ބާވެ ހަލާކުވެފައި ހުންނަ ގައުމީ ދިދަ ބޭނުން ނުކުރަން އަންގައިފި

ރާއްޖޭގެ ގައުމީ ޓީމު ކުޅުނު މެޗެއްގައި ސަޕޯޓަރުން ގައުމީ ދިދަތައް ހިފައިގެން: ގައުމީ ދިދަ ބޭނުން ކުރާނެ އުސޫލެއް ސަރުކާރުން ވަނީ އެކުލަވާލާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ޤައުމީ ދިދައިގެ ޙުރުމަތަށް އުނިކަމެއް އަންނަ ފަދަ މިންވަރަކަށް ބާވެ ނުވަތަ ހަލާކުވެފައިވާ ދިދައެއް، އެއްވެސް ކަމެއްގައި ބޭނުން ނުކުރަން ސަރުކާރުގެ މުއައްސަސާތަކަށް މިއަދު އަންގައިފިއެވެ.

އެގޮތަށް ސަރުކާރުން ނިންމާފައިވަނީ ޤައުމީ ދިދަ ބޭނުންކުރުމުގައި މުއައްސަސާތަކުން ޢަމަލުކުރުމަށް އެކުލަވާލި އުސޫލުގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ކަނޑައެޅުއްވި އެ އުސޫލުގައި ވަނީ ބާވެ ހަލާކުވެފައިވާ ގައުމީ ދިދަ އެއްވެސް ކަމެއްގައި ބޭނުންކޮށްގެން ނުވާނެ ކަމަށެވެ. އަދި މުއައްސަސާތަކުން އެފަދަ ދިދަތައް ނައްތާލަން ވާނީ، ދިދައިގެ ޙުރުމަތް ނުކެނޑޭ ގޮތަށް ކަމަށް ވެސް ވަނީ ބުނެފައެވެ.

https://sun.mv/87039

އޮފީހާއި ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެ އިތުރުން ނައިބް ރައީސްގެ ގެކޮޅާއި ދިފާއީ ބާރުގެ މައި މަރުކަޒާއި ފުލުހުންގެ މައި މަރުކަޒު އަދި 24 ގަޑިއިރު ހިދުމަތްދޭ ސަރުކާރުގެ މުއައްސަސާތަކުގައި އަބަދު ވެސް ގައުމީ ދިދަ ނަގާފައި ބަހައްޓަން ޖެހެއެވެ. އެ ފަސް ތަން ނޫން ސަރުކާރުގެ އެހެން ކޮންމެ މުއައްސަސާއެއްގައި ހެނދުނު 6:00 އިން ހަވީރު 6:00 އަށް ޤައުމީ ދިދަ ނަގައިފައި ހުންނަން ލާޒިމް ވާނެއެވެ.

ޤައުމީ ދިދައާއި އެހެން ދިދައެއް އެކުގައި ހުންނަގޮތަށް ދެ ދިދައެއް ނަގާނަމަ، ނުވަތަ ބަހައްޓާނަމަ، ދިވެހި ދިދަ ހުންނަން ވާނީ، އެ ދިދައެއްގެ ކަނާތްފަރާތުގައެވެ. ދިދައިގެ ކަނާތްފަރާތް ކަމުގައި ބަލާނީ، އެ ދިދަ ކުރިމަތިކޮށްފައިވާ ފަރާތަށް ކުރިމަތިލައިގެން ހުންނަ މީހާގެ ކަނާތްފަރާތެވެ. ބޭރު ޤައުމުތަކުގެ ވެރިން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުތަކާ ގުޅިގެން އެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަންކަމުގައި ދިދަ ބޭނުންކުރުން މީގެ ތެރެއިން އިސްތިސްނާވާނެ ކަމަށް އެ އުސޫލުގައި ވަނީ ބުނެފައެވެ.

އެހެން ދިދައަކާ ކައްތިރިކޮށް ދިވެހި ޤައުމީ ދިދަ ނެގުމަށް ހުރުހެއް ނެތް ނަމަވެސް އެގޮތަށް ނެގޭނީ، އެ ޤައުމަކީ މިނިވަން ޤައުމެއް ކަމަށްވާނަމައެވެ.

ޤައުމީ ދިދަ އެހެން ދިދައަކާ ނުވަތަ ދިދަތަކަކާ އެއްވަރެއްގައި ނުވަތަ އެއް ފަށެއްގައި ނަގާނަމަ، ޤައުމީ ދިދަ ހިމެނޭ ދިދަފަތި ހުންނަންވާނީ، އެންމެ މަތީގައެވެ. އަދި އެފަދަ ވަލަކަށް ނުވަތަ ފަށަކަށް ދިވެހި ޤައުމީ ދިދަ ނަގާނަމަ، އެންމެ ކުރިން ނަގަންވާނީ، ދިވެހި ޤައުމީ ދިދައެވެ. ނުވަތަ ދިވެހި ޤައުމީ ދިދަ ހިމެނިގެންވާ ދިދަ ފަތި ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.

މީގެ ކުރިން 2017 ވަނަ އަހަރު ވެސް ވަނީ ގައުމީ ދިދަ ބޭނުން ކުރުމުގައި އަމަލު ކުރާނެ އުސޫލެއް އާންމުކޮށްފައެވެ. ނަމަވެސް އެ އުސޫލަކީ އޭރުގެ އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށްގެން ހޯމް މިނިސްޓްރީން އެކުލަވާލި އުސޫލެއް ކަމަށް ބުނެ ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

comment ކޮމެންޓް