ގާނޫނީ ވަކީލުންގެ ބާ އިމްތިހާން ފަސްކޮށްދެވެން ނެތް ކަމަށް ނިންމައިފި

ބާ ކައުންސިލްގެ ފޯރަމެއްގައި އެ ކައުންސިލްގެ އެކްސްކޯގެ ބައެއް މެންބަރުން: ބާ އިމްތިހާން ފަސްކޮށްދެވެން ނެތް ކަމަށް އެކްސޯ އިން ރޭ ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިމަހުގެ 25 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ، ގާނޫނީ ވަކީލު ކަމުގެ ދާއިމީ ހުއްދަ ހޯދުމަށް ފުރިހަމަކުރަންޖެހޭ ބާ އިމްތިހާން ލަސްކޮށްދެވެން ނެތް ކަމަށް ބާ ކައުންސިލުން ބުނެފިއެވެ.

ވަކީލު ކަމުގެ ހުއްދަ ހޯދުމަށް، ބާ އިމްތިހާނު ފުރިހަމަކުރަން ޖެހޭ ގޮތަށް ހަމަޖެއްސީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ގާނޫނީ ފަންނުގެ ބިލަށް ގެނައި އިސްލާހުގައިވާ ގޮތުން އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ތާރީހުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރުމުގެ އިންތިޒާމު ބާ ކައުންސިލުން ހަމަޖައްސަން ވާނެއެވެ.

ދެހާސް ނަވާރަ އިން ފެށިގެން މި އަހަރާ ދޭތެރޭ ލޯ ޑިގްރީ ނިންމި ދަސްވެނިން ޑިގްރީ ނިންމާފައިވަނީ ބާ އިމްތިހާނުގެ ސިލަބަސް ވުޖޫދުގައި ނެތީސް އެހެން ސިލިބަހެއްގެ މައްޗަށެވެ. އެހެންކަމުން އާ ސިލަބަހެއްގެ މައްޗަށް ބާ އިމްތިހާންގައި ބައިވެރިވާން ޖެހުމަކީ ގާނޫނު އަސާސީއާ ޚިލާފުކަމެއް ކަމަށް ބުނެ އެ އިމްތިހާން ފަސްކޮށްދިނުމަށް ގިނަ ވަކީލުންތަކެއް އަންނަނީ ގޮވާލަމުންނެވެ.

އެ ގޮވާލުންތަކަށް ގޮތެއް ނިންމުމަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ ބައްދަލުވުމެއް ރޭ ވަނީ ބާއްވާފައެވެ.

ބާ އިމްތިހާނާ ގުޅޭ ގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކާއި އެ އިމްތިހާނާ ގުޅޭ ނުރަނގަޅު މައުލޫމާތުތައް ދައުރުވަމުންދާތީ އެކަމުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް އެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ބާ ކައުންސިލުން ބުނީ ބާ އިމްތިހާން ޑިވެލޮޕްކުރުމަށް ފާއިތުވި ތިން އަހަރު އެތައް މަސައްކަތެއް ކޮށްފައިވާ ކަމަށާއި އިދާރީ ގޮތުން އެތަކެއް ތައްޔާރީތަކެއްވެ، ހަރަދުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ އިމްތިހާނަކީ ކުއްލިއަކަށް އައި އިމްތިހާނެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ނަމަވެސް އެއީ 2020 ވަނަ އަހަރުން ފެށިގެން ބޭއްވުމަށް މަސައްކަތް ކުރަމުންދާ އިމްތިހާނެއް ކަމަށް ބާ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެކިފަހަރުމަތިން އިމްތިހާނާ ބެހޭ މައުލޫމާތު ފޯރުކޮށްދެމުން ގެންގޮސްފައިވާ ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

އެގޮތުން އިމްތިހާނުކުރެވޭ ދާއިރާތައް 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ގެޒެޓްކޮށް، އެކިފަހަރު މަތިން އިމްތިހާން ލަސްކޮށްފައިވާ ކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ބާ އިމްތިހާނުގެ ތަފްސީލީ ސިލަބަސް ބާ ކައުންސިލުން ވަނީ ގާނޫނީ ފަންނަށް ވަނުމަށް ޝައުގުވެރިވާ މީހުންނަށް ފޯރުކޮށްދީފައި ކަމަށް އެ ކައުންސިލުން ބުންޏެވެ. އެގޮތުން އޮންލައިންކޮށް ކުރިއަށް ގެންދިޔަ ފޯރަމެއްގައި 600އަށްވުރެ ގިނަ ބައިވެރިން ތިބި ކަމަށް ވެސް ބާ ކައުންސިލުން ވަނީ ބުނެފައެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އެ ސިލަބަސް ގެޒެޓްކޮށް އެ ކައުންސިލްގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފައެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދުގައި, އިމްތިހާނު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހުގެ 90 ދުވަސް ކުރިން ބާ އިމްތިހާނު ބާއްވާނެ ތާރީހު އިއުލާނު ކުރަން ޖެހޭ ކަމަށް ކަނޑައަޅާފައިވެއެވެ. އަދި އެ މައުލޫމާތު މިދިޔަ މާޗު މަހުގެ 24 ވަނަ ދުވަހު ބާ ކައުންސިލުން ވަނީ އިއުލާނުކޮށްފައެވެ.

"އެހެންކަމުން 25 ޖޫން 2022ގައި ބޭއްވުމަށް އިންތިޒާމުކުރާ ބާ އިމްތިހާނުގެ ތާވަލަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް މެދުވެރިވެފައި ނެތް ކަމަށް ވަނީ ކަނޑައަޅާފަ," ބާ ކައުންސިލްގެ އެކްސްކޯގެ ނިންމުން ހާމަ ކުރަމުން އެ ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް