ޔާމީން ދޫކޮށްލެއްވީ މިހާރު ގައުމުގެ ހާލަތު ބަދަލުވެއްޖެ ކަމަށް ރައީސަށް ފެނިވަޑައިގެން: ޒުހެއިރު

14:30


ހިމާޔަތް ދޭން ކަމަށް ބުނެ ސިފައިން ހައްޔަރުކޮށްގެން އާ ރަށަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދޫކޮށްލެއްވީ މިހާރު ގައުމުގެ ހާލަތު ބަދަލުވެއްޖެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަށް ފެނިވަޑައިގެން ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވެއްޖެ އެވެ.


އާ ރަށުގައި ބަންދުކޮށްގެން ހަފްތާއެއް ވަންދެން ގެންގުޅުމަށްފަހު އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އިއްޔެ ދޫކޮށްލެއްވުމާ ބެހޭ ގޮތުން މުހައްމަދު ޒުހެއިރު ވިދާޅުވީ ޔާމިނަކީ އޭރު ވެސް އަދި މިހާރު ވެސް މިނިވަނެއް ކަމަށެވެ. ޒުހެއިރު ވިދާޅުވީ ބައިނަލްއަގްވާމީ ފަރާތްތަކުން ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހަށް އެހީތެރިވެދޭން ހުށަހަޅާފައިވާ ހުށަހެޅުމަށް ތަރުހީބު ދެއްވާ ކަމަށާއި އެހެން ނަމަވެސް އެއިން ކަމަކަށް ބާރެއް އެޅުމަކާ ނުލައި ކުރީގައި އޮތް ހާލަތު ބަދަލުވެއްޖެ ކަމަށް ރައީސް ނަޝީދަށް ފެނިވަޑައިގެން ޔާމީން ދޫކޮށްލެއްވުމަށް ރައީސް އަމުރު ކުރެއްވީ ކަމަށެވެ.


އެއްވެސް ބޭފުޅެއްގެ ސަލާމަތާ ގުޅޭ ގޮތުން "ރިސްކެއް" ނަންގަވަން ކެރިވަޑައިނުގަންނަވާނެ ކަމަށް ބުދަ ދުވަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވިތާ 48 ގަޑިއިރު ނުވަނީސް ޔާމީން ދޫކޮށްލެއްވީ ކީއްވެތޯ ދެންނެވުމުން ޒުހެއިރު ވިދާޅުވީ ރައީސް އެހެން ވިދާޅުވީ އެ ދުވަހުގެ ހާލަތު އޮތް ގޮތުން ކަމަށެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އެކަމުގެ ހާލަތަށް ބައްލަވައި ޔާމީން ދޫކޮށްލެއްވުމަށް ރައީސް ނިންމެވީ ކަމަށް ޒުހެއިރު ވިދާޅުވި އެވެ.


ޒުހެއިރު އިތުރަށް ވިދާޅުވީ ސިޔާސީ ބޭފުޅުންނާ މެދު ކުރެވޭ ތަހްގީގްތައް އެންމެ މަތީ ދަރަޖައަށް ކުރިއަށްގެންދަވާނެ ކަމަށާއި އަދުލު އިންސާފު ގާއިމްކުރާ ކަމަށް ރައްޔިތުން ގަބޫލުކުރާ ފަދަ ވެއްޓެށް ގާއިމް ކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެހެން ނަމަވެސް އެއްވެސް މީހަކު ހިފާ ހައްޔަރުކޮށްގެން ކަންތައްތައް ކުރުމަކީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.


ޒުހެއިރު ވިދާޅުވީ ސިޔާސީ ފަރާތްތަކަށް ސަރުކާރުން ހިމާޔަތް ދެމުން އަބަދުވެސް ގެންދަންޖެހޭނެ ކަމަށެވެ. އަދި އެ ބޭފުޅުންނަށް ގެއްލުމެއް ނުވާނެ ގޮތަށް އެ ކަންތައްޔައް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު