ކުރިއާލައި ވިސާއަށް އެޕްލައިކުރަން ސަމާލުކަން ދިނުމަށް ފޮރިން މިނިސްޓްރީގެ އިލްތިމާސެއް

ވަގުތީގޮތުން ހުޅުވި ޔޫކޭ ވިސާ އެޕްލިކޭޝަން ސެންޓަރު. -- ފޮޓޯ/ފޮރިން މިނިސްޓްރީ

ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ވިސާ ބޭނުންވާ ހާލަތްތަކުގައި ދުރާލައި ވަގުތު އޮއްވައި ވިސާއަށް އެޕްލައިކުރުމަށް ސަމާލުކަން ދިނުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ވިސާ ދޫކުރުމަކީ އެ ގައުމަކުން ކަނޑައަޅާފައިވާ ވަކި އުސޫލުތަކެއްގެ ދަށުން ކުރިއަށްދާ އަދި އެކަމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ހަމައެކަނި އެ ވިސާ ދޫކުރާ ގައުމަކަށް ލިބިފައިވާ ކަމެއް ކަމަށެވެ.

އެގޮތުން ވިސާ ދޫކުރުމަށް ހޭދަވާނެ މުއްދަތުތައް ކަނޑައެޅުމާއި އެކި ބާވަތުގެ ވިސާއަށް ތަފާތު ލިޔެކިޔުން ހުށަހަޅަން ޖެހުމާއި އަދި ބައެއް ހާލަތްތަކުގައި ބައޮމެޓްރިކްސް ނެގުމަށާއި އިންޓަވިއުއަށް ޚުދު ވިސާއަށް އެދޭ ފަރާތް ހާޒިރުވާންޖެހުން ހިމެނޭކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"ރާއްޖެއިން ބޭރަށް ދިވެހިން ދަތުރުކުރުމަށް ވިސާ ބޭނުންވާ ގައުމުތަކުގެ ތެރެއިން ރާއްޖޭގައި އެ ގައުމެއްގެ މިޝަނެއް ގާއިމުކުރެވިފައި ނުވާ ގައުމުތަކުގެ ވިސާ ހޯދުމުގެ ކަންކަމުގައި މިނިސްޓްރީން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން. ނަމަވެސް ވަކި އުސޫލުތަކެއްގެ ދަށުން ހަމައެކަނި ވިސާ ދޫކުރާ ގައުމެއްގެ ބާރުގެ ދަށުން ވިސާ ލިބޭނި. އެހެންކަމުން ވަގުތު އޮއްވައި ވިސާއަށް އެޕްލައި ކުރަން ޖެހޭ،" އެމިނިސްޓްރީގެ ބަޔާނުގައިއެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ވިސާ އެޕްލިކޭޝަނާއި ޕާސްޕޯޓު ފޮނުވަންޖެހޭ ހާލަތްތަކުގައި ވިސާ ޕްރޮސެސްކުރުމަށް އެ މިނިސްޓްރީގެ ޑިޕްލޮމެޓިކް ޕައުޗުގައި ޕާސްޕޯޓު ފޮނުވުމާއި އަނބުރާ ގެނައުމަށްވެސް ވަގުތު ހޭދަވާތީ އެ ކަމަށް ސަމާލުވުމަކީ ވަރަަށް މުހިންމު ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް ފަހަކަށް އައިސް ވިސާ ހޯދުމުގައި އެ މިނިސްޓްރީގެ އެހީތެރިކަމަށް އެދި ހުށައަޅާއިރު ވިސާއަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް އަދި ވިސާ ޕްރޮސެސްކުރުމަށް މިޝަންތަކުން ކަނޑައަޅާފައި ހުންނަ މުއްދަތަށްވުރެ ވަގުތު ކުޑަތަންވެފައި ވަނިކޮށް އެޕްލިކޭޝަން ފޮނުވުމާއި އެޕޮއިންޓްމަންޓް ތާރީޚު އަވަސްކުރުމަށް އެދެމުންދާކަން މިނިސްޓްރީން ފާހަގަކުރިއެވެ.

އެކަމާ ގުޅިގެން ފުރަން ހަމަޖެހިފައި އޮންނަ ތާރީޚަށް ވިސާ ނުލިބުންފަދަ ހާލަތްތައް ތަކުރާރުވަމުން ދާކަން ފާހަކުރެވޭ ކަމަަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން ކޮވިޑްގެ ހާލަތާ ގުޅިގެން ޝެންގެން ޤައުމުތައް ހިމެނޭހެން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީތައް ގިނަ ޢަދަދަކަށް ހުންނަ ސްރީލަންކާއަށް މިވަގުތު ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި ހަކަތައިގެ ކާރިސާއާ ގުޅިގެން ވިސާ ސެންޓަރުތަކާއި އެމްބަސީތަކުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރައި މަސައްކަތުގެ ގަޑިތައް މަދުކޮށް އެޕޮއިންޓްމަންޓްތައް ލިމިޓްކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ ސަބަބުތަކަށްޓަކައި، ރާއްޖެއިން ބޭރަށް ދިވެހިން ދަތުރުކުރުމަށް ވިސާ ބޭނުންވާ ގައުމުތަކުގެ ވިސާ ހޯދުމުގައި ލިޔެކިޔުންތައް ފުރިހަމަކުރުމަށާއި ދުރާލާ އެޕޮއިންޓްމަންޓް ހޯދާ އަދި ވިސާއަށް އެޕްލައި ކުރުމަށް ސަމާލުކަން ދިނުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރިއެވެ.

އެކަމަށްޓަކައި މިނިސްޓްރީގެ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ވިސާ ހޯދުމުގައި ދިވެހިންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރާނެކަން ފޮރިން މިނިސްޓްރީން ފާހަގަކުރިއެވެ.

comment ކޮމެންޓް