އާރަށު މައްސަލަ: ޒިޔަތުގެ ލެޕްޓޮޕްގެ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި މީހާގެ ހެކިބަސް ނަގައިފި

ރައީސް ޔާމީންގެ މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން ----

ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ލެޕްޓޮޕްގެ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާގެ ހެކިބަސް ނަގައިފިއެވެ.

އާރަށު މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އެ މައްސާލަގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

އެ މައްސަލައިގައި މިހާރު ކުރިއަށް ދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. މީގެ ކުރިން ދައުލަތުގެ އެއް ހެކިވެރިއެއްގެ ހެކިބަސް ނަގާފައިވާއިރު މިއަދު ހާޒިރު ކޮށްފައިވަނީ ޒިޔަތުގެ ލެޕްޓޮޕެއްގެ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ފުލުހެކެވެ.

މެންދުރު 12 ޖަހަން ވެފައި ވަނިކޮށް ފެށި އެ އަޑުއެހުން އެއް ގަޑިއިރުގެ ހުސްވަގުތުކޮޅަކަށް ފަހު އަލުން ފަށައި ނިންމާލާފައިވަނީ ހަތަރެއް ޖެހި ފަހުންނެވެ. ދިފާއުން، ރައީސް ޔާމީން އަދި ޔޫސުފް ނައީމްގެ ފަރާތުން ވަނީ ހެކިވެރިޔާއަށް ޓެކްނިކަލް ގިނަ ސުވާލުތަކެއް އަމާޒުކޮށްފައެވެ.

ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައި މަސައްކަތްކުރާ އިބްރާހިމް ޒުހައިރުއަކީ ޒިޔަތުގެ ލެޕްޓޮޕެއްގެ ފޮރިންސިކް ރިޕޯޓް ތައްޔާރުކުރި މީހާއެވެ. އަދި އެ ރިޕޯޓްގައި ވަނީ ޒިޔަތުގެ ވައިބާ ނަންބަރުން އެހެން ތިން މީހަކާ ކޮށްފައިވާ މުއާމަލާތްތައް ހިމަނާފައެވެ.

އެ މުއާމަލާތްތަކުގެ ތަފްސީލަށް ގޮސްފައި ނުވާއިރު އޭގެ ތެރޭގައި ހިމެނެނީ, ޔޫސުފް ނައީމްގެ އިތުރުން ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބު އަދި އިތުރު އަންހެނަކާ ކޮށްފައިވާ މެސެޖުތަކެއް ކަން ވަނީ ހާމަވެފައެވެ.

އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި އަދީބާއި ޒިޔަތު ވެސް ހިމެނެއެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް