަރަކާތައް ހުރަސް އަޅައި ބަޔަކު ހަމަނުޖެހުން ހިންގުމާ ގުޅިގެން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މަހުލޫފް ވިދާޅުވީ ޔޯގާ ދުވަހަކީ 2014އިން ފެށިގެން ރާއްޖޭގައި ފާހަގަކުރަމުން އަންނަ ދުވަހެއް ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުގައިވެސް ޔޯގާ ދުވަސް ހާމަކަން ބޮޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އޭރު ހަރާމް ނުވި ކަމެއް މިހާރު ހަރާމް ވާން ނުޖެހޭ ކަމަށާއި ޔޯގާއަކީ އަޅުކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/165967

"މިއީ ވަރަށް ދެރަކޮށް ކުރި ކަމެއް. ކޮށްގެން ނުވާނެކަމެއް. ބަލައިގަނެވޭނެ ކަމެއް ވެސް ނޫން. މިއީ އަޅުކަމެއް ނޫން. މިއީ ކަސްރަތެއް. މީގެ ކުރިންވެސް މިދުވަސް ވަނީ ފާހަގަކޮށްފަ. ރައީސް ޔާމީން ސަރުކާރުގަވެސް ކުރި. އެހެންވީމަ މިހާރު މިކަން ހަރާމްވާން ޖެހޭ ސަބަބެއް ނެތް،" މިނިސްޓަރު ވިދާޅުވިއެވެ.

ޔޯގާ ދުވަސް ފާހަގަކުރަނިކޮށް ބަޔަކު ގަލޮޅުދަނޑަށް ވަދެ ހަމަނުޖެހުން ހިންގާ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް

ދީނާ ޚިލާފު ކަމެއް ކަމަށް ބުނެ ޔޯގާ ޑޭގެ ހަރަކާތް ހުއްޓުވަމަކީ ސިޔާސީ ކަމެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ. އޭގެ އިތުރުން، ހަމަނުޖެހުންތަކުގައި ޕީޕީއެމްގެ އިސް ސަފުގައި އުޅޭ މީހުން ތިބި ކަމަށާއި ޖަމިއްޔަތުއް ސަލަފަކީ ވެސް މިހާރު ރަނގަޅު ނިޔަތެއްގައި އުޅޭ ބައެއް ނޫންކަން މިއަދު އެމީހުން ޔަގީން ކޮށްދީފި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ހިނގާދިޔަ ހަމަނުޖެހެމަކީ ބޭރު ގައުމުގެ އިސްވެރިންގެ ކުރިމަތީގައި ހިނގި ލަދުވެތި ކަމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

"އިންޓަނޭޝަނަލީ ބޮޑު ކޮންސިކުއެންސްތަކާ ކުރިމަތިވެދާނެ ފަދަ ކަމެއް މީ. ގިނަ މީހުންނަށް އަނިޔާވެ، ފެންފުޅިން މީހުން ގައިގަ ޖެހިއިރު ބޭރު ޑިޕްލޮމެޓިކުން ގައިގަވެސް އެގޮތަށް ޖެހިފަ އެބަހުރި. މިއީ ވަރަށް ދެރަކޮށް ކުރި ލަދުވެތި ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ހެނދުނު 6:30ގައި ޔޯގާ ދުވަހުގެ ހަރަކާތްތައް ގަލޮޅު ދަނޑުގައި ފެށިއިރު ބަޔަކު އެތަނަށް ވަދެ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރީ އޭރު ދަނޑުގައި ތިބި މީހުން ޔޯގާ ހަދަން ތިއްބައެވެ. އެ މީހުން ވަދެގަނެ މީހުންނަށް ހަމަލާ ދިނުމުގެ އިތުރުން ތަކެއްޗަށް ވެސް ގެއްލުން ދިނެވެ.

އޭރު އެތާ ތިބި ހައެއްކަ ފުލުހުން ވެގެން ޕެޕާސްޕްރޭ ބޭނުންކޮށްގެން ހަމަނުޖެހުން ހުއްޓުވާފައިވާއިރު އެކަމާ ގުޅިގެން ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް