އެޑްމިޓް ކުރާ މީހުން ޕޮޒިޓިވްވާ މިންވަރު އިތުރުވެއްޖެ، ނުރައްކާ ސިގުނަލެއް

ރޯގާ ޖެހިފައިވާ ބަޔަކު އައިޖީއެމްއެޗުން ފަރުވާ ހޯދަނީ: ހޮސްޕިޓަލްގައި އެޑްމިޓް ކުރާ މީހުން ކޮވިޑަށް ޕޮޒިޓިވްވާ ވަރު ދަނީ އިތުރު ވަމުން-- ސަން ފޮޓޯ

އެހެން ބަލިތަކާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރާ މީހުން ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު އިތުރުވެއްޖެ ކަމަށާއި މިއީ ބަލީގެ ހާލަތު ގޯސްކަން އަންގައިދޭ ކަމެއް ކަމަށް ތަޖުރިބާކާރު ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ކޮވިޑްގެ ކޭސްތައް މަދުވެފައި އޮތުމަަށްފަހު، އަނެއްކާވެސް މިވަނީ ކޮވިޑް ކޭސްތައް އިތުރުވާން ފަށާފައެވެ. އެޗްޕީއޭއިން އިއްޔެ ވެސް ބުނީ، ކޮވިޑްގެ ކޭސްތައް ފުދޭވަރަކަށް އިތުރު ވަމުންދާ ކަމަށެވެ. އަދި ތަފާސްހިސާބުތައް ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށް އެ އޭޖެންސީން ބުންޏެވެ.

އެހެން ބައްޔަކާ ގުޅިގެން ވެސް ހޮސްޕިޓަލްގައި އެޑްމިޓް ކުރަނީ ކޮވިޑަށް ޓެސްޓްކޮށް ނެގަޓިވް ނަމައެވެ. ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދެނީ އެކަމަށް ހާއްސަ ކޮށްފައިވާ މަރުކަޒުތަކުގައެވެ.

އެތެރެހަށީގެ ޑރ. މުހައްމަދު އަލީ -- ސަން ފައިލް ފޮޓޯ

މަރުކަޒީ ހޮސްޕިޓަލް، އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ އެތެރެހަށީގެ ޑޮކްޓަރު މުޙައްމަދު ޢަލީ ރޭ ވިދާޅުވީ އެޑްމިޓް ކުރާ މީހުން ވެސް ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުން ކަމަށެވެ. އޭގެ މާނައަކީ، ކޮމިއުނިޓީގައި ކޮވިޑް ކޭސްތަކުގެ އަދަދު ވަރަށް ގިނަކަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންކަމުން ހޮސްޕިޓަލުގައި ބަލިމީހުންނަށް ޒިޔާރަތްކުރާ މީހުން، ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ. އަދި ޒިޔާރަތްކުރާ މީހުން ވެސް ލިމިޓް ކުރަން މަސައްކަތް ކުރޭ،" ޑރ. ކުރެއްވި ޓްވީޓެއްގައި ރޭ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އިލްތިމާސްކޮށްފައެވެ. އެގޮތުން ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޓެސްޓް ކުރުމަށާއި އެކަހެރި ވުމަށް އިރުޝާދު ދިނެވެ.

ކޮވިޑް ކޭސްތައް އިތުރު ވެފައިވާއިރު ރައްކާތެރިކަމުގެ ގޮތުން ކުރިން އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް ވަނީ އުވާލާފައެވެ. އެގޮތުން މާސްކް އެޅުމާއި ގިނަ މީހުން އެއްވެ އުޅުން ހަނި ކޮށްފައި އޮތްއޮތުން މީގެ ދެތިން މަހެއް ކުރިން ވަނީ ހުއްޓާލާފައެވެ. ނަމަވެސް އަދި އެފަދަ ފިޔަވަޅެއް އެޅުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް ކޭސްތައް އިތުރުވާން ފަށާފައިވާއިރު އިއްޔެ ވަނީ ގިނަ ދުވަސްތަކެއް ފަހުން އެ ބަލީގައި ރާއްޖޭން މީހަކު ވެސް މަރުވެފައެވެ.

އީދު ބަންދާއި ސްކޫލުތަކުގެ ބޮޑު ބަންދު ކުރިއަށް އޮތުމުން ގިނަ ބަޔަކު އަތޮޅުތެރެއަށާއި ރާއްޖޭން ބޭރަށް ދަތުރު ކުރާނެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައިފިނަމަ މިއީވެސް ބަލީގެ ހާލަތު އިތުރަށް ގޯސްވެ ގިނަ ބަޔަކަށް ބަލި ޖެހުމަށް މަގުފަހި ވެދާނެ ކަމެކެވެ.

comment ކޮމެންޓް