އާރުޓީއެލް ފެރީ: ހެޔޮ އަގެއްގައި ރަށްތައް ގުޅާލައިފި

އާރުޓީއެލް ފެރީގެ ނިޒާމުގައި ބޭނުންކުރާ އުޅަނދުތަކުގެ ފޮޓޯއެއް --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ހަނދާނަށް އަންނަނީ އަހަރުތަކެއް ކުރިން އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމަށް އުފުލަން ޖެހުނު ބުރައެވެ. ހޭދަވި ވަގުތާއި ކިތަންމެ އަވަހަކަށް ތަނަކަށް ދާން ވިޔަސް ދަތުރުކުރާ އުޅަނދުގެ ދުވެލި ހުރި މިންވަރަކުން ދާން ޖެހޭ މަންޒިލަށް ދިޔުމަށް މަޖުބޫރުކަންމަތީ އިންތިޒާރު ކުރަން ޖެހުނު ދުވަސްތަކެވެ. ޒަމާން ބަދަލުވެ އެ ހާލަތު ބަދަލުކޮށް އެ ވޭނާއި ބުރައަށް ނިމުމެއް ގެނެސް މިދިނީ، ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރުޓީއެލް) ފެރީގެ ޚިދުމަތެވެ.

އާރުޓީއެލް ފެރީގެ ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019އިން، 2023ގައި މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ޕަބްލިކް ފެރީގެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

ރާއްޖެ އެންމެ ފުރިހަމަ ގޮތުގައި ލާމަރުކަޒު ކުރުމަށް ބޭނުންވާ ވަސީލަތަކީ ވެސް ގުޅިލާމެހިފައިވާ ދަތުރުފަތުރުގެ ނިޒާމެކެވެ.

ރާއްޖޭގެ އާބާދީ އޮތީ ކަނޑުގެ ބޮޑު ރާސްތާއެއްގައި، ކުދި ޖަޒީރާ ރަށްތަކަކަށް ބެހިފައެވެ. އެހެންކަމުން މީހުން ދިރިއުޅޭ 188 ރަށުގައި ގިނަ ޚިދުމަތްތަކާއި ވަސީލަތްތައް ގާއިމުކުރުމަކީ ދިގު މުއްދަތެއް ހޭދަވާނެ ކަމެކެވެ. އެއީ ޚަރަދު ބޮޑު ކަމެކެވެ. އަދި އެއީ ދެމެހެއްޓެނިވި ގޮތެއް ވެސް ނޫންކަމަށް ސަރުކާރުން ބުނެއެވެ.

ދެމެހެއްޓެނެވި ގޮތެއްގައި އެންމެހާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅުވާލާ އެންމެންނަށްވެސް ލުއި ފަސޭހަކަމާއެކު ޚިދުމަތްތަކާ ހަމައަށް ވާސިލުވެވޭނެ އިންތިޒާމެއް އޮތުން މުހިންމު ކަމަށް ސަރުކާރުން ދެކެއެވެ. ރަށްރަށުގެ އިގްތިޞާދު އިތުރަށް ފުޅާކުރެވެން އޮތީ މީހުންނާއި ރަށްރަށުގެ އުފެއްދުންތައް އެއްރަށުން އަނެއް ރަށަށް ގެންދެވޭނެ ގޮތް މަގުފަހިވެގެންކަން ސަރުކާރުން ގަބޫލުކުރެއެވެ.

އާރުޓީއެލް ފެރީގެ ނިޒާމުގައި ބޭނުންކުރާ އުޅަނދުތަކުގެ ފޮޓޯއެއް --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

އާރުޓީއެލް ފެރީގެ ޚިދުމަތް ފެށުމާއެކު ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ރިޔާސީ ވައުދުގައި ކުލަ ޖެހެން ފެށީއެވެ. ހދ. އަތޮޅަށް މި މަހުގެ 12 ވަނަ ދުވަހު ވަނީ އެ ފެރީގެ ޚިދުމަތް ފަށައިފައެވެ.

