ރަށަކަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު 24 އަހަރަށް ޖަލަށް

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ މަސްތުވާތަކެތި ޕެކެޓުތަކެއް --

މާލެއިން ފުރަން އުޅުނު ލޯންޗަކުން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހަކު 24 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މާލޭ ބޮޑުތަކުރުފާނު މަގު ބޭންކްއޮފް މޯލްޑިވްސް ކުރިމަތިން 2020 ވަނަ އަހަރުގެ ޖޫން 27 ވަނަ ދުވަހު ފުރަން އުޅުނު ލޯންޗެއްގައި މަސްތުވާތަކެތި ގެންދަން އުޅުނު މައްސަލާގައި 24 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވީ ނ. ވެލިދޫ، ސުވާސާ، އިނާން އަޙްމަދުގެ މައްޗަށެވެ.

އިނާންގެ އަތުން ފެނުނީ 19.2616 ގްރާމު ޑައިމޯފިންއެވެ. އެހެންވެ އޭނާގެ މައްޗަށް އުފުލީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ.

އެ ދައުވާއަށް އިނާން ވަނީ އިންކާރުކޮށްފައެވެ. ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ މަސްތުވާތަކެތި މަސްތުވާތަކެތި ފެނިފައިވާ ސިނގިރޭޓު ފޮށި އޮތީ އެ ލޯންޗަށް އަރާ މީހަކަށް ވަގުތުން ފެންނާނެހެން ހާމައަށް ކަމުގައި ނުބުނެވޭނެ ކަމަށެވެ. އަދި އެތަކެތި ފެނިފައިވާ ތަަނަކީ ތަޅުލެވޭ ގޮތަށް ހުރި ތަނަކަށް ނުވިޔަސް އެތަނަކީ ފާޅުކޮށް ހާމައަށް އޮތްތަނެކޭވެސް ނުބުނެވޭނެ ކަމަށް އެ ހުމުގައިވެއެވެ.

އެ ސިނގިރޭޓް ފޮށިން އިނާންގެ ފިންގާޕްރިންޓް ވެސް ލިބިފައިވާ ކަމަށް އެ ހުކުމްގައިވެއެވެ.

ސައުވީސް އަހަރަށް ޖަލަށްލުމުގެ އިތުރުން 100،000 ރުފިޔާއިން އިނާން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ޖޫރިމަނާގެ ފަައިސާ އެއް އަހަރު ދުވަހުގެ ތެރޭ މީރާއަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމުގައި އޭނާއަށް ވަނީ އަންގާފައެވެ.

comment ކޮމެންޓް