ބޮޑެތި ޑިސްކައުންޓުތަކާއެކު، ހިޓާޗީގެ އުފެއްދުންތަކަށް ޚާއްސަ ޕްރޮމޯޝަނެއް

އެސްޓީއޯގެ "ހަމަ ހިޓާޗީ" ޕްރޮމޯޝަން އެމްޑީ ހުސައިން އަމްރު އިފްތިތާހުކޮށްދެއްވަނީ --- ސަންފޮޓޯ/ ނާއިލް ހުސައިން

އެސްޓީއޯއިން ވިއްކަމުން އަންނަ ހިޓާޗީގެ އުފެއްދުންތަކަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އެ ޕްރޮމޯޝަން އިއްޔެ ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު މުޙައްމަދު ރަޝާދެވެ.

އެސްޓީއޯގެ ސޭލްސް އެސޯސިއޭޓް އައިޝަތު ނަޒާހަތު ވިދާޅުވީ "ހަމަ ހިޓާޗީ"ގެ ނަމުގައި ކުރިއަށްދާ އެ ޕްރޮމޯޝަނުގެ ދަށުން ހިޓާޗީގެ ހުރިހާ އުފެއްދުމަކުން ވެސް 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެކަމަށެވެ.

"އަޅުގަނޑުމެންގެ ރީޖަނަލް ހުރިހާ ފިހާރައެއްގައި ވެސް މި ޕްރޮމޯޝަން ހަމަ މިއަދުން ފެށިގެން އޮގަސްޓު ތިރީހާ ހަމައަށް ކުރިއަށް ދާނެ،" އޭނާ ވިދާޅުވިއެވެ.

އެސްޓީއޯގެ "ހަމަ ހިޓާޗީ" ޕްރޮމޯޝަނާ ބެހޭގޮތުން ސޭލްސް އެސޯސިއޭޓް އައިޝަތު ނަޒާހަތު މައުލޫމާތު ދެއްވަނީ --- ސަންފޮޓޯ/ ނާއިލް ހުސައިން

އެ ޕްރޮމޯޝަނުގެ ދަށުން، ކުރާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބެއެވެ. އަދި ކޮންމެ ހަފްތާއަކު ހޮވޭ ނަސީބުވެރިޔަކަށް އަގު ހުރި އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މުޅި ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަކަށް އެސްޓީއޯ ޕީޕަލް ޗޮއިސްއިން ވިޔަފާރި ކުރުމަށް 50،000 ރުފިޔާގެ ގިފްޓް ވައުޗާއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަނާއެކު ސޯޝަލް މީޑިއާ މުބާރާތެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ހިޓާޗީ ބްރޭންޑުގެ ޕްރޮޑަކްޓެއް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްގެން ކޮންމެ ހަފްތާއަކު ވެސް އަގު ހުރި އިނާމެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އެސްޓީއޯއިން ވިއްކާ ހިޓާޗީގެ އުފެއްދުންތަކުގެ ތެރޭގައި އައިސްއަލަމާރި، ދޮންނަމެޝިން، އެއާ ޕިޔުރިފަޔާ، ޓީވީ، ޕަމްޕު، ވެކްޔުމްކުލީނާ، ރައިސްކުކަރު، އަވަން، އަދި އެއާކޯން ހިމެނެއެވެ. އެ ބްރޭންޑުގެ އުފެއްދުންތައް އެ ކުންފުނިން ރާއްޖެއަށް އެތެރެކުރާތާ 25އަށް ވުރެ ގިނަ އަހަރު މިހާރު ވަނީ ވެފައެވެ.

comment ކޮމެންޓް