ރަސްމީކޮށް އެ ޚިދުމަތް ދޭން ފެށީ މި މަހު 12 ވަނަ ދުވަހު ނަމަވެސް ޚިދުމަތް ދޭން ބޭނުންވާ 17 އުޅަނދުގެ ތެރެއިން ހދ. އަތޮޅަށް ބޭނުންވާ އުޅަނދުތައްވަނީ ނިންމާފައެވެ. ހަމައެއާއެކު މިދިޔަ މަހުގެ ދެވަނަ ދުވަހުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ޓެސްޓު ދަތުރުތަކެއްކޮށް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އެއްވެސް ކަހަލަ އުޖޫރައެއް ނުނަގައެވެ.

ނަމަވެސް މިހާރު ދަތުރުތަށް ރަސްމީކޮށް ފެށުމާއެކު ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކުގައި ޓިކެޓު ނަގައެވެ. އަދި ފާސްކޮށްފައިވާ ޝެޑިއުލްއާ އެއްގޮތަށް ކޮންމެ ދުވަހަކުވެސް ދަތުރުތައް ކުރަމުން ގެންދާނެއެވެ.

ދަތުރުތަކުގެ ޝެޑިއުލް ރާވާފައިވަނީ އާންމުކޮށް ދިރިއުޅޭ ރަށުން، ޚިދުމަތް ހޯދުމަށްދާ ރަށްތަކަށް ހެނދުނު ގޮސް ހަވީރު އެނބުރި ރަށަށް ދެވޭ ގޮތަށެވެ. ޒޯން ވަން ގައި މުޅި ޖުމްލަ 19 ރޫޓު ހިމެނޭއިރު ހދ. އަތޮޅުގައި ހިމެނެނީ ހަތަރު ރޫޓެވެ.

ހެޔޮ އަގެއްގައި އަތޮޅުގެ ކޮންމެ ރަށަކަށް

ހުރިހާ ކަމެއްވެސް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް ފަހިކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށް އަންނަނީ ބުނަމުންނެވެ. އާރުޓީއެލް ފެރީގެ ޓިކެޓު ވެސް ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ލިބޭނެކަން ކަށަވަރު ކުރުމަށް ޓަކައި އެ ޚިދުމަތަށް އަގު ނެގޭނެ މިންގަނޑުތައް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

އާރުޓީއެލްއަށް މިހާރު ކަނޑައަޅާފައިވާ އަގުތަކަކީ ދަތުރުގެ ހަމަ އަގަށް ބަލައި އަގުހެޔޮކުރުމުގެ ގޮތުން ސަބްސިޑައިޒް ކޮށްފައިވާ އަގުތަކެކެވެ. އިތުރު ލުޔެއްގެ ގޮތުން އެންމެންނަށް ވެސް ފަސޭހަކަމާއެކު ޓިކެޓު ނެގޭނެ ގޮތް ހެދުމަށް އޮންލައިންކޮށް ވެބްސައިޓު އަދި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ނެގޭނެ ގޮތް ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި ޒޯނު ޓާމިނަލްތަކުންނާއި ފެރީއިން ވެސް ޓިކެޓު ގަނެވެން ހުންނާނެއެވެ.

އާރުޓީއެލް ފެރީގެ ނިޒާމުގައި ބޭނުންކުރާ އުޅަނދުތަކުގެ ފޮޓޯއެއް --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ޒޯނު ޓާމިނަލްތަކަކީ އާރުޓީއެލް ފެރީގެ ޚިދުމަތަށް ޚާއްސަކޮށްގެން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަދަން ހަމެޖެހިފައިވާ ފެރީ ސްޓޮޕްތަކެވެ. އެއީ ޓިކެޓުގެ ޚިދުމަތުގެ އިތުރުން ދަތުރުކުރާ ފަރާތްތަކަށް މަޑުކޮށްލުމުގެ ފުރުސަތުދީ ވާރެއާއި އަވިން ރައްކާތެރިވުމުގެ ބޭނުމުގައި ހަދާފައިވާ ޓާމިނަލްތަކެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތަށް ދަތުރުފަތުރުގެ ނިޒާމު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑު ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާއެވެ.

