ވިނަރެސް އަކީ މި ސަރުކާރުގެ މަޝްރޫއެއް ކަމަށް ދައުވާ ކުރެވިދާނެ: އަސްލަމް

ވިނަރެސްގެ ދެ ޓަވަރާ އެޗްޑީސީން ރަސްމީކޮށް ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވާހަކަދައްކަވަނީ --- ސަންފޮޓޯ/ ނާއިލް ހުސައިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ މަޝްރޫއަކީ މި ސަރުކާރުގެ މަޝްރޫއެއް ކަމަށް ދައުވާ ކުރެވިދާނެކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ވިނަރެސްގެ ދެ ޓަވަރަކާ އެޗްޑީސީން ހަވާލުވުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވީ އިރު އެ މަޝްރޫއުގެ ދަށުން ކުރާ އިމާރާތްތަކުގެ ބިންގާ ވެސް ހުރީ ނުނިމި ކަމަށެވެ.

"އަޅުގަނޑުމެން ހަވާލުވި އިރު މި ޕްރޮޖެކްޓްގެ މަސައްކަތް ހަމަ ކިރިޔާ ފެށުނީ. ގިނަ ފްލެޓްތަކުގެ ފައުންޑޭޝަން ވެސް ނުނިމި ހުރީ" އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މަޝްރޫއުގެ ފެށުމަކީ 2009ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގައި ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި އޭރު ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ވެސް އޭނާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ވިނަރެސްގެ ދެ ޓަވަރާ އެޗްޑީސީން ރަސްމީކޮށް ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ/ ނާއިލް ހުސައިން

"އަޅުގަނޑަށް ހައްގު ހަމަ ދައުވާ ކުރަން މިއީ ވެސް ހަމަ މި ސަރުކާރުގެ ދައުރުގެ ތެރޭގައި ކުރެވުނު މަސައްކަތުން ހޯދުނު ކާމިޔާބީއެއްގެ ގޮތުގައި" އަސްލަމް ވިދާޅުވިއެވެ.

ވިނަރެސް ފްލެޓްތަކުގެ މަސައްކަތް ކުރި ސީއެމްއީސީން ރާއްޖޭގައި ހިންގި ފުރަތަމަ މަޝްރޫއަކީ ހުޅުމާލޭގައި އިމާރާތްކުރި 1000 ހައުސިން ޔުނިޓުގެ މަޝްރޫއެވެ. އެއީ 2010ވަނަ އަހަރު ސޮއި ކުރި އެއްބަސްވުމެއްގެ ދަށުން ހިންގި މަޝްރޫއެކެވެ.

އެ ކުންފުނީގެ ދެވަނަ މަޝްރޫއުގެ ދަށުން 796 ހައުސިން ޔުނިޓު މާލޭ ސަރަހައްދުގައި ބިނާ ކުރި އިރު، 704 ފްލެޓް ވަނީ ދެކުނުގެ ހަތަރު އަތޮޅެއްގައި ބިނާ ކޮށްފައެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރީ 2011 ވަނަ އަހަރުއެވެ.

ވިނަރެސް އަކީ އެ ކުންފުނީގެ ތިން ވަނަ މަޝްރޫއެވެ. އެ މަޝްރޫއަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި، 2015 ވަނަ އަހަރު ސޮއި ކުރި މަޝްރޫއެކެވެ. އެ ސަރުކާރުގެ ހިޔާ މަޝްރޫއުގެ ދަށުން ފެށި އެ މަޝްރޫއުގެ ނަން މި ސަރުކާރުން ވަނީ ވިނަރެސް އަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް