ފައިދާހުރި ކަންކަމަށް ވަގުތު ހުސްކުރުމަށް ޝަމީމް ޓުވިޓާއާ ދުރަށް

ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފައިދާ ހުރި އަދި މާނަފުން ރަނގަޅު ވާހަކަތަކާއި ކަންކަމަށް ވަގުތު ހުސްކުރުމުގެ ގޮތުން, ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ޙުސައިން ޝަމީމްގެ ޓުވީޓާ އެކައުންޓް ޑިއެކްޓިވޭޓް ކުރައްވައިފިއެވެ.

ޓުވިޓާއާ ދުރަށް ވަޑައިގެންނެވިއިރު ޝަމީމްގެ 34،000 ޓުވިޓާ ފޮލޯވަރުން ތިއްބެވެ.

ޕީޖީ ޝަމީމް މިއަދު "ސަން"އަށް ވިދާޅުވީ ބިނާކުރަނިވި ރަނގަޅު ވާހަކަތަކާއި ވިސްނުންތަކަށް ވަގުތު ވަރަށް ބޮޑަށް ހުސްކުރައްވަން ބޭނުންފުޅުވާކަމަށެވެ. އަދި މާނަފުން ވާހަކަތަކަށާއި ބިނާކުރަނިވި ވިސްނުމަށް ސޯޝަލް މީޑިއާ އަކީ އެންމެ ރަނގަޅު "މީޑިއަމް" ކަމަށް މިހާރު ދެކިވަޑައިނުގަންނަވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ބޭކާރު ވަގުތު ހޭދަކުރާކަށް ބޭނުމެއް ނުވޭ. މާނަފުން އަދި ރަނގަޅު "ކޮންވަސޭޝަން" ތަކަަށް ވަގުތު ހުސްކުރުން މާ މުހިއްމުވާތީ ޓުވިޓާ ދޫކޮށްލީ. ޕްރޮޑަކްޓިވް އެއްވެސް ނޫން، ވަލިއުބަލް އެއްވެސް ނޫން. އެހެންވީމަ ޓައިމްވެސް ވަލިއުބަލްވާ ގޮތަކަށް ވިސްނާފަ،" ޕީޖީ ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ދުރަށް ނުދާ ކަމަށާއި އަބަދުވެސް "އެވައިލަބަލް" ވާނެ ކަމަށެވެ. ފޯނު ކޯލުތަކުންނާއި ޓެކްސްޓު މެސެޖުންނާއި ކޮފީ މޭޒުތަކުން އަދި ޕްރެސް ކޮންފަރެންސް ތަކުން ވެސް ޝަމީމްއާ ދިމާވުމަށް ދައްޗެއް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެއްޗެއް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރާނަމަ ކުރާނީ ބްލޮގުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއީ ސިޔާސީ ގޮތުން ވެސް ޝަމީމަށް އުނދަގޫ ދުވަސް ކޮޅެކެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ޝަމީމް ޕީޖީގެ މަގާމުން ވަކިކުރުމަށް ފާސްކޮށްފައެވެ. އެމްޑީޕީ ޕީޖީ އިން އެގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ.

މި ހަފްތާގެ ތެރޭގައި ޕީޖީ ޝަމީމުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވެސް އެމްޑީޕީ ޕީޖީ އިން ވަނީ ނިންމާފައެވެ.

ޝަމީމް ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމި ނިންމުމާ ދެކޮޅަށް އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހިމެނޭގޮތަށް 18 މެންބަރަކު ވަނީ މިދިޔަ ހޯމަ ދުވަހު ތެދުވެފައެވެ.

comment ކޮމެންޓް