އެގޮތުން މިހާރު ރަސްމީކޮށް ހދ. އަތޮޅަށް ދަތުރުތައް ފަށާފައިވާއިރު އާރުޓީއެލްގެ ފެރީގެ ޚިދުމަތާމެދު އެ އަތޮޅުގެ ރައްޔިތުން ހިތްހަމަ ޖެހޭކަމަށް ޖުމްލަކޮށް އަތޮޅުގެ ހުރިހާ ހިސާބަކުންވެސް އަންނަނީ ބުނަމުންނެވެ.

ހދ. އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ސިރާޖު ވިދާޅުވީ ރައްޔިތުން އާރުޓީއެލް ފެރީގެ ޚިދުމަތާމެދު އިންތިހާއަށް ހިތްހަމަޖެހޭ ކަމަށެވެ. އެ ޚިދުމަތް ހުރިހާ ގޮތަކުން ފަސޭހަކަމަށާއި ޚިދުމަތް ރަސްމީކޮށް ފެށުން ވެގެން ދިޔައީ ބޮޑު ހެޔޮ ބަދަލެއްގެ ފެށުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ފީޑްބެކްތައް ހަމަ ވަރަށް ރަނގަޅު. ހުރިހާ ކަމަކާ ބެހޭ ގޮތުން ވެސް. ތަފާތު ކަމެއް މިއީ. ކުރިއާ ޚިލާފަށް ހުރިހާ ގޮތަކުން ވެސް ފައިދާ ކުރަނިވި ކަމެއް. ރައްޔިތުން އުފާވޭ އަސްލު މިހާރު މިހާ ފަސޭހައިން ދަތުރުފަތުރު ކުރެވޭތީ،" ސިރާޖު ވިދާޅުވިއެވެ.

ހުރިހާ އެންމެންވެސް އެންމެ ބޮޑު ހިތްހަމަޖެހުމަކާއެކު ފާހަގަކުރާ ކަމަކީ އާރުޓީއެލް ފެރީގެ ޓިކެޓު ހެޔޮ އަގުގައި ލިބޭ ވާހަކައެވެ. ކުރީގައި އެންމެ ކައިރީގައި އޮންނަ ރަށްތަކަށް ވެސް ދެވެނީ މަދުވެގެން 200 ރުފިޔާ ޚަރަދު ކޮށްގެންނެވެ.

ނަމަވެސް މިހާރު އަތޮޅުގެ އެންމެ ދުރުގައި އޮންނަ ރަށަށްވެސް 200 ރުފިޔާއަށް ވުރެ ބޮޑު ނޫން އަގެއްގައި ދަތުރުކުރެވެއެވެ. އެވަރުވެސް ހޭދަވަނީ ދެކޮޅު ޓިކެޓު ނަގާނަމައެވެ. އެންމެ ކައިރީގައި އޮންނަ ރަށްރަށަށް ދިޔުމަށް އެއްކޮޅަށް ޚަރަދު ކުރަން ޖެހެނީ 35 ރުފިޔާއެވެ. އަދި ދުރު ރަށްރަށަށް 70 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ދަތުރުކުރެވެއެވެ.

ހދ. ހަނިމާދޫ ކައުންސިލުގެ ރައީސް ޢަބްދުލް ސައްތާރު ޙަސަން އާރުޓީއެލް ފެރީގެ ޚިދުމަތް ސިފަކުރެއްވީ ރައްޔިތުން އެތައް ދުވަހެއްވަންދެން ދެކެމުން އައި ހުވަފެންތަކުގައި ކުލަ ޖެހުމުގެ ގޮތުގައެވެ.

"ރައްޔިތުން މިކަމާ ދެކޭ ގޮތް ވަރަށް ރަނގަޅު. ހުރިހާ ގޮތަކުންވެސް ފަސޭހަ. ފައިދާ ކުރޭ. ކޮންފޮޓަބަލް، ވަގުތު ސަލާމަތްވޭ. ޚާއްސަކޮށް ރައްޔިތުންނަށް އެފޯޑަބަލް ޕްރައިޒްގަ ދަތުރުތައް ކުރެވޭ. ރައްޔިތުންގެ ފަރާތުން އަންނަނީ ވަރަށް ރަނގަޅު ކޮމެންޓްސް ހަމަ،" ސައްތާރު ވިދާޅުވިއެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތާ ބެހޭ ގޮތުން ހދ. ފިނޭ ކައުންސިލުގެ ރައީސް އަދުނާނު ޢަބްދުﷲ ވިދާޅުވީ ރަސްމީކޮށް ފެށިގެން ދިޔަ ޚިދުމަތާއެކު ލިބިގެންދިޔައީ އިތުރު ފަސޭހަތަކެއް ކަމަށެވެ. ދަތުރުކުރާ އުޅަނދުތައް ފަސޭހަ ކަމަށާއި ޓިކެޓުގެ އަގުތަކާ މެދު ވެސް ރައްޔިތުން ހިތްހަމަ ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"ދިގު އަދި ލަސް ދަތުރަކަށް ކުރިން ވަނީ. އެކަމު މިހާރު އަވަސް އަދި ދަތުރުވެސް ކުރުވޭ. އެތައް ފަސޭހަތަކެއް ދޯ. ކުރީގަ އަނެއްކާ ޓިކެޓުގެ އަގުވެސް އެހާމެ ބޮޑު. އެހެންވީމަ ޚިދުމަތާ ދޭތެރޭ ރައްޔިތުން ހިތް ހަމަޖެހޭ،" އަދުނާނު ވިދާޅުވިއެވެ.

އާރުޓީއެލް ފެރީގެ ނިޒާމުގައި ބޭނުންކުރާ އުޅަނދުތަކުގެ ފޮޓޯއެއް --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ދަތުރުފަތުގެ ނިޒާމަކުން ރާއްޖެ ގުޅާލުމަށް ރައީސް ޞާލިޙު ކުރައްވާ މަސައްކަތުގެ ކޮޅުމަތި ފެންނަ ކަމަށް ދެކޭ ރައްޔިތުންވެސް ގިނައެވެ. އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ހދ. އަތޮޅަށް ފެށުމުން ހދ. ހިރިމަރަދޫ ކައުންސިލުގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ ރަށުގެ ހުރިހާ ރައްޔިތުންވެސް ޚިދުމަތުގެ ފަސޭހަކަމުގެ ވާހަކަ ދައްކާކަމަށެވެ.

"ރައީސް ޞާލިޙަށް ޝުކުރު ހައްގުވާ ކަމެއް. ޝަކުވާއެއް ނުކުރޭ ރައްޔިތުންނެއް. ނުލިބޭ ޚިދުމަތެއް އަލަށް ލިބި އަދި ރަނގަޅަށް ލިބެން ފެށުމުން ރައްޔިތުން ވާނީ އުފާ. ރައްޔިތުން ދެކެނީވެސް އެގޮތަށް،" ވަހީދު ވިދާޅުވިއެވެ.

ހދ. އަތޮޅު ރައްޔިތުންގެ ތަރުހީބު އެންމެ ބޮޑަށް ލިބެނީ ކުރީގައި ދަތުރުފަތުރު ކުރުމަށް ހުރި އުނދަގޫތަކަށް ފަސޭހަތަކެއް ލިބުނީމަ ކަމަށް މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް ވިދާޅުވިއެވެ.

"ކުރީގަ އެހާ ގިނައިރުވޭ. އެހެން ރަށަކަށް ދާން ޖެހޭ ބޭނުމެއް ނުހިފޭ. ދަތުރުކުރަން ޖެހޭ އުޅަނދު ނުލާހިކު އުނދަގޫ. އަގު އެހާ ބޮޑު. ނަމަވެސް މިހާރު ކޮންފޮޓަބަލް އުޅަނދެއްގައި އަވަސް ގޮތަކަށް ދަތުރު ކޮށްފަ އެހެން ރަށަކަށް ދަތުރުކުރަން ޖެހޭ ބޭނުންވެސް ހިފޭ. ވަގުތު ސަލާމަތްވޭ. އަގު ރައްޔިތުންނަށް އެފޯޑު ކުރެވޭ،" އައުޒަމް ވިދާޅުވިއެވެ.

