ފަރަންސޭސި ޕާލަމެންޓްރީ އިންތިޚާބުގައި ރައީސް މެކްރޯންގެ ކޯލިޝަނަށް ބޮޑު ނާކާމިޔާބެއް

ރައީސް އެންމެނުއެލް މެކްރޯން

ޕެރިސް (20 ޖޫން 2022) : ފަރަންސޭސިވިލާތުގައި ބޭއްވި ޕާލަމެންޓްރީ އިންތިޚާބުގައި އެގައުމުގެ ރައީސް އިމަނުއެލް މެކްރޯންގެ ކޯލިޝަނަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިވެ ޕާލަމެންޓްގެ އަޣުލަބިއްޔަތު ގެއްލިއްޖެއެވެ.

އިންތިޚާބުގެ ވަގުތީ ނަތިޖާ ދައްކާގޮތުން އެއްވެސް ކޯލިޝަނަކަށް އަދި ޕާޓީއަކަށް ވެސް ޕާލަމެންޓްގެ އަޣްލަބިއްޔަތެއް ނުލިބެއެވެ. މި އިންތިޚާބުގައި މެކްރޯންގެ ކޯލިޝަނަށް ނިސްބަތުން އެންމެ ގިނަ ގޮނޑި ލިބުނުނަމަވެސް ޕާލަމެންޓްގެ އަޣުލަބިއްޔަތު ލިބިފައިނުވާތީ ވެރިކަން ކުރުމަށް ބޭނުންވާ ޕާލަމެންޓްގެ އެއްބާރުލުން ހޯދުމުގައި މެކްރޯންއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެވަޑައިގަންނަވާނެއެވެ.

ޚާއްސަކޮށް މެކްރޯން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ބޭނުންވާ ގާނޫނުތަކާއި ގަރާރުތައް ޕާލަމެންޓްގެ ތެރެއިން ފާސްކުރުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެއެވެ. އަޣްލަބިއްޔަތު ގެއްލުމަކީ މެކްރޯންގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނުތައް ފާސްނުކުރެވުން ގާތް ކަމެކެވެ.

ކުރިން ވަރަށް މަދު އަދަދެއްގެ ގޮނޑި ލިބޭ ފަރަންސޭސިވިލާތުގެ ކަނާތިފިޔައިގެ ހަރުކަށި ފިކުރުގެ ޕާޓީއަށް (މޭރީ ލޮޕެންގެ ޕާޓީއަށް) މިފަހަރުގެ އިންތިޚާބުގައިވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ލޮޕެންގެ ހައްދު ފަހަނަޅާފައިވާ ހަރުކަށި ޕާޓީކަމަށްވާ "ނެޝަނަލް ރެލީ" ވަނީ ޕާލަމެންޓްގެ 89 ގޮނޑި ކާމިޔާބުކޮށްފައެވެ. ކުރިން އެ ޕާޓީއަށް ކާމިޔާބު ކުރެވެނީ ޕާލަމެންޓްގައި ހިމެނޭ 577 ގޮނޑީގެ ތެރެއިން 10 ގޮނޑިއާއި 35 ގޮނޑި އާ ދެމެދުގެ އަދަދެކެވެ.

ފަރަންސޭސި ހައްދުފަހަނަޅާފައިވާ ލީޑަރު މޭރީ ލެޕޭން

މިފަހަރުގެ އިންތިޚާބުގައި މިގޮތަށް ދިމާވީ ޔުކްރެއިންގެ ހަނގުރާމައާ ގުޅިގެން ފަރަންސޭސިވިލާތް ހިމެނޭގޮތަށް ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުން ރަޝިއާ އާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނޭދެވޭއަސަރު ޚުދު ޔޫރަޕްގެ ގައުމުތަކަށް ކުރުމުގެ ސަބަބުން މުޅި ޔޫރަޕްގައި ތެލާއި ގޭހާ އަދި ދިރިއުޅުމަށް ބޭނުންވާ ހުރިހާ އެއްޗެއްގެވެސް އަގުތައް ބޮޑުވެ އާންމުންގެ ޖީބުތަކަށް ބާރުބޮޑުވުމުގެ ސަބަބުންކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ މާލީ ވުޒާރާއިން ވެސް ވަނީ އެމެރިކާގައި ވެސް ތަކެތީގެ އަގު ބޮޑުވެފައި ވަނީ ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކަމަށް އެއްބަސްވެފައެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް ފަރަންސޭސިވިލާތުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ވެސް އެންމެ ބޮޑަށް އެކްސްޕޯޓްކުރާ އެއް ގައުމަކީ ރަޝިއާއެވެ. ނަމަވެސް ރަޝިއާ ވަނީ ޔުކްރެއިން ހަނގުރާމައާ ގުޅިގެން ޔޫރަޕުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ބަދަލުހިފުމުގެ ގޮތުން ފަރަންސޭސިވިލާތާއި ޔޫރަޕްގެ އެހެން ގައުމުތަކުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް އެއްކޮށް ބޮއިކަޓްކޮށް އެ ނޫން ގައުމުތަކުން ދަނޑުވެރިކަމުގެ އުފެއްދުންތައް އިންޕޯޓްކުރަން ފަށާފައެވެ.

