ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ޚަރަދު ކުރާ ގޮތް ބަލަނީ

މިއަހަރު އެންމެ ގިނަ އަދަދަކަށް ފައިސާ ދީފައިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ބަލަހައްޓަމުންދާ ގޮތް ބެލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާޢިލް ހަބީބް މިއަދު 'ސަން'އަށް ވިދާޅުވީ ޕާޓީތަކަށް ލިބޭ އާމްދަނީއާއި ޚަރަދު ބަލަހައްޓަމުންދަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ހ)އާ އެއްގޮތަށްތޯ ބެލުމަށް، އީސީގެ އިންޓާނަލް އޮޑިޓް ޓީމެއް ދައުލަތުން ފައިސާ ދޭ ހަތަރު ޕާޓީގެ އޮފީހަށް ދާގޮތަށް ނިންމާފައިވާ ކަމަށެވެ.

ހަބީބް ވިދާޅުވީ މިއަދު އެ ކޮމިޝަންގެ ޓީމު ގޮސްފައިވަނީ އެމްޑީޕީގެ އޮފީހަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަހަށް ބަހާލައިގެން ދެން އޮތް ތިން ޕާޓީގެ އޮފީހަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރުން ފެށިގެން ޕާޓީތައް ގަވައިދުން އޮޑިޓް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން 10،000 މެންބަރުން ހަމަވާ ކޮންމެ ޕާޓީއަކަށް ދައުލަތުން ފައިސާ ދޭންޖެހޭނެއެވެ.

މިއަހަރު އެންމެ ގިނަ އަދަދަކަށް ފައިސާ ދީފައިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށެވެ. އެއީ 15.02 މިލިއަން ރުފިޔާއެވެ. އިދިކޮޅު ޕީޕީއެމްއަށް ދީފައިވަނީ 9.4 މިލިއަން ރުފިޔާއެވެ. އަދި ޖުމްހޫރީ ޕާޓީއަށް 5.5 މިލިއަން ރުފިޔާ ދީފައިވާ އިރު އަދާލަތު ޕާޓީއަށް 2.9 މިލިއަން ރުފިޔާ ދީފައިވެއެވެ.

comment ކޮމެންޓް