ހދ. އަތޮޅުން މިހާ ބޮޑު ތަރުހީބެއް މިހާރު ވެސް މިކަމަށް ލިބޭއިރު އެމްޓީސީސީގެ މަސައްކަތުން ކުރެވޭ ދަތުރުތަކަށް ވެސް ރައްޔިތުން ތައުރީފު ކުރެއެވެ. ދަތުރުތަކުގެ ފަސޭހަކަމާއި، ހީވާގި ކަމާއެކު ދަތުރުކުރަން ތިބޭ ކެޕްޓަނުންގެ ވާހަކަ ރައްޔިތުން ފާހަގަކުރަނީ އުފަލާއެކުގައެވެ.

ކޮންމެ މީހަކަށް ވެސް ދަތުރުކުރަން ފަސޭހަ، ރައްކާތެރި ފެރީތަކެއް

މުޅި ޖުމުލަ 50 މީހުންގެ ޖާގައިގެ އެ ފެރީތަކުގައި ދެ ސީޓު ޚާއްސަކޮށްފައި ވަނީ ފުރޮޅުލީ ގޮނޑީގައި ތިބޭ މީހުންނަށެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފެރީތަކުގައި ހިލޭ ދަތުރު ކުރެވޭއިރު، ދަތުރުކުރާ ކޮންމެ މީހަކާއެކު ތިން އަހަރުން ދަށުގެ ކުއްޖަަކަށް ވެސް ހިލޭ ދަތުރުކުރެވޭނެއެވެ.

އާރުޓީއެލް ފެރީން ދަތުރުކުރާ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރު ނިމެންދެން ތިބެވޭނެކަން ކަށަވަރުކޮށް، ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެމްޓީސީސީން ކުރާ މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެކެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އެންމެ ފަހުން ޕްލޭނިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޓީސީސީން ބުނީ އާރުޓީއެލް ފެރީގެ ހުރިހާ އުޅަނދެއް ދުއްވަން ވެސް ތިބޭނީ ކަމުގެ ތަޖުރިބާ ހުރި ތަމްރީނު ކޮށްފައިވާ ކެޕްޓަނުން ކަމަށެވެ. އަދި އެ މުވައްޒަފުންނަކީ ކޮންމެ ކަހަލަ ހާލަތެއްގައި ވެސް މަސައްކަތް ކުރަން ދަންނަ، ހީވާގި މުވައްޒަފުންތަކެއް ކަން ވެސް އެކުންފުނިން ފާހަގަކުރިއެވެ.

"މިހާރުވެސް އުޅަނދުތައް ދުއްވަން ތިބޭނީ ތަޖުރިބާ ހުރި މީހުން. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ ބޮޑަށް ސަމާލުކަންދޭ އެއް ކަންތައް. ރައްޔިތުުންނަށް އެންމެ ފަސޭހަވާނެ ގޮތަކަށް ހުރިހާ ޚިދުމަތްތަކެއް ވެސް އެންމެ ރަނގަޅު ގޮތުގައި ދިނުމަކީ އެމްޓީސީސީގެ އަމާޒު،" އެ ކުންފުނިން ބުންޏެވެ.

އެ ޚިދުމަތް ރަސްމީކޮށް ފަށައިގެން ކުރިއަށްދާއިރު އާންމުންގެ ތަރުހީބާއެކު ރަނގަޅު ގޮތުގައި ޚިދުމަތް ފޯރުކޮށްދެވޭ އެންމެ މައިގަނޑު ސަބަބަކީ ވެސް މިކަމުގައި އެމްޓީސީސީގެ ފުރިހަމަ ބައިވެރިވުމެވެ.

ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް އާރުޓީއެލް ފެރީގެ ޚިދުމަތް ގާއިމު ކުރާއިރު ހދ. އަތޮޅުގެ ތަޖުރިބާއިން ދޭހަ ވަނީ އެއީ ކާމިޔާބު ދަތުރުފަތުގެ ނިޒާމަކަށް ވާނެ ކަމެވެ.

comment ކޮމެންޓް