މިކަމުގެ ސަބަބުން ޔޫރަޕްގެ ދަނޑުވެރިކަމުގެ ބާވަތްތަކަށް ބާޒާރު ހޯދަން ދަތިވެ ދަނޑުވެރިކަމުގެ އުފެއްދުންތައް ދަނީ ހަލާކުވަމުންނެވެ. ނަތީޖާއަކީ ދަނޑުވެރިންނަށް ލިބޭ އާމްދަނީ ދަށްވެ ދަނޑުވެރިކަމާ ގުޅިފައިވާ ޔޫރަޕްގެ އެހެން ސެކްޓާތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދިޔުމެވެ.

ފަރަންސޭސި ޕާލަމެންޓްރީ އިންތިޚާބުގައި ރައީސް އިމަނުއެލް މެކްރޯންގެ ކޯލިޝަނަށް ޕާލަމެންޓްގެ އަޣުލަބިއްޔަތު ގެއްލުމާ ގުޅިގެން މެކްރޯންގެ ސަރުކާރުގެ މާލީ ވަޒީރު ބްރޫނޯ ލެމެރީ ވިދާޅުވީ މިއީ ކޯލިޝަނަށް ކުރިމަތިވި "ސިޔާސީ ޝޮކެއް" ކަމަށެވެ.

މި ނަތީޖާއާ ގުޅިގެން ޕާލަމެންޓްގެ އަޣްލަބިއްޔަތު އަލުން ހޯދުމަށްޓަކައި މެދުމިނުގެ ފިކުރުގެ އެހެން ޕާޓީތައް ކޯލިޝަންގެ ތެރެއަށް ވެއްދުމާބެހޭގޮތުން އެ ޕާޓީތަކާ މަޝްވަރާ ކުރަންޖެހޭ ކަމަށް ބްރޫނޯ ވިދާޅުވިއެވެ.

ފަރަންސޭސި ޕާލަމެންޓްގައި ހިމެނޭ 577 ގޮނޑީގެ ތެރެއިން 289 ގޮނޑި ލިބިގެން ނޫނީ ޕާލަމެންޓްގެ ސިންޕަލް މެޖޯރިޓީވެސް ނުލިބެއެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން މިފަހަރުގެ އިންތިޚާބުގައި ރައީސް އިމަނުއެލް މެކްރޯންގެ ކޯލިޝަނަށް ލިބޭނީ 245 ގޮނޑިއެވެ. އެހެންކަމުން އަޣްލަބިއްޔަތު ހޯދުމަށްޓަކައި ޕާލަމެންޓްގައި ހިމެނޭ މެދުމިނުގެ ފިކުރުގެ އެހެން ޕާޓީތައް ކޯލިޝަންގެ ތެރެއަށް ވެއްދުން ނޫން އެހެންގޮތެއް ކޯލިޝަނަކަށް ނޯންނާނެއެވެ.

އެހެން ޕާޓީތައް ވައްދާނަމަ އެ ޕާޓީތަކުގެ ސިޔާސީ އެޖެންޑާތައް ވެސް ތަންފީޒުކުރަން ޖެހޭނެއެވެ. އަދި އެ ޕާޓީތަކުގެ ސިޔާސީ ފަރާތްތަކަށް ސަރުކާރުގެ މަގާމުތަކެއް ވެސް ދޭންޖެހެނެއެވެ. ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތައް މިކަމާ ދެކޮޅު ހަދާނަމަ ކޯލިޝަން ރޫޅުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

ފަރަންސޭސިވިލާތުގައި އޮންނަ ސިޔާސީ ނިޒާމަކީ ފުރިހަމަ ރިޔާސީ ނިޒާމެއް ވެސް ނޫނެވެ. އަދި ފުރިހަމަ ބަރުލަމާނީ ނިޒާމެއް ވެސް ނޫނެވެ. އެ ދެ ނިޒާމު މަސްހުނިވާގޮތަށް އޮންނަ ނިޒާމެކެވެ. މި ނިޒާމުގައި ވެރިކަން ހިންގުމުގައި ރައީސަށް ލިބިދޭ ބާރާ އެއްވަރުގެ ބާރުތަކެއް ޕާލަމެންޓަށް ވެސް ލިބިދީފައި ވެއެވެ. އެހެންކަމުން ޕާލަމެންޓްގެ އަޣްލަބިއްޔަތު ނުލިބި ފަރަންސޭސިވިލާތުގައި ވެރިކަންކުރުން ވާނީ ވަރަށް ދަތި ކަމަކަށެވެ.

comment ކޮމެންޓް