ޔޯގާއަކީ ކަސްރަތުގެ ނަމުގައި ދީނާއި ރާއްޖޭގެ ގާނޫނާ ޚިލާފަށް ކުރާ ނުރައްކާތެރި ކަމެއް: އިލްމުވެރިންގެ ގުޅުން

އިލްމުވެރިންގެ ގުޅުން. އެ ޖަމިއްޔާއިން ވަނީ ޔޯގާއަކީ ކަސްރަތުގެ ނަމުގައި ދީނާއި ރާއްޖޭގެ ގާނޫނާ ޚިލާފަށް ކުރާ ނުރައްކާތެރި ކަމެއް ކަމަށް ބުނެފަ -- ފޮޓޯ/ އިލްމުވެރިންގެ ގުޅުން

ޔޯގާއަކީ ކަސްރަތުގެ ނަމުގައި އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ހިންގޭ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ.

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންތަކެއް ހިމެނޭހެން ހިންގާ އެ ޖަމިއްޔާއިން މިއަދު އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ވަނީ ޔޯގާގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަ ކުރަމުން އަންނަ ހިންދޫންގެ އަޅުކަމުގެ ޙަރަކާތްތައް ރާއްޖޭގައި ފެތުރެމުން ދިއުމަކީ ދީނީ ޢިލްމުވެރިންގެ ޙައިސިއްޔަތުން ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް ކަމަށެވެ.

"ޔޯގާއަކީ ކަސްރަތުގެ ނަމުގައި އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ހިންގޭ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައި ދެކެން. މިކަމާ ކަންބޮޑުވަން،" އެ ސިޓީގައިވެއެވެ.

ޔޯގާގައި ކޮންމެވެސް މިންވަރެއްގެ ޞިއްޙީ ފައިދާތަކެއް ހުރެދާނެ ކަމަށް ބެލެވުނަސް އެފަދަ ނުވަތަ އެއަށްވުރެ ބޮޑެތި ފައިދާތައް އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ނަމާދާއި އެނޫން ކަސްރަތުތަކާއި ޙަރާކާތްތަކުން ލިބޭނެ ގޮތްތައް ހުންނަ ކަމަށް އެ ސިޓީގައިވެއެވެ.

އެހެން ބައެއްގެ ހާއްސަ ދީނީ އަޅުކަމެއްގެ ގޮތުގައި ހިމެނިފައިވާ ޢަމަލުތަކެއްގައި ބައިވެރިވެ ހެދުމަކީ ދީނީ ގޮތުން ހުއްދަވާނެ ކަމެއް ނޫންކަން ދައުލަތުގެ ރަސްމީ ފެންވަރުގައި ޢާއްމުކޮށް އިޢުލާނުކޮށް ދިނުމަށް ވެސް އިލްމުވެރިންގެ ގުޅުމުން އެދުނެވެ.

އެ ސިޓީގައި ވަނީ، "ޔޯގާގެ އަޅުކަން" ރާއްޖޭގައި އާންމު ކުރަމުން ދާއިރު އެކަމާ މެދުގައިވާ ދީނީ ހުކުމްތައް އާންމު ރައްޔިތުންނަށް ބަޔާންކޮށްދީ، އޭގެ ނުރައްކާތެރިކަމާ މެދުގައި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް އިސްވެ ހިންގުމަކީ އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ކުރަން ޖެހޭ ކަމެއް ކަމަަށެވެ.

އެހެންކަމުން ކަމާ ބެހޭ ފަރާތްތައް މެދުވެރިކޮށްގެން ޔޯގާގެ ހަރަކާތްތައް ހުއްޓުވުމަށް މަސައްކަތް ކޮށްދެއްވުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.

މީގެ އިތުރުން މާދަމާ ރާއްޖޭގައި ފާހަގަ ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ޔޯގާ ދުވަހުގެ ޙަރަކާތްތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ޢަމަލީ ފިޔަވަޅުތައް އެޅުމަށްވެސް އިލްމުވެރިންގެ ގުޅުމުން މިނިސްޓްރީއަށް ފޮނުވި ސިޓީގައިވެއެވެ.

comment ކޮމެންޓް