ވިނަރެސް މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ދެ ޓަވަރަކާ އެޗްޑީސީން ރަސްމީކޮށް ހަވާލުވެއްޖެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން އެ ފްލެޓްތަކާ ހަވާލުވިކަމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދެވެ. އަދި އެ މަސައްކަތް ކުރި ޗައިނާ މެޝިނަރީ އެންޑް އިންޖިނޭރިން ކޮންޕެނީ (ސީއެމްއީސީ)ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗީފް ރެޕްރެޒެންޓޭޓިވް ލިއޫ ޖިއޮޑާއެވެ.
އެ ރަސްމިއްޔާތުގައި ނައިބު ރައީސް، ފައިސަލް ނަސީމްގެ އިތުރުން، ކެބިނެޓުގެ ބައެއް ވަޒީރުންނާއި، މަޖިލީހުގެ ބައެއް މެންބަރުން އަދި ޗައިނާ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ވިނަރެސްގެ ދެ ޓަވަރާ އެޗްޑީސީން ރަސްމީކޮށް ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަންފޮޓޯ/ ނާއިލް ހުސައިން
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް ވިދާޅުވީ ހުޅުމާލޭގެ ތަރައްގީއަށް ސީއެމްއީސީ ފަދަ ކުންފުނިތަކުގެ ހިއްސާ މުހިއްމު ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ރަށުގެ ތަރައްގީ ކުރިއަށް މި ގެންދެވެނީ އެ [ސީއެމްއީސީ] ކަހަލަ ޑިވެލޮޕަރުންނާއި، އެ ފަރާތްތަކުގެ ސަރުކާރާއެކު އޮންނަ ގުޅުމުގެ ތެރެއިން" ސުހައިލް ވިދާޅުވިއެވެ.
ސީއެމްއީސީގެ ޗެއާމަން ވާންގް ބޯ ވިދާޅުވީ އެ ކުންފުނިން 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އެކިއެކި މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށާއި އަދި، މިވީ މުއްދަތުގެ ތެރޭގައި އެ ކުންފުންޏާ ރާއްޖެއާ ދެމެދު ޚާއްސަ ގުޅުމެއް ގާއިމުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތްތެރީންގެ ދެވަނަ ގެއަކަށް މިހާރު ރާއްޖެ ވެއްޖެ" ބޯ ވިދާޅުވިއެވެ.
ވިނަރެސްގެ ދެ ޓަވަރާ އެޗްޑީސީން ރަސްމީކޮށް ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ އެމްޑީ ސުހައިލް އަހްމަދު ވާހަކަދައްކަވަނީ --- ސަންފޮޓޯ/ ނާއިލް ހުސައިން
ވިނަރެސް މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ 10 ޓަވަރުގައި ތިން ކޮޓަރީގެ 1344 އެޕާޓްމަންޓް ހިމެނެއެވެ. އޭގެތެރެއިން ދެ ޓަވަރަކާ މިއަދު އެޗްޑީސީން ރަސްމީކޮށް ހަވާލުވިއިރު، ނަމޫނާ އެޕާޓްމަންޓްތައް ބަލައިލުމުގެ ފުރުސަތު އެޗްޑީސީން މިހާރު ވަނީ ހުޅުވާލާފައެވެ. އެންމެ ފުރަތަމަ އޯގަސްޓު މަހާ ހަމައަށް ފުރުސަތު ހުޅުވާލި ނަމަވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުމުގެ ސަބަބުން އެޗްޑީސީން ވަނީ އެކަމަށް އެދުމުގެ މުއްދަތު އިތުރުކޮށްދީފައެވެ.